އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ނިޝާ ބިސްވާލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި މީގެއިތުރަށް ބައިނަލްޢަޤްވާމީ މަޝްރަޙުގައި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި، ދެޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.
އެ އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، އެމްބެސެޑަރ އެޓް ލާޖް އަޙުމަދު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ އަރިހުގައި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ބައެއް އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް