ވަކި ޕާޓީއަކަށް ވަނުމަށް މަޖުބޫރުކުރުން ނަފުސާނީ މައްސަލައަކަށް ވެއްޖެ: ފައިސަލް

17 Nov 2026 | 14:11
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ

ސަރުކާރު މުވައްޒަފުންނަށް ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ބާރުއެޅުން ނަފުސާނީ ބޮޑު މައްސަލައަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުއްޓުމެއް ނެތި ލިބެމުން އަންނަ ކަމަށެވެ. ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ފައިސަލް ވަނީ އެ ޢަމަލު ޤާނޫނުއަސާސީއާ ސީދާ ޚިލާފު ކަމަށް ސިފަކުރައްވައިފައެވެ.

Advertisement

"ވަކި ވަޒީފާއެއްގައި ހުރީތީ ވަކި ޕާޓީއަކަށް ވަންނަން މަޖުބޫރު ކުރުވާ ކުރުން ރާއްޖޭގައި މެންޓަލް ބޮޑު މައްސަލައަކަށް ވާ ހިސާބަށް ގޮއްސި،" ފައިސަލް ވިދާޅުވިއެވެ.

އެކަން ވަގުތުން ހުއްޓައިލުމަށް ގޮވައިލައްވަމުން ފައިސަލް ވިދާޅުވީ، ވަކި ފަރާތެއްގެ އެންގުމަކަށް ތަބާވާން މުވައްޒަފުންނަށް ލާޒިމު ނުވާ ކަމަށާއި، ޤާނޫނުން ކަށަވަރުކޮށްދޭ ޙައްޤުތަކުގައި ހިފެހެއްޓުމަށް އެ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ. މީގެ އިތުރުން، ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުތަކުން ރައްޔިތުންގެ ބާރުތައް މުޅިން ގެއްލިފައިވާ ކަމަށާއި، ވެރިކަން ހިންގުމަށް ފަސޭހަކުރުމުގެ ނަމުގައި ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމަށް ފައިސަލް ތުހުމަތުކުރެއްވިއެވެ.

ރައްޔިތުންގެ މަޞްލަޙަތަށް ވިސްނައިގެން ސަރުކާރުން ކުރާ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއަކަށް ވަނުމަށް ސަރުކާރު މުވައްޒަފުންނަށް ބާރުއެޅުމާއި، އެކަމުގެ ބަދަލެއްގެ ގޮތުގައި ވަޒީފާއާއި ޕްރޮމޯޝަން ދިނުމުގެ ތުހުމަތަކީ ފާއިތުވި ހުރިހާ ސަރުކާރެއްގައި ވެސް ތަކުރާރުވެފައިވާ ޝަކުވާއެކެވެ. ސައްޙަ ނޫން ގޮތުގައި ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ ޙައްލުކުރުމަށް، ޕާޓީތަކުގެ ރަޖިސްޓްރޭޝަން އޮންލައިން ނިޒާމަކަށް ބަދަލުކޮށްފައިވާ އިރު، އެ ނިޒާމުގެ ދަށުން ޤާއިމުކުރި ދަފުތަރަކީ ސައްތައިން ސައްތަ ސައްޙަ ދަފުތަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް