ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ މައި ހޯލުގެ ކާޕެޓު ބަދަލުކުރުމަށް ޕާކިސްތާނު ސަރުކާރުން ފައިސާގެ އެހީތެރިކަން ދީފިއެވެ.
މި ފައިސާ ހަވާލު ކުރީ މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
ފައިސާގެ ޗެކު ހަވާލުކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދިއެވެ. އަދި އިސްލާމީކަންތައްތަކާއި އައުޤާފާ ވުޒާރާގެ ފަރާތުން ޗެކާއި ހަވާލުވެލެއްވީ ޕާމަނަންޓު ސެކްރެޓަރީ އަޙްމަދު އަދީލްއެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަމަށްޓަކައި މިނިސްޓްރީގެ ފަރާތުން ޕާކިސްތާނު ސަރުކާރަށާއި، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށާއި ހައި ކޮމިޝަނުގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުކުރި އެވެ.
އެހީގެ ގޮތުގައި ދިން ފައިސާގެ އަދަދެއް އިސްލާމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ޕާކިސްތާނު ސަރުކާރުގެ އެހީއާއެކު، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް