އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ގަދަ ދެ ބާރުގެ ގޮތުގައި ބެލެވޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ކުޅުނު މެޗު 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ ކާމިޔާބު ކޮށްފިއެވެ.
މި މޮޅާއެކު މި ވަގުތު ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް މެންޗެސްޓާ ސިޓީއަށް 14 ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ. ވެސްޓް ބްރޮމް އާ ދެކޮޅަށް ދެ ވަނައިގައި އޮތް ޔުނައިޓެޑް ކުޅޭ މެޗުން އެ ޓީމު މޮޅުވިޔަސް ސިޓީގެ ލީޑު 11 ޕޮއިންޓަށްވުރެ ކުޑައެއް ނުވާނެއެވެ.
ސިޓީން މިރޭގެ މޮޅާއެކު ލީގުގައި ޖެހިޖެހިގެން މޮޅުވުމުގެ ރެކޯޑް 16 މެޗަށް އިތުރު ކޮށްލިއިރު، އެ ޓީމު މިރޭ ކުޅުނީ އެންމެ ފަހުން ކުޅުނު 3 މެޗުން 4 ލަނޑު ޖަހާފައިވާ ހުނަރުވެރި މިޑްފީލްޑަރ ޑޭވިޑް ސިލްވަރ ނެތިއެވެ.
މިރޭގެ މެޗުގައި ސިޓީއަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ ގުންޑޮގާންއެވެ. 20 ވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ ސާނޭ ނަގައިދިން ކޯނަރަކުން ބޮލުންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ސިޓީން ލީޑު ފުޅާ ކުރީ މެޗު ނިމެން 20 މިނިޓަށް ވެފައިވަނިކޮށެވެ. ޑި ބްރޭނާ މި ލަނޑު ޖެހީ ގުންޑޮގާން ދިން ޕާހަކުންނެވެ. ސިޓީގެ ދެ ވަނަ ލަނޑުގެ 6 މިނިޓު ފަހުން އެ ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ގެބްރިއަލް ޖީސަސް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދެ ވަނަ ފަހަރަށް ސްޓާލިންއަށް އެ ބޯޅަ ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.
ސިޓީއަށް 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 80 ވަނަ މިނިޓުގައި ރަހީމް ސްޓާލިން އެވެ. ޓޮޓެންހަމްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސިޓީން އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ސްޓާލިން މި ލަނޑު ޖެހީ ސާނޭ ދިން ޕާހަކުންނެވެ.
90 ވަނަ މިނިޓުގައި ސްޓާލިން އިތުރު ލަނޑެއް ޖަހައި ޓޮޓެންހަމް ލަދު ގަންނަވާލިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އެރިކްސަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް