ވާހަކަ: ޑައިރީ – ފަންސާސް ހަތްވަނަބައި

ކުރީގެ އަދަދާއި ގުޅޭ.... "ކީކޭ މަންމަ ކައިރީގައި ކިޔައިގެން ތިއުޅެނީ...؟" އަންޖަލް ފާހާނާގެ ދޮރު ހުޅުވާލުމާއެކު މިފްޒާލް ވަރަށް ބާރަށް ބުންޏެވެ. "ނޭނގެ...! ކާކު..؟ ކީކޭ ކީ..؟ މީހަކު އެއްޗެކޭ ކިޔައިގެނ...

15 Oct 2024 | 11:58

ކުރީގެ އަދަދާއި ގުޅޭ....

"ކީކޭ މަންމަ ކައިރީގައި ކިޔައިގެން ތިއުޅެނީ...؟" އަންޖަލް ފާހާނާގެ ދޮރު ހުޅުވާލުމާއެކު މިފްޒާލް ވަރަށް ބާރަށް ބުންޏެވެ.

"ނޭނގެ...! ކާކު..؟ ކީކޭ ކީ..؟ މީހަކު އެއްޗެކޭ ކިޔައިގެން އެބައުޅޭތަ...؟" ވާނުވާއެއް ނޭނގިހުރި އަންޖަލް ސުވާލު ކުރިއެވެ.

"އަހަންނަށްވެސް ނޭނގޭތީ އަހަރެން އަންޖަލް އާ މި ސުވާލުކުރީ...! އަހަންނޭ ކިޔައިގެން އަންޖަލް މަންމަ ކައިރީ ކީކޭ ކިޔައިގެންހޭ ތިއުޅެނީ...! އަންޖަލް ނުޖެހޭ މަންމަ ކައިރީ އަހަންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާކަށް...! އަހަރެން މިގެއަށް އަންނާނީ އަހަރެން ބޭނުންއިރަކު..! އެކަމަކާ އަންޖަލްއަކަށް ނުބެހެވޭނެ...! މިއީ އަހަރެންގެ ގެ...! މިގޭގައި އުޅެންޏާ އުޅެންވާނީ އަހަރެން ބޭނުންވާ ގޮތަކަށް...!" މިފްޒާލް ހަޅޭއްލަވައި ގަތެވެ.

"ބަލަ ކިހިނެތް ވެގެންތަ ތިއުޅެނީ...؟ އަހަރެން މިފްޒާލް އޭ ކިޔައިގެން މަންމަ ކައިރީގައި ކޮން ވާހަކައެއް ދައްކައިގެންތަ ތިއުޅެނީ...؟ އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމޭ...! ކާކު ކީކޭ ކީތަ...؟" އަންޖަލްވެސް ހިތްހަމަ ނުޖެހިފައިހުރެ ވާހަކަ ދެއްކިއެވެ.

"އެއްވެސް އެއްޗެއް ނޭނގޭ މީހަކަށް ހެދިގެން، މާ މާތްމީހަކަށް ވާން ނޫޅެބަލަ...! އަހަންނަށް ހުރިހާ އެއްޗެއް އެނގެއޭ..! އަންޖަލް ތިއީ މަ ނުދަންނަ މީހެއް ނޫނޭ..! އަހަންނޭ ކިޔައިގެން މަންމަ ކައިރީގައި ފާޑުފާޑުގެ ވާހަކަ ދައްކާ މީހަކީ ހަމަ ތިއޭ...! އަހަންނަށް ނޭނގިގެނެއް ނޫނޭ މިހެން މިއެހީކީ...! އަންޖަލް ހީކުރީ އަހަންނަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށްތަ...؟" އަންޖަލް ގައިގައި ޖެހުމަށްޓަކައި މިފްޒާލް އަތް މަޅާލަމުން ހަޅޭއްލަވައި ގަތެވެ.

އަންޖަލް ގައިގައި ޖެހުމަށްޓަކައި މިފްޒާލް މަޅާލި އަތުގައި އަންޖަލް ވަރަށް ބާރަށް ހިފިއެވެ.

"މިފްޒާލް ކިޔާ ހުރިހާ އެއްޗެއް އަޑުއަހަން ފިނޑިއެއްހެން ކުރިން އަހަރެން ހުއްޓަސް ހީނުކުރައްޗޭ އަބަދު އަހަރެން އެހެން ހުންނާނެއޭ...! ކުރިން އަހަރެންގެ ގައިގައި ތަޅާ އަނިޔާކުރާއިރު އަހަރެން އެއްޗެކޭ ނުބުނެ ހުއްޓަސް އަބަދު އެހެނެއް ނުހުންނާނަން...! މިފްޒާލް އުޅޭނޫޅޭގޮތް ނޭނގިގެނެއް އަހަރެން ނޫޅެމޭ..! އެކަމަކު އަދި މިވީހާ ތަނަށް މިފްޒާލްގެ ޝަކުވާއެއް މަންމަ ކައިރީގައިވެސް އަދި އެހެން މީހެއް ކާއިރީގައިވެސް ކޮށްފައެއް ނޯންނާނެ..! މިފްޒާލް އަށް ނޭނގެންޏާ އަޑުއަހާ..! މިފްޒާލްގެ ހުރިހާ އެއްޗެއް ފަޅާއަރައިފި...! މިފްޒާލް އިންޑިއާ އަށްވެސް ތިދިޔައީ އެ އައިލީން ފަހަތުންކަން އެނގޭ..! އެކަމަކު އަދި އަހަރެން އެވާހަކައެއްވެސް މަންމަ ކައިރިއަކު ނުބުނަން...! އެކަމަކު ހަނދާންކުރާތި ވަގުތު ޖެހުނީމަ އަހަރެން ހުރިހާ ވާހަކައެއްވެސް ބުނާނަން...! ތިހީކުރަނީ މިފްޒާލް ބޭނުންހާ އަނިޔާއެއް ކުރަން އަހަރެން މިގޭގައި ހުންނާނެ ކަމަށްތަ...؟ އަހަންނަށް އަނިޔާ ކުރާކަށް އަހަރެން ނޫޅެން މިގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް...!" އަންޖަލްގެ އަޑުވެސް ބާރުވަމުން ދިޔައެވެ.

"ހަމަ މިގޭގައި ހުންނަން ޖެހޭނީ...! އަހަރެން ބޭނުންގޮތެއް ހަދާނީ...! ބަލަ ކަލޭ ތިއީ އަހަރެން އަނބިމީހާއޭ...! ފިރިންނަށް ކިޔަވަންވުމަކީ އަނބިމީހާއަށް އޮތް ވާޖިބެއްކަން ކަލެއަކަށް ނޭނގޭތަ...! ކަލޭ ހަމަ މަންމަ ކައިރީގައި އަހަންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކަނީ...!" މިފްޒާލް، އަންޖަލްގެ އަތުގައި ހިފުމަށްފަހު ދުރަށް ކޮށްޕާލިއެވެ.

އަންޖަލް ކޮށްޕާލުމާއެކު ގޮސް ވެއްޓުނީ ކޮޓަރިތެރޭގައި ހުރީ ސޯފާގެ މައްޗަށެވެ. އެހެން ނަމަވެސް ވެއްޓި ޖެހުނު ގޮތުން އަންޖަލްގެ އަތަށް ވަރަށް ބޮޑަށް ތަދުވި ކަމުގައިވިޔަސް ހަމަ ވެއްޓި ޖެހުމާއެކު އަންޖަލް ތެދުވިއެވެ.

"ބަލަ މަމީ ކަލޭގެ އަންހެނުންނޭ...! ތިގޮތަކަށް އަހަންނަކަށް އަނިޔާއެއް ނުކުރެވޭނެ..! ކަލޭ ހީކުރީ މަމީ ކަލޭގެ އަންހެނުންވީމަ އެއީ ކަލޭ އަހަންނަށް އަނިޔާ ކުރަން ލިބިފަ އޮތް ހުއްދައެއް ކަމަށްތަ...؟ އެހެން ހީނުކުރައްޗޭ..! އަހަންނަކީ ކަލޭ އަންހެނުން ކަމަށްވިޔަސް އަހަންނަށް އަނިޔާ ކުރުމުގެ ޙައްޤެއް ކަލެއަކަށް ނޯންނާނެ...! ކަލެއަށް ހީވާކަހަލަ ކައިވެނި ކޮށްދިނީމަ އެއީ ކަލޭ އަނިޔާކުރަން ޤާޟީ ކަލެއަށް ދިން ހުއްދައެކޭތަ..؟ އެހެން ހީވަންޏާ އެހީ ވަރަށްބޮޑު ކުށްހީއެއް.." އަންޖަލް ވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ.

"މޮޔަވީތަ...؟ ތިއީ މަގޭ އަނބިމީހާ...! މަގޭ އަނބިމީހާ ކިޔަމަން ކުރުމަށްޓަކައި އަހަންނަށް ކޮށްމެ ކަމެއްވެސް ކުރެވިދާނެ...! އަނިޔާވެސް ކުރެވިދާނެ...! އެކަމެއް ނޭނގޭތަ... ކޯޗެއް އެނގިގެން ކަލޭ މާ ފުއްޕާފަ ތިއުޅެނީ..؟" އަނެއްކާވެސް ސޯފާއާ ދިމާއަށް އަންޖަލް ކޮށްޕާލަމުން މިފްޒާލް ހަޅޭއްލަވައި ގަތެވެ.

މިފަހަރު މިފްޒާލްގެ ހަޅޭކުގެ އަޑަށް މިފްޒާލްގެ މަންމަ އައިސް ކޮޓަރީ ބޭރު ދޮރުގައި ތަޅައިގަތުމާއެކު އަންޖަލް ދުވެފައިގޮސް ދޮރު ހުޅުވިއެވެ. އޭރު އަންޖަލްގެ އަނގަމަތީން ހިސާބަކަށް ލޭފައިބަމުން ދިޔައެވެ.

"ކިހިނެތް ވެގެންތަ މިއުޅެނީ...؟ ދުވާލުދާ ހަތަރުދަމާ ރޭގަނޑުދާ ހަތަރުދަމު އުޅޭނެހާ ތަނެއްގައި އުޅެފައައިސް މިފްޒާލް ނުޖެހޭ އަންޖަލް އަށް އަނިޔާކުރާކަށް...! ބަލާބަލަ ކޮށްލާފަހުރި ވަރު...! މޮޔަވެގެންތަ ތިއުޅެނީ..؟" އަންޖަލްގެ އަނގަމަތިން އަންނަމުންދިޔަ ލޭތައް ފޮހެމުން މިފްޒާލްގެ މަންމަ ވާހަކަ ދެއެކިއެވެ.

"އޭނަ ނުޖެހޭދޯ މަށޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ހަދަހަދައިގެން ދައްކާކަށް...! އަދިވެސް ކޮށްލެވުނުވަރު ކުޑަ..!" އަންޖަލް އާ ދިމާއަށް ހިނގައިގަންނަމުން މިފްޒާލް ހަޅޭއްލަވައި ގަތެވެ.

"ޚަބަރުދާރު އިނގޭ...! ދެން އަންޖަލް ގައިގައި އިނގިކުރި ޖައްސާލިޔަސް މަށަކީވެސް ނުބައި މީހެއްކަން އަންގާލާނަން..! އަމިއްލަ ދަރިޔަކަސް ކަންތައް މިހާރު ތިދަނީ މާ މައްޗަށް...! އަންޖަލް އަހަރެން ކައިރީގައި ވާހަކައެއް ދައްކައިގެން އަހަރެން ނޫޅެމޭ...! އަހަންނަށްވެސް ފެންނަ ކަންތައްތައް އަހަރެން ބުނީ...! ތަނެއް ދޮރެއް ބަލާނުލާ ނުޖެހޭ އަންޖަލްއަށް އަނިޔާކުރާކަށް...!" މިފްޒާލްގެ މަންމަވެސް ރުޅިއައިސްފައި ވާހަކަ ދެއްކިއެވެ.

"އަހަންނަށް ޔަޤީނޭ އަހަންނޭ ކިޔައިގެން މަންމަ ކައިރީގައާއި ތަންގަނޑު މީހުން ކައިރީގައިވެސް ފާޑުފާޑުގެ ވާހަކަތައް ހަދަހަދައިގެން ދައްކަނީ ހަމަ އަންޖަލްކަން...! ދޮގު ހަދަހަދައިގެން އަހަންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާކަށް އޭނަ ނުބަހައްޓާނަން...!" އަނެއްކާވެސް އަންޖަލް ގައިގައި ޖެހުމަށްޓަކައި މިފްޒާލް އަތްމަޅާލިއެވެ.

އެވަގުތު މިފްޒާލް ދުރަށް ކޮށްޕާލުމަށްފަހު އަންޖަލް ސަލާމަތްކުރީ މިފްޒާލްގެ މަންމައެވެ.

"ބަލަ މިފްޒާލް، ކަލޭ މޮޔަވީތަ...؟ މިފްޒާލް އުޅޭގޮތުގެ ވާހަކަ ކޮންމެހެން އަހަރެން ކައިރީގައި މީހަކު ކިޔައިދޭކަށް ނުޖެހޭ...! މިފްޒާލް އުޅޭގޮތް އަހަރެން ބަލަމުންނޭ މިދަނީ...! އަހަރެން މިހާރު ލަދުގަނޭ ތިއީ އަހަރެންގެ ދަރިއެކޭ ބުނަންވެސް..! މިފްޒާލް ކޮށްފަހުރި ހުރިހާ ކަމެއް ފަޅާއަރައިފި...! ހުންނަ ނުބައިކަން ދެކިބަލަ...! މީހެއްގެ އަނބެއް މަގުފުރައްދައިގެން ކިހާ ގަނޑެއް ގަނެފިން..! އެވެސް އަންޖަލް އާ ކައިވެނިކޮށްގެން ހުރެ...! އޭނަގެ ހިތް ލަންބުވަންވެގެން ކިހާ ކަމެއް ކޮށްފިން...! ހީނުކުރައްޗޭ މިހުރިހާ ދުވަހު އަހަރެން މަޑުން މިހުންނަނީ އަހަންނަށް އެއްވެސް އެއްޗެއް ނޭނގޭތީ ކަމަށް...! ދަރިއަކަށްވީތީ އެކަންކަން ރަނގަޅުކުރޭތޯ ވަރަށް ނަސޭހަތްވެސް ދެވިއްޖެ...! އެކަމަކު ކަށީގައި ހިފާފައިހުރި ކަމެއް ރަނގަޅުވާނީ ކިހިނެތް..؟ ނުވާނެ..! އަހަރެން ބޭނުމެއް ނޫން މިގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް...! ކަލޭ އަންޖަލްއަށް ތިހެން އަނިޔާ ކުރަންޏާ އަންޖަލް ވަރިކޮށްފަ މިގެއިން ފޮނުވާލާ..!" މިފްޒާލްގެ މަންމަހުރީ ރުޅިއައިސް ރަތްވެފައެވެ.

"އަންޖަލް ވަރިވެސް ކޮށްފާނަން..! މިގެއިން ފޮނުވާވެސް ލާފަނަން...! އެކަމަކު އަހަރެން އަދިވެސް އުޅޭނީ އަހަރެން ބޭނުންގޮތަކަށް...! އަހަންނަށް ވަރިހަމަ މަންމަ މިގެއިން ނުކުމެގެން ދިޔަސް..! އަހަރެންގެ ކަންތަކާ އެކަކުވެސް ބެހިގެން ނުވާނެ...! އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ..!" މިފްޒާލް މޮޔައެއްހެން ހަޅޭއްލަވައި ގަތެވެ.

މިފްޒާލް ހަޅޭއްލަވައިގަތުމަށްފަހު ގެއިން ނުކުމެގެން ދިޔުމުގެ މިފްޒާލްގެ މަންމަގޮސް ސޯފާގައި އިން އަންޖަލް ގާތުގައި އިށީނެވެ.

"މަންމަ މިހާރު ހިތަށްއަރާ ދަރިފުޅަށް އާދޭސްކޮށްގެން ދެވަނަ ފަހަރަށް ދަރިފުޅު މިގެއަށް ގެނެވުނު މޮޔަ...! ދަރިފުޅު މަންމައަށް މާފުކުރާނެ ކަމަށް ހީކުރަން...!" އަންޖަލްގެ ބުރަކަށީގައި ފިރުމާލަމުން މިފްޒާލްގެ މަންމަ ދެރަވެފައި އިނދެ ވާހަކަ ދެއްކިއެވެ.

"މިކަމުގައި މަންމަ ކުރާނެ އެއްވެސް ކަމެއްނެތް..! މަންމަ އާ މެދު އަހަރެންގެ އެއްވެސް ހިތްބަރު ކަމެއްވެސް ނެތޭ..! މިފްޒާލް އުޅެމުންދާ ހުރިހާ ގޮތެއް ފެށުނީންސުރެ އަހަންނަށް އެނގެއޭ...! މަންމައަށްވެސް އެނގޭނެކަން އަހަންނަށް އެނގޭ..! އެކުއްޖަކާ އާ ރައްޓެހިވެގެން އުޅޭ ކަމާއި، އެކުއްޖާއާއެކު ފާޑުފާޑަށް ނަގާފައިހުރި ފޮޓޯތައްވެސް ފެނިފަހުރީ..! މަންމަ އެކަމާ ހާސްވާނެ ކަމެއް...!" މިފްޒާލްގެ މަންމަގެ އަތުގައި ހިފާލުމަށްފަހު އަންޖަލް ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ދެން ކިހިނެތް ހަދަން ތި ގަސްދުކުރަނީ...؟" މިފްޒާލްގެ މަންމަ ބޭނުންވީ އަންޖަލް ދެން ކަންތައް ކުރާނެ ގޮތެއް ސާފުކުރުމަށެވެ.

"އަދި ހުންނާނީ މިގޭގައި...! އަހަރެން ވަރިކުރަންދެން މިގޭގައި ހުންނާނަން...! ވަރިކޮށްފިއްޔާ ދެން މަންމަމެން ކައިރިއަށް ނިއުޒިލެންޑަށް ބަދަލުވާނީ..! އެނބުރި ނާންނަގޮތަށް..!" އަންޖަލް، މިފްޒާލްގެ މަންމައާ ދިމާއަށް ބަލާލުމަށްފަހު ވާހަކަ ދެއްކިއެވެ.

ޖެހިގެން އައި ދުވަހެވެ. ހެނދުނު 9 ޖަހާދިޔައިރުވެސް އަންޖަލްގެ ޚަބަރެއް ނުވެއެވެ. ރޭގައި ރުޅިއައިސްގެން މިފްޒާލް ގެއިން ނުކުމެގެން ދިޔަގޮތަށް އަނބުރާ ގެއަށް ނާންނަކަން މިފްޒާލްގެ މަންމައަށް އެނގެއެވެ. އެއީ ފަހަކަށް އައިސް މިފްޒާލްގެ އާދައެވެ. ގެއަށް ވަދެލާނީ މަދުފަހަރަކުއެވެ. ބޭރުން އައިސް މީހަކު ގެއަށް ވަދެލާ އުޞޫލުންނެވެ. އެންމެފަހުން މަންމަ ބަދިގެތެރޭގައި އުޅެމުން ދެފަހަރަކަށް ގަޑި ބަލާލުމަށްފަހު ގޮސް އަންޖަލްގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އެހެން ނަމަވެސް ކޮޓަރީގެ ދޮރު ނުހުޅުވާތީ އެންމެ ފަހުން މަޑުމަޑުން ކޮޓަރީގެ ދޮރުގައި ހިފާލުމާއެކު ދޮރު ހުޅުވިއްޖެއެ. މިފްޒާލްގެ މަންމަ ކޮޓަރިތެރެއަށް ވަންއިރު އަންޖަލް އެނދުގައި އޮތެވެ. ހީވާގޮތުން އޮތީ ނިދާފައެވެ.

"ދަރިފުޅާ..! ދަރިފުޅާ އަންޖަލް...! މިހާރު އެހެރަ ހެނދުނު ނުވައެއް ޖަހަނީ...! ހޭލަން އުޅޭދެން..! ދަރިފުޅު ނުހޭލައިގެން މަންމަ މިހުންނަނީ ވަރަށް ހާސްވެފައި...! ދަރިފުޅު ތިއީ އެހެން ދުވަސްދުވަހު އެހާ ލަސްވަންދެން ނިދަން އޮންނަ ކުއްޖެއްވެސް ނޫނެއްނު...! އަވަހަށް ތެދުވެގެން ފާހާނާއަށްވަދޭ...!" މިފްޒާލްގެ މަންމަ އަންޖަލް ގައިގައި ކޮށްޓަމުން ގޮވަމުން ގެންދިއެވެ.

އަންޖަލް މަޑުމަޑުން ލޯހުޅުވާލުމަށްފަހު މިފްޒާލްގެ މަންމައާ ދިމާއަށް ބަލާލިއެވެ.

"ދަރިފުޅު ކިހިނެތްވެފަ ތިއޮތީ މުޅި މޫނުމަތި ދުޅަވެފައެއްނު...! ލޯމަތިވެސް ތިއޮތީ ވަރަށް ބޮޑަށް ދުޅަވެފައި...! ހިނގާ ފެންވަރައިގެން އެއްޗެއް ކައިގެން ޑޮކްޓަރަށް ދައްކަން ދާން...!" އަންޖަލްގެ މޫނުގައި އަތްޖައްސާލަމުން މިފްޒާލްގެ މަންމަ އޯގާތެރި ކަމާއެކު ވާހަކަ ދެއްކިއެވެ.

"މުޅި ގައިގައި ރިއްސަނީ...! އެކަމަކު ޑޮކްޓަރަށް ދިޔައިމަ ޑޮކްޓަރ އަހާނެ ފުރަތަމަވެސް ކިހިނެތްހޭ ވީ...؟ ދެން ކީކޭ އަހަރެން ބުނާނީ...؟ އަހަރެންގެ ފިރިމީހާ ތަޅައިގަތީޔޭ އަހަންނަށް ބުނަން ކެރޭނެތަ...؟" އަންޖަލް، މިފްޒާލްގެ މަންމައާ ދިމާއަށް ބަލަން އޮވެ ވާހަކަ ދެއްކިއެވެ.

"އެހެންވީއިރު ތެދުވެ ފެންވަރައިގެން ކޮންމެސް ބޭހެއް އުނގުޅަން ހިނގާ...! ތިއޮތީ ވެފައިއޮތް ވަރު...! ޔަޤީން ތި ތަންތާނގައި އެވަރަށް ރިއްސާނެ ކަންވެސް...! ތަދު ފިލުވާ ކަހަލަ ބޭހެއްވެސް ކާންވާނެ...! މަންމަ މި ކަކުލުގައި ރިއްސާތީ ތަދު ކަނޑުވަން ގަނެފަ ހުރި ކާބޭހެއް ހުންނާނެ...! އެއްޗެއް ކާލައިގެން ހިނގާ ބޭސް ގުޅައެއް ކާން...! ފެންވަރައިގެން ސައިބޮއިގެން، ބޭސް ކައިގެން ދެން އޮންނާނީ... އަވަހަށް ތެދުވޭ...!" މިފްޒާލްގެ މަންމަ އަންޖަލްގެ އަތުގައި ހިފައިގެން އިނދެ އޯގާތެރި ކަމާއެކު ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް