ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މަޖިލިސް މެމްބަރުންގެ ވާހަކަ ދެއްކުމުން ޑިސޭބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ޑިސެބިލިޓީ މީހަކަށް ހަދާލާނެ ކަމުގެ އިންޒާރު ޒުވާނުންގެ ގްރޫޕަކުން ދީފި އެވެ.
ހިޝާނަށް އިންޒާރު ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީގެ 12:00ގެ ހަބަރުގެ ސެގްމެންޓެއްގައި ބައިވެރިވުމަށްފަހު ގެއަށް ދިއުމުގެ މަގުމަތީގަ އެވެ.
"ސައިކަލުގަ ދަނިކޮށް އިސްލާމިކް ބޭންކް ކަންމަތިން ޒުވާނުންގެ ގްރޫޕެއް ސައިކަލުގައި އައިސް އެންގީ މަޑު ކުރަން، މަޑު ކުރުމުން އިންޒާރު ދިނީ ދެން އެއްވެސް ޕްރޮގްރާމެއްގައި މަޖިލިސް މެމްބަރުންގެ ވާހަކަ ނުދެއްކުމަށް، މެމްބަރުންގެ ވާހަކަ އިތުރަށް ދައްކާނަމަ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަހަރެން ހަދާލާނެ ކަމުގެ އިންޒާރު ދިން" ހިޝާން ވިދާޅުވި އެވެ.
ހިޝާން ދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ ރޭ 12:30 އާއި 1:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށާއި އެ ޒުވާނުންގެ ގްރޫޕްގައި ހައެއް ނޫނީ ހަތް ޒުވާނުން ހިމެނޭ ކަމަށެވެ.
"އެމީހުން ތަކުރާރުކޮށް އިންޒާރު ދިން މެމްބަރުންގެ ވާހަދަ ދެއްކުމަށް ޓީވީ ޕްރޮގްރާމްތަކަށް ނޭރުމަށް" ހިޝާން އިތުރަށް ވިދާޅުވި އެވެ.
ރާއްޖެ ޓީވީގައި ބުރާސްފަތި ދުވަހުގެ ރޭ ހިޝާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިނާޔަތް ބޮޑުކުރުމުގެ ބިލް މަޖިލީހުން ބޭރުކޮށްލާފައި ވާއިރު،ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބެލެހެއްޓުމަކީ ފާސޭހަ ކަމެއް ނޫން ކަމަށާއި، އެހެން ކަމުން އެ ކުދިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ ކުދިންނަށްޓަކައި ކުރެވޭ ކަންކަމަކީ މާ އާދައިގެ ކަންކަމުގައި ދެކިގެން ނުވާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާލު ބައްލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޭގެއަށް ޒިޔާރަތްކުރެއްވުމަށް އެދޭ ކަމަށް އެ ޕްރޮގްރާމްގައި ހިޝާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް