ބަލިމީހަކު ނެރެ، އެއްލާލާފައިވާކަމަށް ބުނާ ޚަބަރަކީ ދޮގެއް: އައިޖީއެމްއެޗް

ބަލިމީހަކު ނެރެ، އެއްލާލާފައިވާކަމަށް ބުނެ މީޑިއާގައި ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ. އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ( އައިޖީއެމްއެޗް)އިން ނެރެފައިވާ ބަޔާނެ...

17 Nov 2015 | 17:10

ބަލިމީހަކު ނެރެ، އެއްލާލާފައިވާކަމަށް ބުނެ މީޑިއާގައި ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ( އައިޖީއެމްއެޗް)އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  އިޖުތިމާއީ އަދި އަމިއްލަ ސަބަބުތަކާހުރެ ފަރުވާ ނިމުމަށްފަހުވެސް ހޮސްޕިޓަލުގައި މަޑުކުރާ މީހުން ވަރަށް ގިނަ ކަމަށާއި އެހެން ނަމަވެސް އެފަދަ އެއްވެސް މީހަކު ނެރެ، އެއްލާލާ ނުވަތަ އިހާނެތިކޮށް ކަމެއް ކޮއްފައިނުވާނެ ކަމަށެވެ.

ޢުމުރުން 64 އަހަރުގެ އެފިރިހެން މީހާ އޮޕްރޭޝަނާއި ބެހޭ ކަމެއްގައި ފަރުވާކުރުމަށް އެ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ 12 ޖޫން 2015ގައި ސާރޖަރީ ވޯރޑުގައި ކަމަށާއި ބައްޔަށް ފަރުވާދީ ބަލި ފަސޭހަވުމުން 15 ޖޫންގައި އޭނާ ޑިސްޗާރޖު ކުރުމުންވެސް ބަލިމީހާގެ ބެލެނިވެރިޔާ، ބަލިމީހާގެ އިތުރު މައްސަލަތައް ހުރިކަމަށް ބުނެ، ހޮސްޕިޓަލުގައި މަޑުކުރުމަށް ތަފާތު ސަބަބުތައް ދައްކަމުން ދިޔަކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި ބަލިމީހާ ގެޔަށް ގެންދިއުމަށް ބޭނުންނުވާ ކަމަށްބުނެ ކުރަމުންދިޔަ ޝަކުވާތައް އަޑުއަހާ އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި މިގޮތަށް ވޯރޑުގައި މަޑުކުރަމުން ދަނިކޮށް ކޮޓަރިއަކަށް ބަދަލުކޮއްދިނުމަށް އެދުމުން ޖޫން 23ގައި އޭނާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކޮއްދީފައިވާނެ ކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

އަދި ޖޫން 24ން ފެށިގެން އެބަލިމީހާ ޑިސްޗާރޖު ކޮއްފައިވާކަން ބަލިމީހާއަށާއި ބެލެނިވެރިޔާ(އެހީތެރިޔާ)އަށް ކޮންމެ ދުވަހަކުވެސް އަންގަމުން ދިޔަކަމަށާއި އެހެންނަމަވެސް އެހީތެރިޔާ ބުނަމުންދިޔައީ ކޮޓަރިއަށް ދައްކާނެ ފައިސާ އަތުގައި ނެތްކަމަށާއި އަދިވެސް އިތުރަށް ހޮސްޕިޓަލުގައި މަޑުކުރަން އެދޭކަމަށް ބުނަމުންކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮޓަރިއަށް ދައްކާނެ ފައިސާ ނެތްނަމަ، ވޯރޑަށް ބަދަލު ކޮއްދެވިދާނެކަމަށް ކަމަށް ބުނުމުން އެގޮތް ކަމުނުދާކަމަށް ބުނެ ބަލިމީހާ އާއި އެހީތެރިޔާ ޝަކުވާކުރަމުން ދިޔަކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބަލިމީހާގެ ބަލި މުޅިން ފަސޭހަވެ ހޮސްޕިޓަލުގެ ކޮޓަރި ބަލިމީހާ އާއި އެހީތެރިޔާ ބޭނުންކުރަމުން ދިޔައީ ކުލީ ކޮޓަރިއެއްގައި މަޑުކުރާ އުސޫލުން ކަމަށާއި މިގޮތަށް ކަންތައް ހުރިއިރުވެސް އެބަލިމީހާ އެޑްމިޓުކުރިތާ 5މަސްދުވަސް ފަހުން 15 ނޮވެމްބަރގައި، އެމީހުން އެހޮސްޕިޓަލުން ދިޔައީ ޑޮކްޓަރުންނާއި ނަރުހުންނާ ދިމާލަށް ވަރަށް ހުތުރުބަހުން މުޚާތަބުކޮށް އެހޮސްޕިޓަލް ވަރަށްބޮޑަށް ބަދުނާމުކޮށް ވާހަކަ ދައްކާފައިކަމަށްވެސް އެބަޔާނުގައިވެއެވެ.

އެ ހޮސްޕިޓަލަކީ ވަރަށް ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮއްދޭ ތަނަކަށްވާ ހިނދު، އެކިއެކި އޮޕްރޭޝަންތަކަށާއި ފަރުވާ ހޯދުމަށް އެޑްމިޓްކުރަން ބޭނުންވާ ބަލިމީހުންނަށް އެނދު ނުލިބިގެން ކިއުގައި މަޑުކުރަން ޖެހިފައިވާ އިރު، ޑޮކްޓަރު ފަރުވާ ދިނުމަށްފަހު ދޫކޮއްލާފައިވާ މީހަކު ހޮސްޕިޓަލުގެ އެނދެއްގައި މިހާގިނަ ދުވަހު ބޭއްވުމަކީ ހޮސްޕިޓަލަށް ވަރަށް ދަތިވާކަމެއް ކަމަށްވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެފަދަ ޚަބަރުތައް ފެތުރުމުގައި ކަމުގެހަގީގަތް ރަނގަޅަށް އޮޅުންފިލުވުމަށްފަހު ޒިންމާދާރުކަމާއެކު ޢާންމުންނާ ހަމައަށް ރަނގަޅު ޚަބަރާއި މަޢުލޫމާތު ފޯެރުކޮއްދިނުމަށް އިލްތިމާސްކުރާކަމަށްވެސް އެ ހޮސްޕިޓަލުގެ ނޫސްބަޔާނުގައި ވަނީ އިލްތިމާސް ކޮއްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް