ފޮޓޯ: އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފާއިތުވި ތިން އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ ކުލި ކުޑަކުރުމާއި ބިން ހިއްކުމާއި އަތޮޅުތެރޭގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން އެޗްޑީސީން ބުނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި 3,960 ހައުސިންގ ޔުނިޓް ބިނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ށ. މިލަންދޫ، ރ. ދުވާފަރު، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ގަން، ފޭދޫ، ހިތަދޫ އަދި މަރަދޫ ހިމެނެއެވެ. މީގެ އިތުރުން މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ޚާއްޞަ 198 ޖާގައިގެ ކޯ-ލިވިންގ "އެކުވެހި" ބޭނުންކުރަން ފެށުމާ ގާތްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ކޮންމެ ފުލެޓެއްގެ ޖުމްލަ އަގުން އެވްރެޖްކޮށް 200,000 ރުފިޔާ އުނިކޮށް، ކުރިން މަހަކު 8,500 ރުފިޔާގެ ގޮތުގައި ދައްކަމުން އައި ކުލި ހަތް އަހަރުގެ މުއްދަތަށް 4,984.21 ރުފިޔާއަށް ތިރިކޮށްފައިވެއެވެ. ހަމައެހެންމެ 2024 ފެބްރުއަރީ މަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދީފައިވެއެވެ. ވިނަރެސް ފުލެޓުތަކާ ގުޅޭ ގޮތުން 2025 ޖެނުއަރީގައި ތަޢާރަފުކުރި ލުއިތަކުގެ ތެރޭގައި ޑައުންޕޭމަންޓުން 50 އިންސައްތަ އުނިކުރުމާއި، މަހު ކުލިން 4,200 ރުފިޔާ ކެނޑުމާއި، މެނޭޖްމަންޓް ފީ 1,000 ރުފިޔާއަށް ކުޑަކުރުމުގެ އިތުރުން އިންޓަރެސްޓް ރޭޓު ނުވައެއް އިންސައްތައިން ހައެއް އިންސައްތައަށް ދެރުންކުރުން ހިމެނެއެވެ.
ބިން ހިއްކުމުގެ ރޮނގުން ބަލާއިރު ރަސްމާލެ މަޝްރޫޢުގެ ދަށުން 2026 ނޮވެމްބަރު ދިހައެއްގެ ނިޔަލަށް 713.43 ހެކްޓަރު ހިއްކައި ނިންމާފައިވެއެވެ. ބިންވެރިޔާ ސްކީމުން ދޫކުރާ 698 ގޯތީގެ ބޭނުމަށާއި ކުރިމަގުގެ ތަރައްޤީއަށް ހުޅުމާލެ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރު ހިއްކައި، ތިލަފުށީ ދެ ވަނަ ފިޔަވަހިން 117 ހެކްޓަރު ހިއްކައިފައިވާއިރު، ތިލަފުށިން އިތުރު 102 ހެކްޓަރު ހިއްކުމުގެ މަސައްކަތް ވެސް ފެށިފައިވެއެވެ.
ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ހިޔާ 16 ޓަވަރަށް ޖުމްލަ 32 ލިފްޓު ބަހައްޓައި، ނުހެދި ހުރި މަގުތައް ހަދައި، 88 ސްޕީޑް ބަމްޕަރު ޤާއިމުކޮށް، ރައުންޑްއެބައުޓާއި ބަސް ހުއްޓިތައް އިތުރުކޮށްފައިވެއެވެ. ފޭސް ދޭކުގައި އެންވަން ސްޕޯޓްސް ޕާކާއި ކުޅިވަރު އެކުވެނި ނިންމައި، ފިތުރޯނު ޕާކާއި ސްޓެލްކޯ ޕާކާއި ވިނަރެސް ޕާކާއި ޕޮކެޓް ޕާކުތަކާއި އައުޓްޑޯ ޖިމްތައް ތަރައްޤީކޮށްފައިވެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓުގެ އާ އިމާރާތް ނިންމައި ހަވާލުކުރި އިރު، 20 އަހަރެއްހާ ދުވަހު ނުނިމި އޮތް ފަސް ތަރީގެ މޭންހަޓަން ގްރޭންޑް ހޮޓެލް ހުޅުވައި، 2017 ގައި ފެށި "ހިޔާ ވެހި" ސްޓާފް ހައުސިންގ ވެސް ނިންމައި 400 އަށް ވުރެ ގިނަ މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްފައިވެއެވެ.
ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމުގެ ރޮނގުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ (އާރްޓީއައި) ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ސަރުކާރު ޙިއްޞާވާ ކުންފުންޏަށް އެޗްޑީސީ ވެފައިވާއިރު، ރިވެލި އެވޯޑް 2026 އާއި މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއް ވަނަ ވެސް ހޯދާފައިވެއެވެ. ހިޔާ އަދި ވިނަރެސް މަޝްރޫޢަށް ޗައިނާއިން ނެގި ބޮޑެތި ލޯނުތައް ފަސް އަހަރަށް ރީސްޓްރަކްޗާކޮށް، ރުފިޔާ އާއި ޑޮލަރުގެ ލިކުއިޑިޓީއަށް ބޮޑު ލުޔެއް ހޯދައިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެޗްޑީސީން ވަނީ 2025 އިން 2030 އަށް އަމާޒުކޮށް ސްޓްރެޓީޖިކް ޕްލޭނެއް ވެސް އިފުތިތާޙުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް