ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން "ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން" (ސައިވާކް)ގެ އަށްވަނަ ބޯޑު މީޓިންގ ފަށައިފިއެވެ.
ހުޅުމާލެ ޔޫތް ސެންޓަރުގައި މި މީޓިންގ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގެ މަޤްޞަދަކީ ސައިވާކް މޫވްމަންޓްގެ ފަރާތުން ހާސިލުކުރަމުން ދާ ކުރިއެރުންތަކާއި، ކުރިމަތިވާ އެކި ބާވަތްތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުވެ. އަދި ސައިވާކްގެ 7ވަނަ ގަވަނިންގ ބޯޑު މީޓިންގގައި ނިންމުނު ކަންތައްތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަތުމާއި، 5ވަނަ ސައިވާކް މިނިސްޓީރިއަލް މީޓިންގގެ ލަނޑުލަނޑިތަކާއި ތައްޔާރީތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުން ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި ބައްދަލުވުމާ ގުޅޭ ޕްރީ-ޓެކްނިކަލް ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފައިވެއެވެ.
ސައިވާކްއަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާ، ހާނިއްކަ، ނަހަމަ ގޮތުގައި ބޭނުންކުރުން، އިހުމާލުވުން އަދި ނަސްލީ ތަފާތުކުރުމުން އެއްކިބާވެފައިވާ މާޙައުލެއްގައި ބޮޑުވުމުގެ ޙައްޤު ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެންބަރު 8 ޤައުމުގެ މައްޗަށް އުފެދިފައިވާ އިންޓަރ-ގަވަރމެންޓް ސާކް އެޕެކްސް ބޮޑީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް