އިމަރޖެންސީ ހާލަތުގައި ބަލިމީހާ މާލެ ގެންދިއުމަށް ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅުގެ ސިއްޙީ ޚިދުމަތަށް ރަންޔޫބިލް ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިރަށަށްވެސް މި އަތޮޅަށްވެސް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ އެމަޖެންސީ ހާލަތުގައި މާލެއަށް ގެންދަންޖެހޭ ބަލިމީހާ ގެންދިޔުމަށް ހުރި ދަތިތައް ކަމަށެވެ. ހާއްސަކޮށް ވައިގެ މަގުން ބަލިމީހާ މާލެ ގެންދިއުމަށް ހުރި ދަތިތައް ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަން ހައްލުކުރުމަށް ދ.އަތޮޅުގެ ކައުންސިލާއި ވާހަކަދެއްކެވި ކަމަށާއި، އެކަމަށް އަވަސް ހައްލެއް ގެނެސްދޭނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް 50 އަހަރު ފުރިގެން އެކަން ފާހަގަކުރިނަމަވެސް، އެންމެ އެކަށީގެންވާ ފެންވަރަށް އަދިވެސް ޞިއްޙީ ޚިދުމަތް ލިބެން ނެތްކަން ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގައި ވަރަށް ގިނަ ދަތިތަކެއް ހުރިކަމަށާއި، ވަސީލަތްތަކުގެ ދަތިކަމާއި ޖާގައިގެ ދަތިކަން، އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތީ، މި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް. މި ހޮސްޕިޓަލުގެ އާ ޢިމާރާތް ފަރުމާކޮށް ނިމި، އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ވަނީ ބަޖެޓްކުރެވިފައި. އެހެންވީމާ، މިހޮސްޕިޓަލުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.
ދ. އަތޮޅުގެ ސިއްޙީ ހިދުމަތަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދ. އަތޮޅު ސިއްޙީ ޚިދުމަތުގައި 25 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރުމާއި، ފާއިތުވެދިޔަ އަހަރު އެ އަތޮޅުން ފާހަގަކުރެވުނު “ބެސްޓް ހެލްތު ސެންޓަރ” އަށް ހަނދާނީ ފިލާ ހަވާލުކުރުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ވުވައްޒަފުންގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުގެ އަގުވަޒަންކޮށް ހަނދާނީ ފިލާވަނީ އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް