ސަރުކާރަށް ދެ އަހަރު ފުރޭއިރު ބަލައިލި ކޮންމެ ދިމާއަކުން ފެނިގެންދަނީ އުފާވެރިކަން: ރައީސް މައުމޫން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު ބަލައިލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ އުފާވެރިކަން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ މިހާރުގެ ...

17 Nov 2015 | 04:24

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު ބަލައިލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ އުފާވެރިކަން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ މިހާރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގަ އެވެ.

އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަކީ ޕީޕީއެމަށް ނިސްބަތްވާ ސަރުކާރަކަށްވުން އެއީ ޕާޓީއަށާއި އެމަނިކުފާނު (ރައީސް މައުމޫން) އަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"ސަރުކާރަށް ދެ އަހަރު ފުރޭ އިރު، ރާއްޖޭގެ ކޮންމެ ރޮނގަކުން، ކޮންމެ ދިމާއަކަށް ބަލައިލި ކަމުގައި ވިއަސް، ފެނިގެންދަނީ އުފާވެރި މަންޒަރުތަކެއް، އެއީ އެ ދާއިރާތަކުން އިތުރު ތަރައްގީ ހާސިލު ކުރައްވމުން ގެންދަވާ މަންޒަރުތަކެއް" ރައީސް މައުމޫން ވިދާޅުވި އެވެ.

އެ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ރައީސުލްހުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ދެ އަހަރުކުރިން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ދިވެހި ރައްޔިތުންނަށްޓަކައި، ކަންތައްތަކެއް ކޮށްދެއްވާނެކަން ޔަގީންކޮށްދޭ މެނިފެސްޓޯއަކާއި އެކުގައި ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ ކަމަށާއި އަދި އެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރެއްވުމަށްޓަކައި އެމަނިކުފާނު ރެއާއި ދުވާލު ކެނޑިނޭޅި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާތީ ޕާޓީގެ އެންމެހާ މެމްބަރުންގެ ނަންފުޅުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

"ހާއްސަ ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވުމަށް އެމަނިކުފާނާއި ސަރުކާރުން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކާމިޔާބީ ހޯއްދަވާފައިވާކަން ފާހަގަކުރަން" ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

އެ ބަޔާނުގައި ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ލާބައާއި މަންފާއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްފުޅެއްގައި ޕާޓީގެ ލޮބުވެތި މެމްބަރުންނާއި، އެންމެހާ ގުނަވަންތަކާއި އަދި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހުރިއްޔާއަށް އަރުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް