"އެހެންވީއިރު ތެދުވެ ފެންވަރައިގެން ކޮންމެސް ބޭހެއް އުނގުޅަން ހިނގާ...! ތިއޮތީ ވެފައިއޮތް ވަރު...! ޔަޤީން ތި ތަންތާނގައި އެވަރަށް ރިއްސާނެ ކަންވެސް...! ތަދު ފިލުވާ ކަހަލަ ބޭހެއްވެސް ކާންވާނެ...! މަންމަ މި ކަކުލުގައި ރިއްސާތީ ތަދު ކަނޑުވަން ގަނެފަ ހުރި ކާބޭހެއް ހުންނާނެ...! އެއްޗެއް ކާލައިގެން ހިނގާ ބޭސް ގުޅައެއް ކާން...! ފެންވަރައިގެން ސައިބޮއިގެން، ބޭސް ކައިގެން ދެން އޮންނާނީ... އަވަހަށް ތެދުވޭ...!" މިފްޒާލްގެ މަންމަ އަންޖަލްގެ އަތުގައި ހިފައިގެން އިނދެ އޯގާތެރި ކަމާއެކު ވާހަކަ ދެއްކިއެވެ.
އަންޖަލް މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަނުމުން މިފްޒާލްގެ މަންމަ ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ގޮސް އަންޖަލްއަށް ސައި ތައްޔާރު ކުރިއެވެ. އަންޖަލް ފެންވަރައިގެން ކުޑަކޮށް ތައްޔާރު ވެލައިގެން ބަދިގެއަށް ގޮސް ހުސް ސައިތަށި ބޯލިއެވެ.
"ރޮށި ނުކަންޏާ، މިބިސްގަނޑު ކާލާ...! ހުސް ސައިތައްޓެއް ބޮއިގެން ކިހިނެތް ބަނޑުފުރޭނީ...! އެހެން ނޫނަސް ކާއެއްޗެއް ކައިގެން ބޭސް ކެވޭނީ...!" އަންޖަލް ހުސް ސައިތަށި ބޯލައިގެން މޭޒު ދޮށުން ތެދުވަން އުޅުމާއެކު މޭޒުމަތީގައި ހުރި ތަށިން ބިސްގަނޑެއް ނަގާފައި ދިއްކޮށްލަމުން މިފްޒާލްގެ މަންމަ ބުނެލިއެވެ.
"ފާޑަކަށް ހޮޑުލަވާފަ ހުންނަނީ...! ގަދަކަމުންވެސް ތި ބިސްގަނޑު ކާލެވިދާނެ...! އެކަމަކު އަހަންނަކަށް ފާޑުފާޑުގެ ބޭހެއް މިހާރަކު ނުކެވޭނެ...!" ބިސްގަނޑުގައި ހިފަމުން އަންޖަލް ބުނެލިއެވެ.
"ފާޑުފާޑުގެ ބޭހެއް ނޫނޭ...! މޫނުމަތީގައި ތި ރިއްސާ ރިއްސުން ރަނގަޅު ކުރަން ވެގެން...! އެއީ ވަރަށް ރަނގަޅު ބޭހެއް..! މަންމަވެސް ޖުމްލަ ދެގުޅަ ކާލާއިރަށް އެނގުން ވެއްޖެ...! އިރާދަކުރެއްވިއްޔާ މި ބޭސްހުން ދަރިފުޅަށްވެސް ވަރަށް އަވަހަށް ލުއި ލެބޭނެ..!" އޯގާތެރި ކަމާއެކު މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
"މަންމާ...! އެކަމަކު އަހަންނަކަށް ބޭހެއް ނުކެވޭނެއޭ...!" އަންޖަލް، މިފްޒާލްގެ މަންމައާ ދިމާއަށް ބަލަން އިނުމަށްފަހު ބުންޏެވެ.
"ބަލަ ކީއްވެތަ ބޭސް ނުކެވެންވީ...؟ ކެވޭނެ...! ކާންވާނީ...! އޭރުންނޭ އަވަހަށް ރަނގަޅުވާނީ...! މިފްޒާލް ކޮންމެ ގޮތަކަށް އުޅުނަސް ދަރިފުޅު ބަލިވީމާ ބޭސްނުކައި ހުރެގެން ދަރިފުޅުގެ އަމިއްލަ ނަފްސަށް އަނިޔާ ދޭކަށް ނުޖެހެއެއްނު..." އަންޖަލްގެ ބުރަކަށީގައި ފިރުމާލަމުން މިފްޒާލް މަންމަ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އެހެން ވެގެންނެއް ނޫނޭ މަންމާ...! އަހަރެން... އަހަރެން...!" އަންޖަލް ބުނަން އުޅުވާހަކަ މެދުކަނޑާލީ މިފްޒާލްގެ މަންމައެވެ.
"ދެން ކިހިނެތްވީ..؟ ކީކޭ ބުނަން ތިއުޅެނީ..؟ ބުނެބަލަ...!" މިފްޒާލްގެ މަންމަ ސުވާލު ކުރިއެވެ.
"މަންމާ...! އަހަރެން... އަހަރެން ބަނޑުބޮޑު...!" މިފްޒާލްގެ މަންމައާ ދިމާއަށް ބަލަން އިނދެ އަންޖަލް ވާހަކަ ދެއްކިއެވެ.
"ކީކޭ...؟ ކީކޭ..؟ މަންމައަށް މިއިވުނީ ހަމަ ރަނގަޅަށްތަ...؟" ޙައިރާންވެފައި އިނދެ މިފްޒާލްގެ މަންމަ ސުވާލުކޮށްލިއެވެ.
"އާނ މަންމާ...! އަހަރެން ބަނޑުބޮޑު...!"" އަނެއްކާވެސް އަންޖަލް ތަކުރާރުކޮށްލިއެވެ.
"މަންމަ ވަރަށް އުފާވެއްޖެ...! ކޮންފަދަ ބޮޑު ހަދިޔާއެއް މަންމައަށް ތިދިނީ...! މިފްޒާލްއަށް ތިކަން އެނގޭތަ...؟" މިފްޒާލްގެ މަންމަ ސުވާލުކޮށްލިއެވެ.
"ނޫން...! އަދި ނޭނގޭނެ...! އަހަންނަށްވެސް އަދި އެނގުނުތާ ދެ ދުވަސް މިވީ...! މިފްޒާލް ގެއަށް އައިމަ އެ ޚަބަރު ދޭން ވެގެން ހުރީ..! އެކަމަކު ރޭގަ ގެއަށް އައިއިރު މިފްޒާލް ހުރީ އެކަހަލަ ޚަބަރެއް ދެވޭ ކަހަލަ ހާލަތެއްގައެއް ނޫނެއްނު...!" މިފްޒާލްގެ މަންމައާ ދިމާއަށް ބަލަން އިނދެ އަންޖަލް ވާހަކަދެއްކިއެވެ.
"ރޭގައި ދިޔަގޮތަށް އަދިވެސް ގެއަކަށް ނާދެދޯ...! މަންމަ ފޯނުކޮށްފައި ތިވާހަކަ މިބުނަނީ...! މަންމައަށް ޔަޤީން ތިކަން އެނގިޖިއްޔާ މިފްޒާލް ވަރަށް އުފާވާނެކަން...! ވެދިޔަ ކަންތައްތައް ހަނދާން ނައްތާލުމަށްފަހު އެނބުރި އަންނާނެކަންވެސް މަންމައަށް ވަރަށް ޔަޤީން..." މިފްޒާލްގެ މަންމަ ފޯނު ނެގުމަށްފަހު މިފްޒާލްގެ ނަންބަރަށް ޑައިލް ކުރަމުން ވާހަކަ ދެއްކިއެވެ.
މިފްޒާލްގެ ފޯނަށް އޭނާގެ މަންމަ ތިންފަހަރު ގުޅިއެވެ. އެހެން ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.
"ކީއްވެ ދެން ރޭގައި ދަރިފުޅު ތިވާހަކަ ނުބުނީ...! ކޮންމެސް ވަގުތެއް ހޯދައިގެން ތިވާހަކަ ދެއްކިނަމަ...! އޭރުން މިހިސާބަށް ކަންތައް ދާކަށް ނުޖެހޭނެހެން މަންމައަށް ހީވަނީ...!" އަންޖަލްގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
"ކިހިނެތް އެވާހަކަ ބުނާނީ...؟ އަހަރެން ބަލިވެއިންކަން އަހަންނަށް އެނގުނު ވަގުތަކީ އަހަރެންގެ ދިރިއުޅުމުގެ ވާފަށް ކެނޑެން އެންމެފަހު ރޮއްޖަށްވެފަ އޮތް ވަގުތު...! ދެން އަހަންނަށް ކޮން ހިތްވަރެއް ލިބޭނީ އެވާހަކަ ބުނަން..!" އަންޖަލް އެނދުގައި އިށީންނަމުން މަޑުމަޑުން ބުނެލިއެވެ.
"ތިބުނީ...؟ ތިބުނި އެއްޗެއް މަންމައަކަށް ނުވިސްނުނު...!" މިފްޒާލްގެ މަންމަ، އަންޖަލް ގާތުގައި އެނދުގައި އިށީންނަމުން ޙައިރާންވެފައި ބުންޏެވެ.
"މިބުނީ އެދުވަހު އަހަންނަށް ރައްޓެއްސެއްގެ ފަރާތުން އެނގުނީ މިފްޒާލް، އޭނާގެ ރައްޓެއްސެއްގެ ފްލެޓުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭކަން...! އަދި ގެޔަށް ނައިސް ގިނަވަގުތު އުޅެނީވެސް އެކޮޓަރީގައިކަން...! އެދުވަހު އަހަރެން ޑޮކްޓަރަށް ދެއްކުމުން ބަލިވެ އިންކަން އެނގުމާއެކު އަހަރެން ގަސްދުކުރީ ގެއަށް އައިމަގުމަތީ އެގޭގައި މިފްޒާލް އުޅޭތޯ ބެލުމަށްފަހު މިފްޒާލް އަށް އެ އުފާވެރިކަމުގެ ޚަބަރު ދޭން...! އެގެއަށް ގޮސް އަހަރެން މިއީ މިފްޒާލްގެ އަންހެނުންނޭ ބުނީމާ އެގޭގައި އެވަގުތު ހުރި މީހަކު އަހަންނަށް ދެއްކީ މިފްޒާލްގެ ކޮޓަރި...! އަހަރެން އެ ކޮޓަރިއަށް ވަތްންއިރު މިފްޒާލް ކޮޓަރިއަކުނެތް...! ގެއަށް އަންނަން ނުކުތްއިރު ކޮޓަރިތެރެ އެއްވެސް ތަރުތީބެއްނެތި އެތަންމިތަނަށް އެއްޗިހިތައް ވިއްސި ވިހާލިވެފައިވާތީ، އެއްޗިހިތައް ކުޑަކޮށް ތަރުތީބު ކުރަމުން ދިޔައިރު ބިންމަތިން އަހަންނަށް ފެނުނީ ފަޔާ ގޮއްސާހުރި ގަނޑުތަކެއް..! އެގަނޑުގައި މިފްޒާލް ލިޔެފައިވާ ޢިބާރާތްތައް ކިޔާލުމުން އަހަރެންގެ މުޅި ދިރިއުޅުން ފުނޑުފުނޑު ވެގެން ދިޔަ...! މިފްޒާލް އެ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ލިޔެފައިހުރި ސިޓީތަކެއް އެއީ..! މިފްޒާލް އެކުއްޖާ ދެކެ ވާ ލޯތްބާއި، އަހަރެން ދެކެ އެއްވެސް ލޯތްބެއް ނުވާކަމާއި، އަހަންނާ އިނދެގެން އުޅެނީ މަންމަ ބުނެގެން ކަމަށާއި، ވަރަށް އަވަހަށް އަހަރެން ވަރިކުރާނެ ކަމަށްވެސް ލިޔެފައިއޮތް...! މިފްޒާލްގެ ބައެއް ކަންކަން އަހަންނަށް ކުރިން އެނގުނު ކަމުގައިވިޔަސް ކަންކަން އެހާ މައްޗަށް ގޮއްސާފައިވާ ކަމެއް އަހަންނަކަށް ނޭނގެ...! އަހަރެން... އަހަރެން...!" އަންޖަލްއަށް ގިސްލެވޭ ވަރުން އިތުރަކަށް ވާހަކައެއް ކުރިއަކަށް ނުގެންދެވުނެވެ.
"މަންމައަށް ވެސް ތިކަހަލަ އެތައް ކަމެއް އެނގޭ...! އެކަމަކު އެވާހަކަތައް ދަރިފުޅު ގާތުގައި ނުދައްކާ މަންމަ މަސައްކަތް ކުރަމުން ގެންދިޔައީ މިފްޒާލް ރަނގަޅު ކުރެވޭތޯ...! ދަރިފުޅު އެއްގޮތަކަވެސް ރޯނެކަމެއްނެތް...! އިރާދަކުރެއްވިޔާ ދެރަގޮތެއް ނުވާނެ...! މަންމަ މިއަދު މިފްޒާލް އަށް ގުޅާނަން...! މިފްޒާލް ބައެއް ފަހަރު އެހެން އުޅުނަސް އޭނައަކީ އެހާ ހިތްހަރު ކުއްޖެއް ނޫނޭ..! ޔަޤީން ދަރިފުޅު ބަލިވެއިންކަން އެނގިއްޖިއްޔާ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ އޭނަ އެނބުރި ދަރިފުޅު ގާތަށް އަންނާނެ...! ރަނގަޅު މީހަކަށް ވެގެން ދަރިފުޅާއެކު އަދިވެސް އުފާވެރި ދުވަސްތަކެއް ދިރިއުޅޭނެ...! މަންމައަށް ހަމަ ޔަޤީން...! ތިކަމާ އެއްގޮތަކަށްވެސް ދަރިފުޅު ދެރަވާނެ ކަމެއްނެތް...! މަންމައަށް ހުރިހާ ކަމެއް ދޫކޮށްލާ..!" އަންޖަލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން މިފްޒާލްގެ މަންމަ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ނޫނޭ މަންމާ...! މިފްޒާލް އަށް އާދޭސްކޮށްގެން ދެން އަހަރެން އިތުރަށް މިދިރިއުޅުމެއް ބޭނުމެއް ނޫން...! މިއީ އަހަރެން މިގެއަށް އައި ދެވަނަ ފަހަރު..! ދެން އަހަންނަކަށް އިތުރަކަށް ކެތެއް ނުކުރެވޭނެ...! އަހަރެން ރޭގަ ނިދުމުގެ ކުރީން ގޮތެއް ނިންމައިފިން...! އަހަރެންގެ މަންމަ ގާތަށް އެކީ ދާން...! އެނބުރި ނާންނަގޮތަށް...! އަހަރެން ބަލިވެއިންކަން މަންމަވެސް މިފްޒާލް ގާތުގައި ނުބުނާނެ ކަމަށް އުއްމީދު ކުރަން...!" އަންޖަލް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
ހަވީރުގެ ވަގުތެވެ. މިފްޒާލް އިނީ އޭނާގެ ކެމެރާގައި ރެކޯޑުވެފައިހުރި މަންޒަރުތައް ބަލާށެވެ. އެވަގުތު ފޯނު ރިންގ ވާން ފެށިއެވެ. މިފްޒާލް ފޯނަށް ބަލާލިއެވެ. ފޯނުކުރަނީ މަންމައެވެ. މަންމަ ހެނދުނު އެތައް ފަހަރަކު ގުޅުމުންވެސް މިފްޒާލް ހަމަ ގަސްދުގައި ފޯނު ނުނެގީއެވެ. އެހެން ނަމަވެސް މިފްޒާލްގެ ރުޅިގަނޑު މިހާރު ކޮންމެވެސް ވަރަކަށް މައިތިރި ވެފައިވާތީ މަންމަގެ ފޯނު ކަނޑާލުމަށްފަހު މިފްޒާލް މަންމައަށް ގުޅިއެވެ.
"ދަރިފުޅު ކޮންތާކު ތިއުޅެނީ...! މަންމަ ހެނދުނުވެސް ހާދަވަރަކަށް ގުޅައިފީމޭ...! ރޭގައި ރުޅިއައިސްގެން ގެއިން ނުކުމެގެން ދިޔަގޮތަށް ޚަބަރެއްނުވީމަ މަންމަ މިހުންނަނީ ވަރަށް ހާސްވެފައި...! ކޮންއިރަކުން ގެއަށް އަންނާނީ...؟" މަންމަ ސުވާލު ކުރިއެވެ.
"މަންމަ ގުޅިއިރު އޭރު ނިދާފަ އޮތީ...! އެހެން ނޫނަސް ކީއްކުރަން ތިގެއަށް ދާންވީ..؟ އަހަރެން މިހެން އުޅުނީމަ މަންމަވެސް އަންޖަލްވެސް މާއުފާވާނެހެން ހީވަނީ..! ދެން އަހަރެން ނުދާނަން ތިގެއަކަށް..." ޝަކުވާކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"ތިހެން ނުބުނޭ...! މަންމައަށްވެސް އެއްޗިހި ބުނެވެނީ ދަރިފުޅު އުޅޭގޮތުންނޭ...! ދަރިފުޅު އަމިއްލައަށް ވިސްނާބަލަ ރޭގަވެސް ދަރިފުޅު އަންޖަލްއަށް ކޮށްލިވަރު...! ދަރިފުޅު މަންމަ ކައިރީގައި ބުނެގެން މަންމަ އަންޖަލްއާ ވާހަކަ ދައްކައިގެން ދެވަނަ ފަހަރަށް އަންޖަލް ދަރިފުޅާ ކައިވެނި ކުރަން ނިންމީ...! އެކަމަކު ދަރިފުޅު އެވަރު ވިސްނާނުލާ...! އަންޖަލްގެ މުޅި މޫނިމަތި އެއޮތީ ދުޅަވެފައި..! ގެއިން ނުކުމެގެން ދިޔަގޮތަށް ގުޅާލީކީ ނޫން...! ފޯނުކުރީމަ ފޯނު ނެގީކީ ނޫން..! އެއީ ދަރިފުޅުގެ އަންހެނުންނޭ...!" މިފްޒާލްއަށް ނަސޭޙަތް ދިނުމުގެ ގޮތުން މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
"އަހަރެން އަންޖަލްއާ ދެވަނަ ފަހަރަށް ކައިވެނިކުރީ އެކަމަށް މަންމަ އެދުނީމަ..! އެހެން އެއްވެސް ކަމެއް ވެގެނެއް ނޫން...! އަދިވެސް އަހަރެން މިބުނަނީ އަހަރެން އަންޖަލް ދެކެ މިހާރު އެއްވެސް ވަރަކަށް ލޯތްބެއް ނުވެއޭ... އެހެންވީމަ ތިކަން އަހަރެންގެ ބޮލުގައި އެކަނި އަޅުވަން ނޫޅޭ...! އޭނަ ނުޖެހެ ގެއަށްގޮސް ވަންނައިރަށް ޝަކުވާ ބޮނޑިއެއްހެން ޝަކުވާ ކުރަން ފަށާކަށް...! އަހަރެން ރުޅިއަރުވާކަށް...!" މިފްޒާލް އެއްގޮތަކަށްވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
"ދަރިފުޅާ! އެއީ ޝަކުވާއެއް ނޫނޭ...! ފިރިމީހާ ދެކެ ޙަޤީޤީ ލޯބިވާ އަންބަކު ވިއްޔާ ކޮންމެ ގޮތެއް ވަރިހަމަ ވެގެނެއް ނުހުންނާނެޔޭ..! ލަހުން ގެޔަށް އައިމަ ކޮންތާކުންތޯ އައީ ސުވާލުވެސް ކުރާނެ...! އަނބިމީހާގެ ޚަބަރު ބަލާނުލަންޏާ އެކަމާ ޝަކުވާވެސް ކުރާނެ...! އެއީ ލޯބިވާތީ ވާގޮތެއް...! ދަރިފުޅު ތިވިސްނަނީ މުޅިން އެހެން ގޮތަކަށް...! ކަމެއް ދިމާވާއިރަށް ބޮޑާހާކާފަ އަބަދު ތިހެން ބޭރަށް ގޮސް ތިންހަތަރު ދުވަސްވާއިރުވެސް ގެއަށް ނާންނަންޏާ މައްސަލަތަކެއް ހައްލެއް ނުވާނެ..! މައްސަލަ ހައްލުވާނީ ދިމާވާ ކަންކަމާ ދެމަފިރިން ވާހަކަ ދައްކައިގެން...! މަންމައަށް ފެންނަނީ ދަރިފުޅު ގެއަށް އައިސް އަންޖަލް އާ ވާހަކަ ދައްކައިގެން ތި ޖެހިގެން އުޅޭ މައްސަލަތައް ހައްލު ކުރަން...!" މިފްޒާލްގެ މަންމަ ބޭނުންވަނީ އަންޖަލްއާއި، މިފްޒާލް އުފާވެރި ދިރިއުޅުމެއް އުޅޭތަން ބަލަން ކަމުގައިވާތީ، ކައިވެނީގެ ގޮށް މޮހުނަނުދީ އުފާވެރި ކަމާއެކު މުޅިން އާ ދިރިއުޅުމެއް އުޅުމަށްޓަކައި ނަސޭހަތް ދެމުން ގެންދިޔައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 20 އޮކްޓޯބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް