ގދ.ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސުކޫލުގެ ބެލެނިވެރިންނާއި ސުކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕުރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހުވަދޫ ސުކޫލް ހޯލްގައި ކުރިޔަށްދިޔަ މި ޕުރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި ގުޅޭގޮތުން ކަމަށާއި އެގޮތުން ކުޑަކުދިން އާންމުކޮށް ކުރާ ކުށްތަކާއި ކުށްތަކަށް އަރަން ދިމާވާ ސަބަބުތަކާއި އަދި އެކުށްތަކުން އެކުދިން ދުރުކޮށް މުޖުތަމަޢު އަށް ފައިދާ ހުރި ކުދިންތަކަށް ހެދުމަށް ބެލެނިވެރިންނާއި ޓީޗަރުންނަށް ކުރެވިދާނެ ކަންތައްތަކާއި އަދާކުރެވިދާނެ ރޯލާއި ބެހޭގޮތުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވާ ކަމަށާއި މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ހުވަދޫ ސުކޫލުގެ ބެލެނިވެރިންނާއި ސުކޫލުގެ ޓީޗަރުންނަށް ކުރިއަށް ގެންދިޔަ މި ޕުރޮގްރާމްގައި އެ ސުކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައި ވެ އެވެ. އަދި ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުންދަނީ އެރަށުގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް