ފޮޓޯ: ފިނޭންސް މިނިސްޓްރީ
މިއަހަރުގެ ނޮވެމްބަރު 12 ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36.0 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 33.3 ބިލިއަން ރުފިޔާ ކަމަށްވާތީ، މިއީ 8.0 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގައި އެންމެ ފާހަގަކޮށްލެވެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ޑިވިޑެންޑުގެ ގޮތުގައި ލިބުނު ފައިސާ 61.3 އިންސައްތަ މައްޗަށް ގޮސްފައިވުމެވެ. ނިމިދިޔަ އަހަރު 654.7 މިލިއަން ރުފިޔާ ލިބުނު ތަނުގައި މިފަހަރު އެ ޢަދަދު ވަނީ 1.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ހަފުތާގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން 572.7 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބުމެވެ.
ޓެކުހުގެ ދާއިރާއަށް ބެލިޔަސް އާމްދަނީ ވަނީ ރަނގަޅުވެފައެވެ. ޖީއެސްޓީ 6.2 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް އެރިއިރު، ވިޔަފާރިއާއި މުދަލުން ނެގި ޓެކުހުން 6.1 ބިލިއަން ރުފިޔާ ލިބުނީ 22.9 އިންސައްތައިގެ ކުރިއެރުމަކާ އެކުގައެވެ. އިމްޕޯޓް ޑިއުޓީ ވެސް 13.5 އިންސައްތަ މައްޗަށް ގޮސް 3.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޖުމްލަ ޓެކުހުގެ އާމްދަނީ 10.3 އިންސައްތައިގެ ކުރިއެރުމާ އެކު 27.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ޓެކުހުން ބޭރު އާމްދަނީ 1.2 އިންސައްތަ ދަށަށް ގޮސް 8.1 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މުދަލާއި ގޯތިގެދޮރުން ލިބުނު ފައިސާ 29.4 އިންސައްތަ އިތުރުވެ 2.3 ބިލިއަން ރުފިޔާއަށް އެރިއެވެ. ހިލޭ އެހީ ވެސް ވަނީ 64.9 އިންސައްތަ މައްޗަށް ގޮސް 528.2 މިލިއަން ރުފިޔާއަށް އަރައިފައެވެ.
ޚަރަދުގެ ފަޅިއަށް ބަލާއިރު ދައުލަތުން ޖުމްލަ 39.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 14.9 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ޚަރަދު 15.4 އިންސައްތަ މައްޗަށް ގޮސް 34.3 ބިލިއަން ރުފިޔާއަށް އެރިއިރު، ސަބްސިޑީއަށް ހޭދަކުރި ޢަދަދު 51.2 އިންސައްތައިގެ ފުންމުމަކާ އެކު 4.6 ބިލިއަން ރުފިޔާއަށް އެރީ މިދިޔަ އަހަރުގެ 3.0 ބިލިއަން ރުފިޔާއިންނެވެ. ރިޕޯޓުގައިވާ ގޮތުގައި ފާއިތުވި ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ސަބްސިޑީތަކަށެވެ. ކެޕިޓަލް ޚަރަދުތައް 12.3 އިންސައްތަ އިތުރުވެ 5.5 ބިލިއަން ރުފިޔާއަށް އެރިއިރު، ބިމާއި އިމާރާތްތަކަށް ހޭދަކުރި ފައިސާ 40.7 އިންސައްތަ މައްޗަށް ގޮސް 1.8 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މުސާރައާއި އިނާޔަތްތަކަށް 13.4 ބިލިއަން ރުފިޔާ ހޭދަވީ 10.7 އިންސައްތައިގެ އިތުރުވުމަކާ އެކުގައެވެ. ދައުލަތުން ދޭ އެހީއާއި ސަބްސިޑީ ޖުމްލަ 30.9 އިންސައްތަ އިތުރުވެ 11.2 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، ދަރަނީގެ އިންޓްރެސްޓާއި ފައިނޭންސިން ޚަރަދު 2.4 އިންސައްތަ ދަށަށް ގޮސް 4.2 ބިލިއަން ރުފިޔާގައި ހުއްޓެވެ.
ނޮވެމްބަރު 12 ގެ ނިޔަލަށް ބަޖެޓް ޑެފިސިޓް ވަނީ 3.8 ބިލިއަން ރުފިޔާއަށް ފުޅާވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޑެފިސިޓް ހުރީ 1.3 ބިލިއަން ރުފިޔާގައެވެ. އެހެން ނަމަވެސް ދަރަނީގެ ޚިދުމަތުގެ ޚަރަދު އުނިކޮށް ބަލާ ނަމަ، ދައުލަތަށް ވަނީ 360.0 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ހާސިލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް