ފާއިތުވި ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނިން 1.45 ބިލިޔަން އެމެރިކާ ޑޮލަރު އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރަނި ދެއްކުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. ކުރީގެ 10 އަހަރާ އަޅައިބަލާއިރު މި ތިން އަހަރު ދެއްކި ޖުމްލަ އަދަދު 483 މިލިޔަން ޑޮލަރު އިތުރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކަރަންސީ ސްވޮޕާއި އެކީގައި 1.45 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައިފި. މިއީ، މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދު. އެ އަދަދަކީ މީގެ ކުރީގެ 10 އަހަރު ކުރީގައި ދެއްކި އަދަދަށްވުރެ 483 މިލިޔަން ޑޮލަރު އިތުރު އަދަދެއް." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދަރަނި އަދާކުރަމުން ދިޔައިރު ވެސް ރައްޔިތުންނަށް ދެމުންދާ އެއްވެސް ހިދުމަތެއް މެދުކެނޑިފައި ނުވާ ކަމަށާއި، ބަޖެޓް ޑެފިސިޓް ވެސް ކުޑަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ދައުލަތުގެ ރިޒާވް ރެކޯޑް މިންވަރެއް ކަމުގައިވާ 1.3 ބިލިޔަން ޑޮލަރަށް އުފުލުނު ކަމަށް ވިދާޅުވިއެވެ. ދަރަނި ދެއްކުމުގެ ސަބަބުން ރިޒާވް ދަށަށް ދިޔަ ނަމަވެސް، އަންނަ އަހަރު އެއަށްވުރެ މައްޗަށް ރިޒާވް ގެންދެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ކްރެޑިޓް ރޭޓިން އެއް ހަމައެއްގައި ހިފެހެއްޓެމުންދާ ކަމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް އެކަން ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް