ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ދެ އަހަރު ހޯދާފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑާއެކު 1-0 ގެ ނަތީޖާއިން ގްރެމިއޯ ބަލިކޮށް ރެއަލް މެޑްރިޑް އަނެއްކާވެސް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ.
އަބޫ ދާބީގެ ޒަޔެދް ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު ފައިނަލް މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ޖެހިޖެހިގެން ކްލަބް ވޯލްޑް ކަޕްގެ ދެ ފައިނަލެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. ކްލަބް ވޯލްޑްކަޕްގެ އޯލް ޓައިމް ޓޮޕް ސްކޯރަރ އަކީވެސް ރޮނާލްޑޯއެވެ.
މި އަހަރު ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށް 2017 ވަނަ އަހަރުގެ 5 ވަނަ ތަށި ރެއަލް މެޑްރިޑުން ހޯދިއިރު، ކްލަބް ވޯލްޑް ކަޕް ޖެހިޖެހިގެން ދެ އަހަރު ކާމިޔާބު ކުރި ހަމައެކަނި ކްލަބަކީވެސް ރެއަލް މެޑްރިޑެވެ. ރެއަލް މެޑްރިޑުން ވަނީ މި އަހަރުގެ ތެރޭގައި ސްޕެނިޝް ލީގު، ޗެމްޕިއަންސް ލީގު، ސްޕެނިޝް ސްޕަކަޕް އަދި ޔުއެފާ ސްޕަކަޕްގެ ތަށިވެސް އުފުލާލާފައެވެ.
އަންނަ ހަފުތާގައި ރެއަލް މެޑްރިޑުން އެލް ކްލެސިކޯ މެޗަށް ނުކުންނައިރު، މި މޮޅު ވެގެންދާނީ ރެއަލް މެޑްރިޑް އަށާއި މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މުހިންމު ކާމިޔާބީއަކަށެވެ.
މި އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވި އެޑިޑާސް ގޯލްޑަން ބޯލް ހޯދީ ރެއަލް މެޑްރިޑްގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެ ވަނަ ލިބުނުއިރު ތިން ވަނަ މަގާމް ހޯދީ ޕަޗޫކާގެ ޖޮނަތަން އުރެތަވިސްކަޔާއެވެ.
މިއަދު ކުޅެވުނު ތިން ވަނަ ހޮވާ މެޗު ކާމިޔާބުކޮށް މުބާރާތުގެ ތިން ވަނަ ހޯދީ ނޯތު، ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ޗެމްޕިއަން ޕަޗޫކާއެވެ. އެ ޓީމުން ގަތަރުގެ އަލް ޖަޒީރާ ބަލިކުރީ 4-1 ގެ ނަތީޖާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް