ބްރިޖް މަޝްރޫއާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ރައީސް ޔާމީނަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީން ބުނީ މި ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ މާލެ/ހުޅުމާލެ ދެމެދު އެޅުމަށް ސަރުކާރުން ނިންމަވާފައިވާ ބްރިޖްގެ މަސައްކަތް ޗައިނާގެ ކުންފުންޏެއްކަމުގައިވާ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ އިން 2009 އަހަރު ފިލިޕީންސްގެ ނޭޝަނަލް ރޯޑްސް އިމްޕްރޫވްމެންޓް އެންޑް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ފުރަތަމަ ފޭސްގައި މަކަރާ ހީލަތް ހެދުމުގެ މައްސަލައެއްގައި ވޯލްޑް ބޭންކުން 2017 ވަނަ އަހަރާ ހަމައަށް ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެއްކަމަށް ވޯރލްޑް ބޭންކުގެ ސައިޓުގައި ފާހަގަކޮށްފައިވާ މައްސަލައަށާއި މި މަޝްރޫގައި ކޮރަޕްޝަންގެ އަމަލެއް ހިނގައިފައި ހުރެދާނެތީ ކަމަށެވެ.
"މާލެ/ހުޅުމާލެ ބްރިޖަކީ މުޅި މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއިން ބޮޑު ލުޔެއް ލިބި، އިޤްތިޞާދަށް ނުހަނު ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ބިޔަ މަޝްރޫޢެކެވެ. އަދި ދިވެހިރާއްޖޭގެ ދުރުރާސްތާގެ ތަރައްޤީއާއި ގުޅިފައިހުންނަ މަޝްރޫޢުތަކަކީ ދެފުށް ފެންނަ ވީހާވެސް ހާމަކަން ބޮޑު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އުސޫލުން ހިންގޭ ކަންކަން ކަމުގައިވެސް ވެސް އެމް.ޑީ.ޕީން ދެކޭ، ވޯރލްޑް ބޭންކް ފަދަ ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އަގުނުކުރެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޤައުމުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވި ބްލެކް ލިސްޓްކުރެވިފައިވާ ކުންފުންޏަކާއި މާލެ/ހުޅުމާލެ ބްރިޖު މަޝްރޫޢު ޙަވާލުކުރުމުން ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އަދި ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި މިހާރުވެސް ރާއްޖެއާމެދު ގެއްލިފައިވާ އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމެއްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ދެކޭކަމަށް މިސީޓީގައިވާނެ" އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން ބުނީ ދާދިފަހުން ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ޚުދު ރައީސް ޔާމިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ކޮރަޕްޝަނާއި މަކަރާއި ޙީލަތް ހެދުމާ ގުޅޭ ގޮތުން ކަމަށާއި ދިވެހިރާއްޖޭގައި މިއަދު ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ގިނަވެފައިވާ މިދަނޑިވަޅުގައި މިދަފަ ބޮޑު މަޝްރޫޢެއް ތަރައްޤީކުރުމަށް ޙަވާލުކުރެވޭ ކުންފުންޏަކީ ކޮރަޕްޝަނާއި މަކަރާއި ޙީލަތުގައި ޖެހިފައިވާ ކުންފުންޏެއްކަމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް މާލީ އިދާރާއިން ހާމަކުރައްވާފައިވާއިރު އެކަމަށް ރިޢާޔަތް ނުކުރައްވައި ބޭރުގެ ޤައުމެއްގެ ހަމައެކަނި ބަހަށް ބައްލަވައި ބްރިޖްގެ މަޝްރޫޢު ޗައިނާގެ ކުންފުންޏެއްކަމުގައިވާ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއާ ޙަވަލުކުރެއްވުމަކީ މިފަދަ ނޭދެވޭ ޢަމަލުތަކަށް ހިތްވަރު ލިބިދޭނެ ކަމެއްކަމުގއި އެމް.ޑީ.ޕީގެ ސިޓީގައި ފާހަގަކޮށްފައިވާނޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ދެފުށް ފެންނަ އުސޫލުން ބްރިޖާ ގުޅޭ އެންމެހައި ކަންކަން ކުރުމަށް އެމް.ޑީ.ޕީގެ ސިޓީގައި އެދިފައި ވާނޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް