އީގަލްސްއާއި ބީޖީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އ...

16 Nov 2015 | 20:18

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފްގައި އީގަލްސް އަދި ބީޖީއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ބީޖީގެ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އީގަލްސްގެ ބިދޭސީ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ދެޓީމުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދި އެވެ. މިމެޗުގެ ފަހު މިނެޓްގައި ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ވެސް ދައްކާފައިވެއެވެ.

މި ނަތީޖާއާއެކު، އީގަލްސް އޮތީ 14 ޕޮއިންޓާއެކީ ލީގުގެ ހަތަރު ވަނައިގައެވެ. ބީޖީ އޮތީ 12 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ. ލީގުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު ދެވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ، ބުރާސްފަތި ދުވަހުގައެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ އާއި ވެލެންސިޔާއެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ، ނިއު އާއި ބީޖީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް