ވަރިވުމުންވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު ކަށަވަރު ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

17 Nov 2026 | 10:00
ވަރިވުމުންވެސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު ކަށަވަރު ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

ސަރުކާރުގެ ހައުސިން ސްކީމްތަކުން ލިބޭ ފްލެޓާއި އެ ނޫން ވެސް މުދަލުގައި ދެމަފިރިންނަށް ހަމަހަމަ ޙައްޤު ކަށަވަރުކުރުމަށް އާއިލާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މި ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

Advertisement

ކުޑޫ ވިދާޅުވީ ސޯޝަލް ހައުސިން ސްކީމްތަކުގެ ޝަރުޠުތައް ކަނޑައެޅިފައި އޮންނަ ގޮތުން، ޕޮއިންޓް ދޭ މިންގަނޑުގައި ކައިވެންޏާއި ދަރިންގެ ޢަދަދު ހިމެނޭ ކަމަށެވެ. ނަމަވެސް ދެމަފިރިންގެ ތެރެއިން ފްލެޓަށް ހުށަހެޅެނީ އެންމެ ފަރާތަކަށް ކަމަށާއި، އަނެއް ފަރާތުގެ ނަމުގައި ވަކި ގޯއްޗެއް ނުވަތަ ބިމެއް ނެތުން ވެސް ޝަރުޠެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ކަމަށެވެ.

މި ޝަރުޠުތަކާ ހެދި ސްކީމް ފަރުމާވެފައި އޮންނަނީ ވަކި ފަރުދަކަށް ދޭ އެއްޗެއްގެ ބަދަލުގައި އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި ކަމަށް ކުޑޫ ވިދާޅުވިއެވެ. އެހެން ނަމަވެސް ރަޖިސްޓްރީ ހެދެނީ ހުށަހެޅި ފަރާތުގެ ނަން މައްޗަށް އެކަނި ކަމުން، ވަރިވާ ޙާލަތުގައި ފްލެޓް ވެގެންދަނީ އެ މީހެއްގެ ރައްކާތެރިކަމެއް ނެތް ވަކި ފަރާތެއްގެ މިލްކަކަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޅި އާއިލާ ބޯހިޔާވަހިކަމުން މަޙްރޫމްވާ ކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.

އާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނީގެ ތެރޭގައި ހޯދި މުދާ ޢަދުލުވެރިކަމާ އެކު ބެހުމުގެ އުސޫލެއް މިހާރު ވެސް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާ މެދު ޢަމަލުކުރާނެ ސީދާ ގޮތެއް އެ މާއްދާގައި ނެތް ކަމަށް ކުޑޫ ވިދާޅުވިއެވެ.

"އެހެންކަމުން މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި، އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދު ކަމަށްވާ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުން،" ކުޑޫ ވިދާޅުވިއެވެ.

މި ބިލުން އިޞްލާޙު ގެންނަން ހުށަހަޅާފައިވަނީ އާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް