ރިސޯޓު ތަރައްގީ ކުރުމަށް އުތުރުގެ ތިން އަތޮޅަކުން ހަތަރު ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ އަލަށް ރިސޯޓް ހެދުމަށް ހުޅުވާލި ހަތަރު ރަށަކީ ހއ. މާފިނޮޅާއި އެ އަތޮޅު އިންނަފިނޮޅުގެ އިތުރުން ހދ. ދިއްޕަރުފުށީގެ އިތުރުން ށ. ބޮލިއްސަފަރު ކަމަށެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އެ ރަށްތައް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ މައުލޫމާތާއި ރިސޯޓް ތަރައްގީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ނަމަ އެކަން އަންގައިދޭ ލިޔުންތަކާއި އެކަން ކުރުމުގެ މާލީ ގާބިލްކަން ހުރިކަން އަންގައިދޭ ބޭންކު ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށެވެ.
މިހުރިހާ މައުލޫމާތެއް އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އަދި މި ރަށްތަކުގައި ރިސޯޓު ހެދުމާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއް މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ހދ އަތޮޅުގައި ރިސޯޓެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލި އިރު ވަރަށް ފަހުންވަނީ އެ އަތޮޅުގައި ފަސް ރިސޯޓެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް