ދަރިފުޅު ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތެއް ކޮންމެ ދުވަހަކު ދަރިފުޅާ ކުރާ މުޢާމަލާތްތައް ގާތުން ދެނެގަތުމަކީ ޒިންމާއަކަށް ހަދަން ޖެހޭ --
ގޭގައި ގެންގުޅޭ މަސައްކަތު މީހާ ނުވަތަ މެއިޑް ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ބައްޕަ ކައިރީ ދައްކާނެ ވާހަކަ ދަސްކޮށްދީ، މަންމައާ ދެކޮޅު ވާހަކައެއް ދައްކަން ކުއްޖާ ބޭނުންކުރި ހާދިސާއެއް ސޯޝަލް މީޑިއާގައި ފެތުރި، ކުޑަކުދިންގެ ނަފުސާނީ ރައްކާތެރިކަމާ މެދު ފުޅާ ބަހުސެއް ފެށިއްޖެއެވެ.
ޕެޗްރިސްގެ ނަމުގައި ހިންގާ ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކޮށްފައިވާ ގޮތުގައި، އެ ކުއްޖާގެ މަންމައަށް ފާހަގަވީ ދަރިފުޅު ކުއްލިއަކަށް ބައްޕައަށް އެކިއެކި ރިޕޯޓުތައް ހުށަހަޅާކަމެވެ. ބައްޕަ ވަޒީފާއިން ގެއަށް އައިސް ވަންނަ ކޮންމެ ފަހަރަކު ދަރިފުޅު ގޮސް ކޮންމެވެސް ވާހަކައެއް ބުނެއެވެ.
އެއް ދުވަހު "މިއަދު ބޭބެއެއް މަންމައާ ބައްދަލުކުރި" ކަމަށް ބުންޏެވެ. އެހެން ރެއަކު މަންމަ ފޯނުން ބޭބެއަކާ ވާހަކަ ދައްކަމުން ހެމުންދިޔަ ކަމަށް ބުންޏެވެ. ފުރަތަމަކޮޅު މަންމައަށް މި ވާހަކަތައް ފެނުނީ ކުޑަކުއްޖެއްގެ ޢާދައިގެ ޝައުޤުވެރިކަމެއްގެ ގޮތުގައެވެ.
ނަމަވެސް ކަންބޮޑުވުން ބޮޑުވީ ދަރިފުޅު ބައްޕަ ގާތު، ރޭ ނިދީ މަންމަ އާއި ނުދަންނަ ބޭބެއަކާއި އެކީ ކޮޓަރީގައި ކަމަށް ބުނުމުންނެވެ. މަންމައާއި ބައްޕަ އެ ރޭ އެކީގައި ނިދީކަމާއި އެފަދަ ކަމެއް ހިނގާފައި ނުވާކަން މަންމަ ޔަޤީންކޮށްދީފައިވެއެވެ. އެ ހާދިސާއަށް ދުވަސްކޮޅެއް ފަހުން ދަރިފުޅު ބައްޕަ ގާތު "ބޭބެގެ ވާހަކަ ބައްޕައަށް އެނގިގެން ނުވާނެ ކަމަށް މަންމަ ބުންޏޭ" ބުނުމާ އެކު ދެމަފިރިން ނިންމީ މި ވާހަކަތައް އަންނަ ގޮތް ހޯދުމަށެވެ.
އެ މަންމަ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ހަޤީޤަތް ފެންމަތިވީމާ ދެމަފިރިންނަށް ވެސް ބުނާނެ ބަހެއް ނޭނގުނެވެ. ދަރިފުޅު އަމިއްލައަށް ވާހަކަ ހަދައިގެން ދެއްކީއެއް ނޫނެވެ. ގޭގައި ގެންގުޅުނު މަސައްކަތު މީހާ، ކުއްޖާއަށް ބައްޕަ ގާތު ބުނާނެ ޖުމްލަތައް ކިޔައިދީ ދަސްކޮށްދިނީއެވެ. އެ ދެމަފިރިން އިތުބާރުކޮށް ގެއަށް ވެއްދި މީހާ ކުޑަ ދަރިފުޅު ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށް، ދެމަފިރިންގެ ގުޅުމަށް ގެއްލުންވާ ގޮތަށް ޢަމަލުކުރީއެވެ.
އޭނާގެ މަގުސަދަކީ ކޮބައިކަން ނޭނގުނަސް އެފަދަ ވާހަކަތަކުން ގިނަ ފަހަރު ދެމަފިރިންގެ ދޭތެރޭގައި ނުތަނަވަސްކަން އުފެދި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހެން މެދުވެރިވެ އެވެ.
ކުޑަކުދިންނަކީ ބޮޑެތި މީހުން ދައްކާ ވާހަކަ މާނަ ނޭނގި ތަކުރާރުކުރާ ބައެކެވެ. ކުއްޖެއްގެ ބަހުރުވައާއި އުޅުމަށް ކުއްލި ބަދަލެއް އަތުވެއްޖެނަމަ، ރުޅިވެރިކަމެއް ނެތި، ހުޅުވިފައިވާ ސުވާލުތައް ކޮށްގެން ސަބަބު ދެނެގަތުން މުހިންމެވެ.
ބޮޑެތި މީހުންގެ ސިއްރު ހިފެހެއްޓުމުގެ ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ދަރިފުޅު ސައްލާވެރިއެއްގެ ގޮތުގައި ހެދުމުގެ ބުރަ ޅަ ކުއްޖެއްގެ ބޮލުގައި ދުވަހަކު ވެސް ނޭޅުވޭނެއެވެ. ގެއަކީ ކުއްޖާ ބިރެއް ނެތި، މިނިވަންކަމާ އެކީ ވާހަކަ ދެއްކޭ ތަނަކަށް ހެދުން ކޮންމެ މަޔަކާއި ބަފައެއްގެ ޒިންމާއެކެވެ. ހަމައެހެންމެ، ދަރިފުޅު ބެލެހެއްޓުމާ ހަވާލުކުރާ ފަރާތެއް ކޮންމެ ދުވަހަކު ދަރިފުޅާ ކުރާ މުޢާމަލާތްތައް ގާތުން ދެނެގަތުމަކީ ވެސް އެ ޒިންމާގެ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް