ނައިބު ރައީސް ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށް ފާއިތުވި ތިން އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުގާނު މިހެން ވިދާޅުވީ ސަރުކާރުގެ ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެވެ.
ނައިބު ރައީސް ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެ މުޖުތަމަޢަށް ނިކުތީ ޤައުމީ ލޯތްބާއި ރަނގަޅު އަޚުލާޤު އަށަގެންފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ. އެ ޒުވާނުންނަކީ ކުރިއަށް އޮތް ތާނގައި މުއައްސަސާތަކާ ހަވާލުވާ ވަގުތު ވަގުތަށް ކަމޭހިތާ ހެޔޮލަފާ ބަޔަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުން ދީނީ ގޮތުން ހޭލުންތެރި ގިނަ ޒުވާނުންތަކެއް ތައްޔާރުކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ނެޓްބޯޅައާއި ފުޓްސަލް ކޮމްޕްލެކްސެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގައި ކްރިކެޓް ސްޓޭޑިއަމެއް ވެސް ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ޤައުމީ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ ޚާރިޖީ ސިޔާސަތެއް ތަންފީޒުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެގޮތުން އެކުވެރި ޤައުމުތަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ޤަދަރު އުފުލައި، ބޭރުގެ ވުނަކުރުންތައް ގެނައުމުގައި ކާމިޔާބީ ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ސިޑްސްގެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އަޑަކީ މިހާރު ވަރަށް މުހިންމު އަޑެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ ގޮތުން ނައިބު ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާކުރުމާ އެކު، އިސްރަށްވެހިންގެ ތަޖުރިބާއާއި ފިކުރު ޒުވާން ޖީލަށް ފޯރުކޮށްދިނުމުގެ މަސައްކަތް އިސްރަށްވެހިންގެ ނާދީ މެދުވެރިކޮށް ހިނގަމުންދާ ކަމަށެވެ. އަދި ޚުލްޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި އިޙްތިރާމް އަދާކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވާހަކަފުޅު ނިންމަވައިލެއްވީ ކުރިއަށް އޮތް ދެ އަހަރުގައި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމައަށް އަދާކުރެއްވުމުގައި ދެމިތިއްބަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް