ވީއައިއޭއަށް ގެނައި ބަދަލުތަކާ އެކު މި ތިން އަހަރު ބޮޑެތި ކާމިޔާބީތައް ހޯދިއްޖެ: އެމްއޭސީއެލް

17 Nov 2026 | 20:40
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްޤީގެ މަސައްކަތްތަކުން އިޤުތިޞާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް ބުނެފިއެވެ.

އެ ކުންފުނިން މި ހެންބުނީ މި ސަރުކާރަށް މިއަދު ތިން އަހަރު ފުރުމާއި ގުޅިގެން ނެރުނު ބަޔާނުގައި އެވެ.

Advertisement

އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިދިޔަ އަހަރުގެ މިނިވަން ދުވަހު ބޭނުންކުރަން ފެށި އާ ޕެސެންޖާ ޓާމިނަލްގެ ސަބަބުން ދަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މައްޗަށް ގޮސް، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޖަވާބުދެވޭނެ ޤާބިލުކަން ލިބިފައިވެއެވެ. ހަމައެހެންމެ ކުރީގެ ބައިނަލްއަޤުވާމީ ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަކަށް ބަދަލުކުރުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކާ ގުޅުވައިދޭ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކާގޯ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. ސީ-ޓު-އެއާ ކާގޯ އިނީޝިއޭޓިވްގެ ތެރެއިން 2024 ވަނަ އަހަރު އިމްޕޯޓާއި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތު ފުޅާކުރެވިފައިވެއެވެ.

އޭގެ އިތުރުން އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކޮށް ތެޔޮ ރައްކާކުރުމާއި ފޯރުކޮށްދިނުމުގެ ނިޒާމު ފުޅާކުރެވިފައިވާ ކަމަށާއި، އާ ފަޔާ ސްޓޭޝަނާ އެކު ކުއްލި ހާލަތްތަކަށް ތައްޔާރަށް ތިބުމުގެ ޤާބިލުކަން ވެސް އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

"މި މުހިންމު ވަސީލަތްތަކާއެކު ހިދުމަތް ދޭން ފެށިފައިވާއިރު، އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ހިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ ފުރިހަމަ އެއާޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ސަރަޙައްދީ ފެންވަރުގެ ފުރިހަމަ އެއާޕޯޓަކަށް ވީއައިއޭ ހެދުމަށް ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް