"އޭން.... ކީކޭ އޭނަ ބުނީ .. ކީކޭތަ...؟" ހަސީނާ ހާސްވެފައިހުރެ އަވަސް އަވަހަށް ސުވާލުކުރިއެވެ.
"އޭނަބުނީ .... ކިޔާދިން ގޮތުން ހީވަނީ އެއީ... ފަންޑިތަ ވެރިކަމެއް ހެނޯ... އެކަމަކު ކުޑަކޮށް ބަލާލާފަޔޯ ޔަޤީން ކުރަންވާނީ" ޚާލިދު ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
"ފަންޑިތަވެރި ކަމެކޭ.... ދެން ކިހިނެތް ހަދާނީ... ކީއްވެ އެހެން ވާންވީ.... " ހަސީނާ ފިހަންހުރި ރޮށި ނެގުމަށްފަހު ޚާލިދު ކައިރިއަށް އަންނަމުން ބުނެލިއެވެ.
"އޭނަބުނި އެމަންޖެ ގޮވައިގެން އެރަށަށް އަންނާށޯ... އޭރުން އެކަން ރަނގަޅުވޭތޯ މަސައްކަތް ކުރާނަމޯ... އެއީ އެކަހަލަ ކަންތަކަށް ވަރަށްމޮޅު މީހެއް... " ޚާލިދުގޮސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"އަހަރު ނިމޭއިރު ބަންދު ހަތަރުދުވަސް އެބަ ލިބެއެއްނު.. އެމަންޖެ ގޮވައިގެން ތިބުނާ ރަށަކަށްދަމާ ހިނގާ... އެމަންޖެ ތިކަމުން ސަލާމަތް ކުރަންޖެހޭނެއެއްނު... " ހަސީނާވެސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"އާން... މަވެސް ތިހެން މިހިތަށްއަރަނީ... ކޮންމެސް އިރަކުން އެމަންޖެއާ އެވާހަކަ ދައްކާލާތި..... އެބައަންނަން ފެންވަރާލައިގެން...." ޚާލިދު ތެދުވަމުން ބުނެލިއެވެ.
މިއަދަކީ ނާޝިދަށް ވަޒީފާ ލިބިގެން އޮފީހަށް ނުކުތް ފުރަތަމަ ދުވަހެވެ. އޮފީހުގެ މާހައުލަށް ނާޝިދު ކިތަންމެ އާވިޔަސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ނާޝިދު ކުރަމުން ގެންދިޔައެވެ. ނާޝިދު އިނީ ޑޮކިޔުމެންޓެއް ޓައިޕް ކުރާށެވެ. އެވަގުތު މޮބައިލް ރިންގ ވާނެ ފެށިއެވެ. ޓައިޕްކޮށްކޮށް އިނދެފައި ނާޝިދު ފޯނަށް ބަލާލިއެވެ. ފޯނު ކުރަނީ ރާއިދެވެ.
"ހެލޯ.... ކޮބާ އޮފީސް ކަންތައްތައް ކިހިނެތް... ؟ ފުރަތަމަ ދުވަހު ވަރަށް ވައިދޯ... !" ރާއިދު މަޖާވެލާފައި ބުނެލިއެވެ.
"ނޫނޭ... ހަމަ މަސައްކަތުގަ މިއުޅެނީ... ނަސީބެއް ގެއިން ސައިބޮއިގެން އާދެވުނު ކަންވެސް... އެހެން ނޫންނަމަ ސައިބޯނެ ވަގުތެއްވެސް ނުވީސް..." ހެޑްސެޓް ރަނގަޅު ކޮށްލަމުން ނާޝިދު ބުނެލިއެވެ.
"ކޮބާ... ފޭސްބުކް، ވައިބަރ، އިންސްޓްގްރާމް ބަލާލާނެ ވަގުތެއްވެސް ނުވެދޯ މިއަދު... " ދިމާކޮށްލާ ރާގަކަށް ރާއިދު ބުނެލިއެވެ.
"އާން... އަދި ތިކަމަކަށް ވަގުތެއް ނުވެ... މިއަދު ނިންމަން ބޮސް ހަވާލުކުރި ލިޔުންތަކެއް ނިންމަންވެގެން މިއުޅެނީ... މިކަން ކޮށްފައެއްނު ތިކަންވާނީ... " ހީނލާފާ ނާޝިދު ބުނެލިއެވެ.
"އެހެން ހީވެގެންނޭ މިގުޅާލީ.. މިއަދު ޚަބަރުތައް ނުބަލާކަން އިނގެޔޭ.. ބެލިނަމަ މަށަށް ގުޅީސް... ޔަޤީން.... " އަނެއްކާވެސް ރާއިދު ދިމާކޮށްލާ ކަހަލަ ރާގަކަށް ބުނެލިއެވެ.
"އަނެއްކާ ކިހިނެތްވީ؟... ކޮން ޚަބަރެއް އޮވެގެންތަ ތިއުޅެނީ... ތި ޚަބަރެއް މަ ނުކިޔަސް މަށަށް އަޕްޑޭޓް ދޭން ތިހިރީނު ރާއިދު... ބުނެބަލަ ކިހިނެތްވީތަ...؟ ކޮންމެ ޚަބަރެއްތަ މިއަދު އޮތީ..؟" ނާޝިދު ސުވާލުކޮށްލިއެވެ.
"އިނގޭތަ.. ! ޝްރަދާކަފޫރު އަންނަނީޔޯ... ! ނިޔުއިއަރ ނައިޓް ޝޯ އަށް..." ރާއިދު ހެމުން ހެމުން ނުބެލިއެވެ.
"އޭނަ އެބައުޅޭތަ މޮޔަވެގެން މާލެ އަންނަން... " ދެން މި މަސައްކަތް ކުރިޔަ ދީބަލަ...! އޮފީސް ނިމެންވާއިރަށް މިކަން ނިންމާލެވޭތޯ މިއުޅެނީ... " ނާޝިދު ބޭނުންވީ އަވަހަށް މަސައްކަތް ނިންމާލާށެވެ.
"ހޫން... ދެން ތި މަސައްކަތް ކުރޭ އެހެންވިއްޔާ... ތިކަން ނިންމާފަ ޚަބަރުތައް ކިޔާލާތި... "ރާއިދު ފޯނު ބާއްވަމުން ބުނެލިއެވެ.
ނާޝިދު ޓައިޕް ކުރަންއިން ޑޮކިޔުމަންޓް ނިންމާލުމަށްފަހު ޚަބަރުތައް ބަލާލުމަށްޓަކައި އޮންލައިން ނިއުސް ސައިޓްތައް ބަލަމުންދަނިކޮށް ލޮލުގައި އަޅައިގަތީ ޝްރަދާކަޕޫރުގެ ފޮޓޯއެކެވެ. ނާޝިދު އަވަސް އަވަހަށް ފޮޓޯގެ މަތީގައި ލިޔެލާފައި އޮތް ސުރުޚީއަށް ބަލާލިއެވެ. "ނިޔުއިޔަރ ޝޯ ޝްރަދާކަޕޫރާއެކު" ނާޝިދަށް ޔަޤީން ނުވެގެން ދެވަނަ ފަހަރުވެސް ސުރުޚީ ކިޔާލިއެވެ. ޝްރަދާ ހަމަ ރާއްޖެ އަންނަނީ ހެއްޔެވެ. ނާޝިދުގެ ހިތުގެ ވިންދު އަވަސްވި ކަހަލައެވެ. ޝްރަދާ އަކީ ބޮލީވްޑުން ނާޝިދަށް އެންމެ ރީތި އެކްޓްރެސް އެވެ. ޝްރަދާގެ ކޮންމެ ފިލްމެއްވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ނާޝިދުވަނީ ބަލާފައެވެ. ބައެއް ފިލްމުތަކުގެ ޑައިލޮގްތައް ހިތުދަހެވެ. ނާޝިދު އަވަސް އަވަހަށް ޚަބަރު ކިޔަންފެށިއެވެ. އާއަހަރު ފާހަގަ ކުރުމުގެ ޝޯ އޮންނާނީ ޑިސެންބަރު 31 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ކަމަށާއި، ރާއްޖެއާއި ރާއްޖޭން ބޭރުގެ މަޝްހޫރު ގިނަ މިޔުޒިކް ބޭންޑްތަކެއް މިޝޯގައި ބައިވެރިވާނެ ކަމަށާއި، މިޝޯގައި ޝްރަދާކަޕޫރުގެ ނެށުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށް ޚަބަރުގައި ލިޔެފާވެއެވެ. އަދި އެރޭގެ ދަންވަރު 12:00 ގައި ޖުމްހޫރީ މައިދާނާއި ދިމާ މޫދުގައި ހަވާ އެރުވުމުގެ ޙަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށް ޚަބަރުގައި ލިޔެފައިވެއެވެ. ޚަބަރު ކިޔާލުމަށްފަހު ނާޝިދު ބޭނުންވީ މިޝޯ އިންތިޒާމް ކުރާ ފަރާތަކީ ކޮބައިތޯ ބެލުމަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ނާޝިދު ބޭނުންވީ ޝޯ އިންތިޒާމް ކުރާފަރާތާއި ވާހަކަ ދައްކައިގެން ޝްރަދާ އާ ބައްދަލުކޮށް އެކުގައި ފޮޓޯއެއް ނަގާ ވާހަކަ ދައްކާލުމެވެ. ފިލްމުތަކުން ޝްރަދާ ކަޕޫރު ފެންނަން ފެށީންސުރެ އެއީ ނާޝިދު އުއްމީދު ކުރަމުންދިޔަ ކަމެކެވެ. އިރާދާކުރެއްވިއްޔާ މިފަހަރު އެކަން ހަޤީޤަތަކަށް ހަދަން ނާޝިދު ބޭނުންވިއެވެ. ނާޝިދު ބޭނުންވީ އެޚަބަރު ލިޔެފައިވާ ނޫސްވެރިޔާއާއި ގުޅާލައިގެން އިތުރު މަޢުލޫމާތެއް ލިބޭތޯ ބަލާލުމަށެވެ. އެގޮތުން އެޚަބަރު ލިޔެފައިވާ ނޫސްވެރިޔާގެ މަޢުލޫމާތު ހޯދުމަށްފަހު އޭނައާއި ވާހަކަ ދައްކައިގެން މިޝޯ އިންތިޒާމް ކުރާފަރާތަކީ ކޮބައިތޯ ނާޝިދު ސާފުކުރިއެވެ. ޝޯ އިންތިޒާމް ކުރަނީ ރާއްޖޭގެ ކުންފުންޏަކާ އިންޑިޔާގެ ސަން ޓީވީ ނެޓްވޯކް ލިމިޓެޑާއި ގުޅިގެންނެވެ. ނާޝިދު ބޭނުންވީ ޝްރަދާ އާއި ބައްދަލުކުރެވޭނެ ގޮތެއްވޭތޯ އިންޑިޔާގެ އެކުންފުންޏާ މަޝްވަރާކޮށްލުމަށެވެ. އެހާވެސް ބޮޑަށް ނާޝިދުހުރީ އެކަން ކުރަން ބޭނުންވެފައެވެ. ނާޝިދު އެދުވަހު އޮފީސް ނިންމާލުމަށްފަހު ގެއަށްދިޔައީ އެ ކުންފުނީގެ މައުލޫމާތު ހޯދުމަށްފަހު ކުންފުނީގެ އެގްޒެކެޓިވް ޑައިރެކްޓަރ މިސްޓަރ ކޭ.ވިޖޭކުމާރަށް މެއިލެއް ކޮށްފައެވެ.
ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ހަވީރެވެ. ހުމޭދާ އިނީ މަންމަ ގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރުކޮށްލަކޮށްލައެވެ. މިރޭ އޮންނަ ނިޔުއިޔަރ ޝޯ ބަލަން ނާޝިދާއެކު ދާން ބޭނުންވާތީ އެވާހަކަ މަންމައާއި ދައްކާލުމަށެވެ. އަދި ހުމޭދާ އަށް ދިމާވެގެންއުޅޭ ކަންތައްގަނޑާ ގުޅިގެން މާދަމާ ފުވައްމުލަކަށް ދާން ފުރާގޮތަށް ހަމަޖެހިފައިވާތީ، އެވާހަކަ ކޮންމެހެންވެސް މިރޭ ނާޝިދަށް ކިޔައިދޭން ހުމޭދާ ބޭނުންވެއެވެ. މިހުރިހާ ދުވަހު ނާޝިދަށް އެކަން ނާންގާ ހުމޭދާހުރީ ނާޝިދު އެކަމާ ވިސްނާ ދެރަވެދާނެތީއެވެ. ނަމަވެސް މާދަމާއަކީ ފުރާ ދުވަސް ކަމަށްވާތީ މިވާހަކަ ކޮންމެހެންވެސް މިރޭ ނާޝިދު ގާތުގައި ބުންނަ ހުމޭދާ ބޭނުންވެއެވެ. ހުމޭދާ ސައިބޯން އިންދާ ހަސީނާ ކޮތަޅެއް ހިފައިގެން އައިސް ގެއަށްވަނެވެ.
"މަންމަ... އޯކޭތަ މިރޭ ޝޯ ބަލާލަން ދިޔަސް... ވަރަށް މަޝްހޫރު ބޭންޑްތައްވެސް މިރޭ ކުޅެޔޯ.. ހަވާވެސް އަރުވާ... ހިންދީ ފިލްމްސްޓާރެއްވެސް އައިސްގެން އުޅެނީ.... އޯކޭތަ ދިޔަސް..." ހަސީނާ ދޭނެ ޖަވާބެއް ނޭގޭތީ ވަރަށް ބިރުންހުރެ ހުމޭދާ ބުނެލިއެވެ.
"ތި ހުރިހާ ކަމެއް ކުރާއިރު ޝޯ ނިމޭއިރު ވަރަށް ލަސްވެފައެއްނު ހުންނާނީ .... އާއަހަރުގެ ޝޯއެއްވީމަ ހިޔެއްނުވެ އެކެއް ޖެހުމުގެ ކުރިން ތިކަމެއް ނިމޭނެހެނެއް... ޝޯ ނިމިގެން މިކޮޅަށް އާދެވޭއިރު ދޭއް ޖަހާފަ ހުންނާނީ.... މާދަން ފުރަންވެސް ޖެހޭނެއެއްނު..." ހަސީނާ ގެނައި ތަރުކާރީތައް އައިސްލަމާރި ތެރެއަށް އަޅަމުން ބުނެލިއެވެ.
"މާދަމާ ހަވީރުއެއްނު ފުރުން އޮތީ... ހެނދުނު ރެސްޓްވެސް ކޮށްލެވޭނެއެއްނު... އޯކޭދޯ ދިޔަސް... މިކޮޅުންވެސް ވަރަށްގިނަ ކުދިންދެޔޭ..." ހުމޭދާ އައިސް ފަހަތުން ހަސީނާގައިގައި ބައްދާލަމުން ބުނެލިއެވެ.
"ދެން ތިވަރަށް ނުބެއްދިޔަކސް ޝޯ ބަލާލަން ދޭބަލަ.... " ހުމޭދާ އެހާ ދާހިތުން ހުރީމަ ހަސީނާ އެއްބަސްވިއެވެ.
ގަޑިން 9 ޖެހިއިރު ނާޝިދާއި، ހުމޭދާ އާއި، ރާއިދު އާއި އަދިވެސް އެމީހުންގެ އިތުރު ބައެއް ރައްޓެހި ކުދިން ކޮޅަކާއެކު ނާޝިދުމެންތިބީ ޖުމްހޫރީ މައިދާނުގައެވެ. އެއް ގްރޫޕަށްފަހު އަނެއް ގްރޫޕް ސްޓޭޖްގައި އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދަމުންދިޔައެވެ. ޝްރަދާ ސްޓޭޖަށް އެރުމަށް ހަމަޖެހިފައިވަނީ 11:45 ގައެވެ. ޝޯ ބަލަންތިބި އެންމެންވެސް އިންތިޒާރު ކުރަމުން ގެންދަނީ ޝްރަދާ ސްޓޭޖަށް އަރާނެ ވަގުތަކަށެވެ. މާގިނަ ވަގުތަކު އިންތިޒާރު ކުރާކަން ނުޖެހުނެވެ. ޝޯ ޕްރެޒެންޓް ކުރަމުންދާ އިންޑިޔާގެ މަޝްހޫރު ޕްރެޒެންޓަރ އަދިތުޔާނާރަން ސްޓޭޖަށް އެރުމަށްފަހު ވަރަށް ބާރަށް ޝްރަދާ ކަޕޫރަށް ގޮވާލިއެވެ. އެވަގުތު އަތްތިލަބަޑިއާއި ހަޅޭކުގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. ރަތްކުލައިގެ ވިދާ ހެދުމެއްގައި ހުރި ޝްރަދާ ހަމަލޮލަށް ފެންނައިރު ފިލްމުތަކުން ފެންނަވަރަށްވުރެ މާރީއްޗެވެ. ފިލްމު އާޝިޤީ 2 ގެ "ސުންރަހާހޭ ނާތޫ" މި ލަވަ ސްޓޭޖްމަތީގައި ހުށަހަޅަމުންދިޔައީ ޝްރަދާގެ އަޑުންނެވެ. ޝޯ ބަލަންތިބި އެންމެންގެ ނަޒަރު ޝްރަދާގެ އެފުރިހަމަ ލަވައަށް ހުއްޓިފައިވީ ނަމަވެސް ހުމޭދާގެ ނަޒަރު ހުއްޓިފައިވަނީ ޖުމްހޫރީ މައިދާނާއި ދިމާއިން މޫދަށެވެ. ހުމޭދާ ނާޝިދުގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، 19 ސެޕްޓެމްބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް