އިންޑޮނީޝިއާގެ ހޮހަޅައަކުން އެތައް ހާސް އަހަރެއް ކުރީގެ 3.9 ކިލޯގެ ބިޔަ ދޫންޏެއްގެ ބައިތަކެއް ހޯދައިފި

17 Nov 2026 | 21:42
އިންޑޯނީޝިއާއިން ފެނުނު ދޫނީގެ ސިފަތައް ކަމަށް ބުނާ އޭއައި ކުރެހުމެއް --

އިންޑޯނީޝިއާއިން ފެނުނު ދޫނީގެ ސިފަތައް ކަމަށް ބުނާ އޭއައި ކުރެހުމެއް --

އިންޑޮނީޝިއާގެ ފްލޯރެސް ޖަޒީރާގެ ލިއަންގް ބުއާ ހޮހަޅައިން ގާތްގަނޑަކަށް 3.9 ކިލޯ ބަރުދަން ހުންނާނެ ކަމަށް ލަފާކުރެވޭ، ކުކުޅާ ވައްތަރު ޒާތެއްގެ ޒަމާންވީ ބިޔަ ދޫންޏެއް ސައިންސްވެރިން ދެނެގެންފިއެވެ.

މެގަޕޯޑިއަސް ރޮކޫސީ ނަމަކަށް ކިޔާ މި ދޫންޏަކީ މެގަޕޯޑް އާއިލާގެ އެ ޖީނަސްއިން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު މެންބަރެވެ. ދޫނީގެ ފޮސިލް ނެގިފައި ވަނީ 2009 ވަނަ އަހަރު އެ ހޮހަޅައިގައި ކުރިއަށް ގެންދިޔަ ކޮނުމުގެ ތެރެއިންނެވެ. ފެނުނީ ކަނާތު ފައިގެ ތިރީ ކައްޓެއްގެ ފުރިހަމަ ނޫން ބައެއް ކަމަށް ވިޔަސް، އެ ފޮސިލް ހިމެނޭ ބިމުގެ ފަށަލަތަކުގެ އުމުރު 120,000 އާއި 190,000 އަހަރާ ދެމެދު ކަމަށް ލަފާކުރެވެއެވެ.

Advertisement

ދިރާސާވެރިން ކަމަށްވާ ހަނެކޭ ޖޭ. އެމް. މައިޔާ، ތޯމަސް ސުތިކްނާ، އީ. ވާހްޔޫ ސަޕްތޯމޯ އަދި މެތިއު ޑަބްލިއު. ޓޯޗެރީ ވަނީ އެ ކައްޓެއްގެ ބައްޓަމާއި ސިފަ އެހެން މެގަޕޯޑް ބާވަތްތަކާ އަޅައިކިޔައި، ކުރިން ނޭނގޭ ތަފާތު ބާވަތެއް ކަން ކަށަވަރުކޮށްފައެވެ. ދޫންޏަށް ނަން ދީފައި ވަނީ ލިއަންގް ބުއާގެ ޖަނަވާރު ފޮސިލް ދިރާސާ ކުރުމުގައި ބޮޑު ހިއްސާއެއް އަދާ ކުރި، ނިޔާވެފައިވާ އިންޑޮނީޝިއާގެ ޒޫ-އާކިއޮލޮޖިސްޓް ރޯކޫސް ދޫއޭ އަވޭގެ ހަނދާނުގައެވެ.

މިހާރު ފްލޯރެސްގައި އުޅޭ މެގަޕޯޑް ބާވަތް ކަމަށްވާ އޮރެންޖް-ފުޓެޑް ސްކްރަބްފައުލްގެ ބަރުދަނުގައި ހުންނަނީ 0.5 އާއި 1.2 ކިލޯއާ ދެމެދުގައެވެ. ވީމާ އައު ބާވަތް ހުރީ އެ ދޫންޏަށް ވުރެ އެތައް ގުނައެއް ބޮޑުކޮށެވެ. ނަމަވެސް މި ދޫންޏަށް އުދުހެވޭ ކަމެއް ދިރާސާވެރިންނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. އެއީ ކޮނޑާއި ފިޔައެއްގެ ކައްޓެއް ފޮސިލްގައި ނެތީމައެވެ.

މެގަޕޯޑް ދޫނިތައް ބިސް ފީކުރުމުގައި ގެންގުޅެނީ ތަފާތު އުކުޅެކެވެ. ކުކުޅެކޭ އެއްގޮތަށް ބިސް މައްޗަށް އެރި ހޫނުކުރުމުގެ ބަދަލުގައި، ފަހެއް ނުވަތަ ގަސްކުނިން ހަދާ ފުންޏެއްގައި ބިސް ވަޅުލައެވެ. އިރުގެ ހޫނާއި ކުނިވާ ގަސްގަހުގެ ހޫނާއި ޖިއޯތާމަލް ހޫނުން ބިސް ފީކުރެއެވެ. އެ ދޫނީގެ ފިޔޮކަކީ ފީވެގެން ނިކުންނައިރު ވެސް ބެލެނިވެރިއެއްގެ އެހީއާ ނުލައި ހަރަކާތްތެރިވެ އުޅެވޭ ވަރަށް ތަރައްގީވެފައިވާ ފިޔޮކެކެވެ.

ލިއަންގް ބުއާ ހޮހަޅައަކީ ކުރިން ވެސް ބޮޑު އާކިއޮލޮޖިކަލް ހޯދުންތަކެއް ކުރެވިފައިވާ ތަނެކެވެ. 2003 ވަނަ އަހަރު އެ ތަނުން ވަނީ ހޯމޯ ފްލޯރެސިއެންސިސް ގެ ބާކީތައް ފެނިފައެވެ. މިއީ ކުޑަ އިސްކޮޅުގެ ސަބަބުން "ހޮބިޓް" ގެ ނަމުން މަޝްހޫރުވި އިންސާނާގެ ޒަމާންވީ ގާތްތިމާގެ ބާވަތެކެވެ. ނަމަވެސް މި ބިޔަ ދޫންޏާއި ހޯމޯ ފްލޯރެސިއެންސިސް އެއް ޒަމާނެއްގައި ދިރިއުޅުނު ކަމެއް ކަށަވަރެއް ނުވެއެވެ.

މި ފޮސިލަކީ ދެކުނު-އިރުމަތީ އޭޝިއާ އާއި އޮސްޓްރޭލިއާ ދޭތެރޭ އޮންނަ ވޮލޭސިއާ ސަރަހައްދުން ނެތިގެން ގޮސްފައިވާ މެގަޕޯޑް ބާވަތެއް ސިފަކޮށްދޭ ފުރަތަމަ ހެއްކެވެ. އެ ސަރަހައްދުގައި އެއް ޒަމާނެއްގައި މިއަދަށް ވުރެ ގިނަ ބާވަތްތައް އުޅުނު ކަމަށް މި ހޯދުމުން ދައްކައެވެ. ދޫނީގެ ދިރިއުޅުމާއި ކެއުމާއި ނެތިދިޔަ ސަބަބު ދެނެގަތުމަށް އިތުރު ފޮސިލް ހޯދަން ޖެހޭނެ ކަމަށް ދިރާސާވެރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް