ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު "އެއްފަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މިދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މިމަހު 08 ވަނަ ދުވަހު އިރުއޮއްސުމާ ކައިރިވެފައި ވަނިކޮށް ރ.އަތޮޅާއި ދިމާލު ބޭރުންކަމަށެވެ. އަދި މި ދޯނި މަސްވެރިކަމަށް ނުކުންނާނީ ރ.އަތޮޅުގެ ހުޅަނގަށް ކަމަށްވެސް ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިދޯންޏަކީ ދިގު މިނުގައި 80 ފޫޓު ހުރި ހުދުކުލައިގެ، ދެބުރި ގެގަޑެއްލާފައިވާ ދޯންޏެއް ކަމަށާއި އަދި އޮޑިގަނޑުގައި ލާފައި ހުންނާނީ ނޫކުލައިގެ ދަވާދުކަމަށާއި ދޯނީގައި ބާރަ މީހުން ތިބިކަމަށް ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދޭ ކަމަށް އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯންޏަކީ ރ.ދުވާފަރަށް ނިސްބަތްވާ މީހެއްގެ ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދޭ ކަމަށެވެ. އަދި ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 މިނަމްބަރު ފެކްސްއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް