ކްލަބް ވާރލްޑްކަޕް: ރިއާލް މެޑްރިޑް ފަސޭހަކަމާއެކު ފައިނަލަށް ދަތުރުކޮށްފި

ފީފާ ކުލަބް ވާރލްޑްކަޕްގެ ސެމީފައިނަލްގައި މެކްސިކޯގެ ކުރުޒް އަޒުލް ފަަސޭހަކަމާއެކު ބަލިކޮށް ރިއާލް މެޑްރިޑް ފަސޭހަ ކަމާއެކު ފައިނަލަށް ދަތުރުކޮށްފިއެވެ. މުބާރާތް ބާއްވާ ގައުމުކަމަށްވާ މޮރޮކޯގެ މަރަކެ...

17 Dec 2014 | 06:54

ފީފާ ކުލަބް ވާރލްޑްކަޕްގެ ސެމީފައިނަލްގައި މެކްސިކޯގެ ކުރުޒް އަޒުލް ފަަސޭހަކަމާއެކު ބަލިކޮށް ރިއާލް މެޑްރިޑް ފަސޭހަ ކަމާއެކު ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތް ބާއްވާ ގައުމުކަމަށްވާ މޮރޮކޯގެ މަރަކެހް ސްޓޭޑިއަމްގައި ކުޅުނު މެޗު ރިއާލްއިން ކާމިޔާބުކުރީ ތަފާތުބޮޑު 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ރިއާލް ޖެހިޖެހިގެން މޮޅުވި 21 ވަނަ މެޗެވެ.

މެޗުގެ ފުރަތަމަ ގޯލް މެޗުގެ 15 ވަނަ މިނެޓުގައި ޓޯނީ ކުރޫސްގެ ހުރަހަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރ ސާޖިއޯ ރާމޯސްއެވެ. އަދި ހާފް ނިމުމުގެ ކުރިން ރިއާލްއަށް ލީޑު ފުޅާކޮށްދިނީ ފްރާންސްގެ ފޯވަރޑް ކަރިމް ބެންޒެމާއެެވެ.

ހާފް ނިމުމުގެ ކުރިން މެޗަަށް އަނބުރާ އައުމަށް ކުރުޒް އަޒުލްއަށްވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން ރިއާލްގެ އޭރިއާ ތެރެއިން ރާމޯސް ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ ކުރުޒް އަޒުލްއަށް ޕެނެލްޓީއެއް ދީފައެވެ. ނަމަވެސް  ޓޮރާޑޯގެ ޕެނެލްޓީ ރިއާލްގެ ކީޕަރ އީކަރ ކަސިލަސްވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ބޭލްގެ ގޯލުން ރިއާލް ލީޑު އިތުރަށް ފުޅާކުރިއެވެ. އަދި 72 ވަނަ މިނެޓުގައި އިސްކޯގެ ގޯލާއެކު ރިއާލްއަށް ފައިނަލް ޔަގީން ކޮށްދިނެވެ.

ވޭތުވެދިޔަ 8 މެޗުގައި 10 ގޯލް ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މެޗުގައި ގޯލެއް ޖެހިފައިނުވިނަމަވެސް ބޭލް އަދި އިސްކޯގެ ގޯލަށް އެސިސްޓަ ކޮށްދީފައިވަނީ ރޮނާލްޑޯއެވެ.

ފައިނަލްގައި ރިއާލް ވާދަކުރަންޖެހޭނީ ސައުތް އެމެރިޚާގެ ޗެމްޕިއަން ސެން ލޮރެންޒޯ ނުވަތަ އޯޝެނިއާގެ ޗެމްޕިއަން އޯކްލޭންޑް ސިޓީއާއެވެ. މި ދެޓީމް ކުޅޭ ސެމީފައިނަލް މިރޭ އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް