ގެއްލުނު ސަބަބު ހޯދުމަށްވުރެ މިވަގުތު އިސްކަމެއް މިދެނީ ގެއްލިގެން އުޅޭ މީހާ ހޯދަން: ސިދާތާ ޝަރީފް

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން މީހަކު ގެއްލިގެން ހޯދަމުން އަންނަ އިރު ގެއްލުނު ސަބަބާއި ބައެއްގެ އިހުމާލެ ވޭތޯއާއި ނުވޭތޯ ބެލުމަށްވު...

17 Dec 2014 | 08:48

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން މީހަކު ގެއްލިގެން ހޯދަމުން އަންނަ އިރު ގެއްލުނު ސަބަބާއި ބައެއްގެ އިހުމާލެ ވޭތޯއާއި ނުވޭތޯ ބެލުމަށްވުރެ މުހިންމީ ގެއްލުނު މީހާ ހޯދުން ކަމަށާއި ފުރަތަމަ ޕްރިއޯރިޓީއަކީ އެއީކަމަށް ޖެންޑާ މިނިސްޓްރީގެ ނައިބު ސިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ގެއްލިގެން ހޯދަމުން އަންނަނި ސ.ހިތަދޫ، ވެސްޓްބީޗް އަޙްމަދު މިޝްފާޤްއެވެ. މިޝްފާގުގެ އުމުރަކީ 28 އަހަރެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ސިދާތާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ހިންގަމުން އަންނަނީ ވަރަށް މަދު ރިސޯސްއަކާއެކު އެހެން ނަމަވެސް ފުލް ސްޓްރެޗްގައި ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށްވާއިރު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާ ގުޅިގެން ކުރަމުން އަންނަ ކަމަށް ސިދާތާ ވިދާޅުވި އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގަމުން އަންނަނީ ވަރަށް މަދު ރިސޯސްއަކާއެކުގަ، އެހެން ނަމަވެސް ފުލް ސްޓްރެޗްގަ އެތާންގެ މަސައްކަތްތައް ކުރިއަށްދަނީ، މިވަގުތު މުހިންމީ އެތާންގެ މުވައްޒަފުންނާ ސުވާލު ކުރުމާއި ކަން ހިނގި ގޮތާއި އިހުމާލު އޮތީ ކޮން ބައެއްތޯ ބެލުމެއް ނޫން، އެންމެ ފުރަތަމަ ޕްރިއޯރިޓީ މި ދެނީ ގެއްލިގެން އުޅޭ މީހާ ހޯދުމަށް: ސިދާތާ ވިދާޅުވިއެވެ.

ސިދާތާ އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ހާއްސަ އިސްކަމެއް ދީގެން އެތަނުގެ އިންތިޒާމްތަކާއި އެހެނިހެން ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރަމުން އަންނަ ކަމަށާއި އެކަމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

މިޝްފާގް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން އަންނައިރު މިޝްފާގު ލައިގެން ހުރި ޓީޝާޓް ކަމަށް ބެލެވޭ ޓީޝާޓަކާއި މިޝްފާގުގެ ފައިވާންކަމަށް ބެލެވޭ ފައިވާނެއް ސިފައިންނަށް ފެނިފައިވާކަމަށް ކ.ގުރައިދޫން ދުވަހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުންނާއި ނަންނުޖެހުމަށް ސަރުތުކޮށް އެރަށުގެ ކައުންސިލަރަކުވެސް ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން، ސިފައިން އަދި ޖެންޑާ މިނިސްޓްރީން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް