އަނބިމީހާ ކަރީނާ ކަޕޫރަކީ އާންމު ދިރިއުޅުމުގައި ބަސްމަދު އަދި ލަދުރަކި މީހެއް ކަމަށް އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން ބުނެފިއެވެ.
އިއްޔެ ކަރީނާ އަދި ސައިފްގެ ކައިވެންޏަށް ހަތް އަހަރު ފުރުމާއި ގުޅިގެން ޓައިމްސް އޮފް އިންޑިއާ ނޫހަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ، ދެމީހުންގެ ތެރެއިން އެންމެ ގިނައިން ވާހަކަދައްކާ އުޅެނީ އޭނާ ކަމަށާއި، ކަރީނާ ވެސް ވާހަކަ ދައްކާ ކަމުގައެވެ. ނަމަވެސް އާންމު ދިރުއުޅުމުގައި ކަރީނާ އަކީ ބަސްމަދު އަދި 'ޕްރައިވެޓް' މީހެއް ކަމުގައެވެ.
ސައިފްގެ ކިބައިން ފެންނަ އެންމެ ފޫހިވާ ކަމަކީ ހުރިހާ ކަމަކަށް ނޫނެކޭ ބުނުން ކަމަށް ކަރީނާ ވަނީ ކުރިން ބުނެފައެވެ. އެކަމަށް ރައްދު ދެމުން ސައިފް ބުނީ، ކަރީނާގެ ވިސްނުން ހުންނަގޮތުން ބައެއް ފަހަރު ނޫނެކޭ ވެސް ބުނަން ޖެހޭ ކަމަށެވެ. އަދި ކަރީނާ އެބުނީ ދޮގު ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ފުރަތަމަ ވިސްނާނުލައި ނޫނެކޭ ބުނުމަށްފަހު އެކަމާ ފަހުން ވިސްނައިލުމަށްފަހު އާނ އެކޭ ބުނެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ސައިފް އާއި ކަރީނާ ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އެދެމީހުން އެންމެ ފަހުން އެކީގައި ފިލްމަކުން ވެސް ފެނިގެންގޮސްފައި ވަނީ އެ އަހަރު އެވެ. އެއީ އެއަހަރު ރިލީޒްކުރި "އެޖެންޓް ވިނޯދް" ފިލްމުންނެވެ. ދެމީހުންގެ ކައިވެންޏަށް ހަތް އަހަރު ފުރުނުއިރު، ދަރިއަކު ވެސް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް