N/A
ފިރިހެނުންނާއި އަންހެނުން އެއްތަނެއްގައި މަސައްކަތްކުރުމާއިމެދު
ދީނީ އިލްމުވެރިޔާ، ޝައިޚް ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް ވަރަށް ތަފްސީލީ
ޖަވާބެއް ދެއްވައިފިއެވެ.
ޑރ. އިޔާޒް އެ ޖަވާބު ދެއްވީ އިސްލާމިކް ނޮލެޖް
ކިއު އެންޑް އޭ ވައިބަރ ގްރޫޕްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސުވާލުގައި މީހަކު އަހާފައިވަނީ ފިރިހެންނުންނާއި އަދި އަންހެނުން އެއްތަނެއްގައި މަސައްކައްކުރުމަކީ ދީނި ގޮތުން ކޮންކަހަލަ ކަމެއްތޯ ؟ އެވެ.
ޑރ. އިޔާޒް ދެއްވި ޖަވާބު:
ދީނީގޮތުން ބަލާއިރު ފިރިހެނުންނާއި އަންހެނުން އެއްތަނެއްގައި
މަސައްކަތްކުރުން ހުއްދަވެގެންވޭ، ނަމަވެސް، މިކަމުގައި އިސްލާމްދީނުގައި ބައެއް މުހިންމު
ޝަރުތުތަކާއި ހަމަތަކެއް ކަނޑައަޅުއްވާފައިވޭ، އެއީ މަސައްކަތުގެ މާޙައުލުގައި ފިތުނަފަސާދަ
އުފެދުމުން ރައްކާތެރިވެ، ދެޖިންސުގެ މީހުންގެވެސް އިއްފަތްތެރިކަމާއި އަބުރަށް ރައްކާތެރިވުމުގެ
ގޮތުން.
މިކަމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ނުކުތާތަކަކީ:
ޙިޖާބާއި ރިވެތި ގޮތުގައި ހެދުން އެޅުން:
ދެޖިންސުގެ މީހުންވެސް ޝަރީޢަތް މުޤައްރަރުކުރައްވާފައިވާ
ގޮތަށް ޙިޖާބު އަދާކޮށް، ރިވެތި ގޮތުގައި ހެދުން އެޅުން މުހިންމެވެ. އަންހެނުންނަށް
މުޅި ހަށިގަނޑު ބޭރުކޮށްނުލާ ފޮރުވުން ލާޒިމުވާ ފަދައިން، ފިރިހެނުންނަށްވެސް އެބައިމީހުންގެ
ޢައުރަ ނިވާކޮށް، ހެދުން އެޅުމުގައި އަދަބުވެރިވުން ލާޒިމުވެއެވެ.
ނަޒަރު ހިފެހެއްޓުން (ޣައްޟުލް ބަޞަރު):
ފިރިހެނުންނާއި އަންހެނުންވެސް ނަޒަރު ހިފަހައްޓައި،
ހަރާމް ބެލުމުން ދުރުހެލިވުން ލާޒިމުވެއެވެ. ޤުރުއާނުގައި ވަނީ މުއުމިނު ފިރިހެނުންނާއި
މުއުމިނު އަންހެނުންނަށް އެބައިމީހުންގެ ނަޒަރުތައް ތިރިކުރެއްވުމަށް އަމުރުކުރައްވާފައެވެ.
ޚަލްވާ ނުކުރުން: އެކަކު އަނެކަކަށް މަޙްރަމް ނޫން ފިރިހެނަކާއި
އަންހެނަކު އެކަނިވެ، އެހެން މީހަކަށް އެތަނަށް ވަނުމަށް ހުރަސް އެޅިފައިވާ ތަނެއްގައި
އެކަނިވުން (ޚަލްވާކުރުން) އިސްލާމްދީނުގައި މަނާކުރައްވާފައިވެއެވެ. މަސައްކަތް ކުރާ
މާޙައުލުގައިވެސް މިކަމަށް ސަމާލުކަން ދޭންޖެހެއެވެ.
ސީރިއަސްކަމާއި އިޙްތިރާމް:
މަސައްކަތުގެ މާޙައުލަކީ ސީރިއަސްކަމާއި އިޙްތިރާމް
ކުރުމުގެ މާޙައުލެއް ކަމުގައި ވާންޖެހެއެވެ. މަޖާކުރުމާއި، ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމާއި،
ފިތުނައަށް މަގުފަހިކޮށްފާނެ ކޮންމެ ކަމަކުން ދުރުހެލިވުން މުހިންމެވެ. ވާހަކަ ދެއްކުމުގައިވެސް
އަންހެނުން މަޑުމައިތިރި ރާގަކަށް ވާހަކަ ދެއްކުމަށް އިސްލާމްދީނުގައި ވަނީ އަމުރުކުރައްވާފައެވެ.
މަސައްކަތުގެ ބޭނުމަށް:
ދެޖިންސުގެ މީހުން އެއްތަނެއްގައި މަސައްކަތްކުރަނީ
ހަމައެކަނި މަސައްކަތާ ގުޅުންހުރި ކަންކަމުގައި އެކަންޏެވެ. މަސައްކަތުގެ ބޭނުމަށް
ނޫން އެހެން ގުޅުންތަކަށް ތަން ދިނުން ރަނގަޅު ނޫނެވެ.
މި ހަމަތަކާއި ޝަރުތުތަކާ އެއްގޮތަށް މަސައްކަތް ކުރާނަމަ،
ދީނީގޮތުން އެކަމަކީ ހުއްދަ ކަމެއް ކަމަށާއި މަޤްޞަދަކީ ފިތުނަފަސާދައަށް މަގުފަހި
ނުވާނެގޮތަކަށް، އިސްލާމީ އަޚްލާޤީ ހަމަތަކުގެ ތެރެއިން މަސައްކަތްކުރުންކަން ޑރ.
އިޔާޒް ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް