އިސްތިއުމާރީ އިޒްރޭލާ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ގާނޫނީ ގޮތުން އިތުރަށް ހަރުދަނާކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކޮށް ބައްލަވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އިސްރާއީލާއެކުގައި މި ގައުމުގެ ގުޅުމެއް ނޯންނާނެ. އެ ނޫން ހުރިހާ ގައުމަކާއި ގުޅުން ބާއްވާނަން. ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ގުޅުން ބަދަހިކުރާނަން." ރައީސް ވިދާޅުވިއެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހެދުމަށް "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު" ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. މި އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.
ޒަޔަނިޒަމާ ދެކޮޅު ކަމަށާއި އިޒްރޭލުގެ ރައްޔިތަކަށް ރާއްޖޭގައި ހުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ފާހަގަކުރައްވާފައިވާ ގޮތުގައި، ހާރިޖީ ސިޔާސަތުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންގުޅުއްވަނީ "ފުރަތަމަ ރާއްޖެ" ސިޔާސަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް