ފޮޓޯ: ޕޮލިސް
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ހައްޔަރު އަމުރާއި މެދު ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މިމަހުގެ ދެ ވަނަ ދުވަހު ޝާހިދު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޢެވެ. އެ މައްސަލައިގަ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުމާ ގުޅޭ ގޮތުން ހައި ކޯޓުން މީޑިއާއަށް ބުނީ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ.
މިއަދު އަޑު އެހުން ބާއްވާފައި މިވަނީ މި މައްސަލައިގެ އިސްތިއުނާފު ފުރަތަމަ އަޑު އެހުން ކެންސަލް ކުރުމަށް ފަހު އެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ވަނީ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. ޝާހިދު ވިދާޅުވީ "މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި ސިޔާސީ އެއްވެސް މަޤުޞަދެއް ނޯންނާނެ ކަމަށެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ 64 އަހަރުގެ ޝާހިދުގެ މައްޗަށް މި ތުހުމަތުތައް ކުރެވިފައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު ޝާހިދު ފައްޓަވާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް