ގައުމު ތަރައްގީ ކުރެވޭނީ ދިވެހި ޒުވާނުންނަކީ އަހްލާގު ރަނގަޅު ހަރުދަނާ ސިފަތަކެއް ހުރި ބަޔަކަށް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ބައެއް ކަމުން އެކަން ހާސިލް ކުރެވޭނީ އމީހުންގެ ގައިގައި ހަރުދަނާ ސިފަތަކަކާއި ރަނގަޅު އަހުލާގެއް ހުރި ބަޔަކަށް ވެގެން ކަމަށެވެ. ރައީސް ވިދާޅޫވީ ދިވެހި ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި މަސައްކަތެއް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ސަރުކާރުން ބޭނުންވަނީ ޒުވާނުންނަކީ ޒިންމާދާރު ހިދުމަތްތަކެއް ޒުވާން އުމުރުގައި ކުރާބަޔަކަށް ވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ޒުވާނުންނަށް ވެފައިވާ ވައުދުތައް ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުއްދާނެކަމަށެވެ. އަދި އެވައުދުތައް ފުއްދުމުގައި ޒުވާނުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކީ ޒުވާނުންކަމުން ރާއްޖެ ތަރައްގީގެ މަގުގައި ކުރިޔަށް ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާއެއްގައި ޒުވާނުން ހަރަކާތްތެރިކަމާއި އެކު އެމީހުންގެ ހޫނު ލެޔާއި ޖޯޝާއި ވިސްނުމާއި ހަކަތަ ސަރުކާރާށް ބޭނުންވާ ކަމަށެވެ.
"އެކި ރޮނގުތަކުގައި ހަރަކާތްތެރިވުމުގެ ގާބިލިއްޔަތާއި ހުނަރުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު ކަމެއް. އެހެންކަމުން މި ދެންނެވި މަގްސަދު ހާސިލް ކުރުމަށްޓަކައި ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އެއް އަމާޒުކަމަށްވާތީ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް އެބަ ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ޒުވާނުންނަށް ކުރިޔަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމުގެ އަސާސްތައް ގުޅިފައިވަނީ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމާއި ފުދުންތެރިކަން އިތުރު ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ފުރަތަމަ އެޅޭ ފިޔަވަޅަކީ ޒުވާނުންގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް