ހަނިމާދޫން މާލެ ގެންނަން އުޅުނު ބަލި މީހަކު އޮކްސިޖަން ފުޅި ހުސްވެގެން ނިޔާވެއްޖެ

ހާޓު އެޓޭކެއް ޖެހި ހާލު ދެރަވެގެން ހަނިމާދޫ މަގުން މާލެ ގެންނަން އުޅުނު ބަލި މީހަކު ، އޮކްސިޖަން ފުޅި ހުސްވެގެން ރޭ ފަތިހު ނިޔާވެއްޖެ އެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ށ.މިލަންދޫ، ކެތީ ހައ...

17 Nov 2015 | 14:27

ހާޓު އެޓޭކެއް ޖެހި ހާލު ދެރަވެގެން ހަނިމާދޫ މަގުން މާލެ ގެންނަން އުޅުނު ބަލި މީހަކު ، އޮކްސިޖަން ފުޅި ހުސްވެގެން ރޭ ފަތިހު ނިޔާވެއްޖެ އެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ށ.މިލަންދޫ، ކެތީ ހައުސް، 57 އަހަރުގެ ސަމީރާ މުހައްމަދެވެ.

އެމަޖެންސީގައި ސަމީރާ މާލެ ގެނައުމުގެ މަސައްކަތް އާއިލާއިންކޮށްފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުން އެކަމަށް އިރުސާދު ދިނުމުންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ސަމީރާ ގެންގޮސްފައިވަނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. މީގެ ދެދުވަސް ކުރިންނެވެ.

ދުވަހަށް މައުލޫމާތު ދެމުން މިހާދިސާގައި ނިޔާވި ސަމީރާ މުހައްމަދުގެ ދޮށީ ދަރި މުހައްމަދު ޝިޔާމް ބުނީ އޮކްސިޖަން ފުޅި ހުސްވެގެން އޭނާގެ މަންމަ ނިޔާވީ މިއަދު ފަތިހު މާލެ ގެންދިއުމަށް ހަނިމާދޫ އެއާޕޯޓްގައި ތިއްބާ ކަމަށާއި މިކަމުގައި މެޑިކަލް އޮފިޝަރުގެ އިހުމާލު ވާކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިއްޔެ މެންދުރު އެންގީ އެމަންޖެންސީގައި މާލެ ދާން ޖެހޭކަން، އާސަންދަ ހަމަޖެހިފައި ވާކަމަށްވެސް މައުލޫމާތު ދިން، ނަމަވެސް ޓިކެޓް ހޯދަން ކުރި މަސައްކަތުން އެނގުނީ 20 ކުރިން ޖާގައެއް ނެތްކަން، ދެން ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރީ، ނަމަވެސް ފަހުން އަންގައިފި ޖާގަ ލިބިއްޖޭ ދަންވަރު 2:45 ގައި އެއާޕޯޓަށް ދާށޭ ދިޔައީ މެޑިކަލް އޮފިޝަރަކާއެކު" ދުވަހަށް މައުލޫމާތު ދެމުން ޝިޔާމް ބުންޏެވެ.

ޝިޔާމް ބުނީ އޭނާގެ މަންމަގެ އޮކްސިޖަން ފުޅި ހުސްވިކަން މެޑިކަލް އޮފިޝަރަށް އެނގިގެން ހާސްވެގެން އުޅެގަތީ ފަތިހު، ފްލައިޓަށް އެރުމަށް ރަންވޭމަތީގައި ތިއްބާ ކަމަށާއި އޮކްސިޖަން ފުޅި ހުސްވިތާ ގާތްގަނޑަކަށް ދެ މިނެޓް ތެރޭގައި މަންމަގެ ފުރާނަ ދިއައީ ކަމަށެވެ.

"ފަހުން މައުލޫމާތު ލިބުނު އެމަޖެންސީ ކޮށް ދާއިރު އޮކްސިޖަން ދެ ފުޅި ގެންދަންޖެހޭކަން، ނަމަވެސް ގެންދިޔައީ އެންމެ ފުޅިއެއް، ހަނިމާދޫ އެއާޕޯޓުންވެސް އަދި ފްލައިޓުންވެސް އެމަޖެންސީގައި އޮކްސިޖަން ފުޅި ލިބޭކަމުގެ މައުލޫމާތުވެސް ފަހުން ލިބުނު، އެހެން ނަމަވެސް އެކަމަށް މެޑިކަލް އޮފިޝަރު ސަމާލުކަން ނުދެއްވި" ޝިޔާމް ބުންޏެވެ.

މިކަމާއިމެދު ބަހެއް ހޯދާލުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގުޅާލުމުން އެ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ދުވަހަށް ވިދާޅުވީ މި ހިތާމަވެރި ހާދިސާ ހިނގާ ދިޔައީ ބަލިމީހާއާއެކު ހަނިމާދޫއަށް ދިޔަ ޑޮކްޓަރުގެ ފަރުވާ ކުޑަކަމުން ކަމަށެވެ.

"އޮކްސިޖަން ފުޅި ހުސްވާނަމަ އެނގޭނެ، ޕްރޮސީގައި އޮންނަ ގޮތުން އޮކްސިޖަން ދެ ފުޅި ގެންދަން ޖެހޭ، އެއާޕޯޓުން އޮކްސިޖަން ފުޅި ލިބެން ހުރި، ސީ އެމްބިއުލޭންސުން އޮކްސިޖަން ފުޅި ލިބެން ހުރި، އަދި ފްލައިޓުންވެސް އޮކްސިޖަން ފުޅި ލިބެން ހުރި، އެހެންކަމުން މިކަން ހިނގާ މިދިޔައީ ޑޮކްޓަރުގެ އިހުމާލުން" އޮފިޝަލް ވިދުވި އެވެ.

ހޮސްޕިޓަލްގެ އޮފިޝަލް އިތުރަށް ވިދާޅުވީ އެ ޑޮކްޓަރުގެ މައްސަލަ މިހާރު ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް