އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަކެތި ކުޑަކުދިންގެ ހިޔާ އާއި ހަވާލުކޮށްފައި ވަނީ އެސްޕީޖީގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން ކޮންމެ ރޭންކަކުންވެސް ސިފައިންގޭ އެކަކު ހިމެނޭ ގޮތަށް ކަމަށާއި މިތަކެއްޗާއި ކުޑަކުދިންގެ ހިޔާގެ ފަރާތުން ހަވާލުލެއްވި ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ޒީނާޒް އަދުނާން ކަމަށެވެ.
ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރެވުނު ބައެއް ތަކެތީގެ ތެރޭގައި ކުޑަކުދިންނަށް ބޭނުންވާ ކާނާ އާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެސްޕީޖީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޕީޖީގެ ކޮމާންޑިންގ އޮފިސަރ މޭޖަރ އަޙްމަދު ފައިސަލް އާއި ކުޑަކުދިންގެ ހިޔާގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަފީޤާއި އެސްޕީޖީގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް