ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ފަހަރަށް ބަލި ގަބޫލުފުޅު ކުރައްވައިފިއެވެ.
ދެވަނަ ފަހަރަށް ބަލި ގަބޫލުފުލު ކުރައްވާ މޭރުމަކުން ރައީސް ވާހަކަފުޅު ދެއްކެވީ މިއަދު ގައުމާއި މުހާތަބުކޮށް ދެއްވި ހިތޯބުގައެވެ.
" ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވަން، އަޅުގަނޑަށް ވޯޓު ނުދޭ ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވަން، އެ ބޭފުޅުންނަށް ދެން އިހްމާލް ނުވެވޭނެ ކަމަކީ ގައުމީ މަސްލަހަތު، ގައުމީ މަސްލަހަތު އިސްކުރާނަމަ އަޅުގަނޑަށް ވޯޓު ނުދެއްވި ނަމަވެސް ޝުކުރު ދަންނަވަން، އަޅުގަނޑަށް މުހިންމީ ގައުމު ރައީސް ޔާމީން ވިދާޅުވިއެވެ.
23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުން ބޮޑު ތަފާތަކުން ބަލިވެވަޑައިގަތުމުން، ޖެހިގެން އައި ދުވަހު އެ ނަތީޖާ ގަބޫލުފުޅުކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވާ އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ދެންނެވިއެވެ. ނަމަވެސް ފަހުން އެ ނަތީޖާއާއި ޗެލެންޖު ކުރެއްވިތަން ފެނިގެންދިޔައެވެ.
"މިއީ އަޅުގަނޑު މަގާމުން ވަކިވުމުގެ ކުރިން ފަހު ބަހެއް އިއްވުން" މިއަދުގެ ހިތޯބު ފައްޓަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރެއްވީ ގައުމީ ސަލާމަތަށް އިސްކަން ދީގެން ކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވާން ކުރާ މަސައްކަތުގައި އިސްތިގުލާލަށް ބެއްލެވި ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގެ ތެރެއިންނާއި ދާހިލީ ސިޔާސަތުގެ ތެރެއިން ވެސް ބޭރުގެ ނުފޫޒުން ރައްކާތެރިކުރެއްވި ކަމަށެވެ.
"މަސައްކަތް ކުރީ ގައުމުތަކާ ގާތް ގުޅުމެއް ބާއްވައިގެން، ވަކިން ހާއްސަ ގުޅުމެއް އަޅުގަނޑުމެންގެ ކަންކަމާ އިހްތިރާމް ކުރާ ދައުލަތްތަކާއެކު ބޭއްވިން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ފަސް އަހަރު ފަސޭހަފުޅު ނޫން ކަމަށާއި އެޅި ފިޔަވަޅެއް އެޅީ ދައުލަތުގެ ހައްގުގައި ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
"އެންމެ އުނދަގޫ ކަމަށްވީ، އަޅުގަނޑަށް ނުވިސްނު ކަމަކީ މީހުން ދަސްނުވުން، ދަހެއް ނުވި މީހުންގެ ފިކުރާއި ހިޔާލަށް ބަދަލު އަންނަ ސަބަބެއް، އެ ބަދަލުވާން އަންނަ ނުފޫޒެއް އަޅުގަނޑަށް ނޭނގުނު" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނާއިމެދު ކަންކަން ނިންމަވާއިރު ދެތިން ކަންކަމާމެދު ވިސްނާލެއްވުމަށް އެދިލެއްވިއެވެ. އެއީ ގައުމަށް ބަދަލެއް ގެނެވިއްޖެތޯއާއި އިގްތިސޯދީ ބަދަލެއް ގެނެވިއްޖެތޯއާއި ސިއްހީ ދާއިރާގެ ހާލު ދިޔައީ ގޯހަށްތޯ އެވެ.
"ގައުމީ ސަލާމަތަށް މި ރައީސް ދެއްވީ ކިހާ ވަރެއްގެ ސަމާލު ކަމެއްތޯ ބަލަންޖެހޭ، އަޅުގަނޑު އެދެނީ ގައުމީ ސަލާމަތަށް އިސްކަން ދިނުން، ހުރިހާ ކަމެއް ނިންމުމުގައި ވެސް ހިންގުމުގައި ވެސް ގައުމީ ސަލާމަތަށް އިސްކަން ދިނުން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ވަކިވެގެން ދާއިރު ވެސް ހުންނަވާނީ ގައުމަށް ހިދުމަތް ކުރުމުގައި ކަމަށާއި ސިޔާސީ މަސައްކަތުގައި ވެސް އެތައް ހާސް ރައްޔިތުންނާއެކު ދެމިހުންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް