ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަސްތާ....! އެގަޑީގައި ގޯތިތެރޭގައި އެހެރީ ނާޝިދެވެ. ދެވަނަ ފަހަރަށް ހުމޭދާ ދޮރު ހުޅުވާލުމުން ނާޝިދު ކުޑަދޮރު ކައިރިއަށް އައިސް ހުޓުނެވެ. "ނާޝިދު... މިގަޑީގަ... ކިހިނެތްވީ އަނެ...

14 Sep 2023 | 05:54

ކުރީގެ އަދަދާއި ގުޅޭ...

އަސްތާ....! އެގަޑީގައި ގޯތިތެރޭގައި އެހެރީ ނާޝިދެވެ. ދެވަނަ ފަހަރަށް ހުމޭދާ ދޮރު ހުޅުވާލުމުން ނާޝިދު ކުޑަދޮރު ކައިރިއަށް އައިސް ހުޓުނެވެ.

"ނާޝިދު... މިގަޑީގަ... ކިހިނެތްވީ އަނެއްކާ ޚަބަރެއްވެސްނުވެ ގެއަށް ތިޔައީ ... " ހުމޭދާ ހާސްވެފައި އެހިއެވެ.

"ހުމޭ... ހުމޭ... ހުރިހާ ކަމެއް ރަނގަޅުތަ.. ؟ ހުމޭއަށް ގުޅަން އުޅެއުޅެ ނުގުޅިގެން އެންމެފަހުން މިއައީ.. ފޯނު ނިވިފަ އޮތީ.. ހުމޭ ތީ ފޯނު ނިއްވާލައިގެން އުޅޭ ކުއްޖެއްވެސް ނޫނެއްނު... އެހެންވެ ކަމެއްވީ ކަމަށް ހީކޮށްމިއައީ ހަމަ ނުހުރެވިގެން... "ނާޝިދު އެއްނޭވާއިން ހުރިހާ ވާހަކައެއް ދެއްކިއެވެ.

"އާން.. ފޯނު ޗާޖުހުސްވެގެން ނިވުނީ.. ޗާޖު ނުކުރެވިގެން އަދި މިއުޅެނީ.... ހުމޭ ހަމަ އޯކޭއޭ.. ނާޝިދު މާބޮޑަށް ވިސްނަނީޔޭ... ދެން އަވަހަށްދޭ... އިރުކޮޅަކުން މިކޮޓަރިއަށް މަންމަ އަންނާނެ... ނާޝިދު އައިކަން އެނގިއްޖިއްޔާ މައްސަލަ ވަރަށް ގޯސްވާނެ... " ކުޑަދޮރުން ބޭރުން ކުޑަދޮރުގައި އަތްއަޅާލައިގެންހުރި ނާޝިދުގެ އަތުގާ ހިފާލަމުން ހުމޭދާ ބުނެލިއެވެ.

މިރޭ ދިމާވި ހާދިސާ މިގަޑީގައި ނާޝިދަށް ކިޔާދޭން ހުމޭދާ ބޭނުން ނުވީ އިތުރަށް ނާޝިދު ހާސްކުރުވަން ބޭނުންނުވާތީއެވެ.

"އަސްލު އެވަރަށް ގުޅަންއުޅުނީ އެހެން ވާހަކައެއްވެސް ބުނަން ވެގެން.. ކާށިދޫގައި އުޅޭ ބޮޑުދައިތަގެ ކުއްޖެއްގެ ވެޑިން އެބައޮތް މާދަންރޭ... މަންމަމެން މާދަން ހެނދުނު ކާށިދޫއަށް ދާން އެއުޅެނީ... މަންމަމެން ބޭނުންވޭ ނާޝިދުވެސް ގެންދަން.. އެހެންވެ މާދަން ކާށިދޫއަށްދާތީ އެވާހަކަވެސް ބުނެލަން އެވަރަށް ގުޅަން އުޅުނީ.. ޕާޓީ ނިންމާފަ އަނެއްދުވަހު މާލެ އަންނަ ގޮތަށް ހަމަޖައްސާފަ އޮތީ.." ހުމޭދާގެ މޫނަށް ބަލަހައްޓައިގެންހުރެ ނާޝިދު ވާހަކަ ދެއްކިއެވެ.

"އެހެންތަ... ! އެންމެ ދުވަހެއްނު.. ؟ ވަރަށް މަޖާވާނެ ދޯ..." ހުމޭދާ ބުނެލިއެވެ.

އެވަގުތު ދޮރުގެ ތަޅުގައި މީހަކު ހިފާލުމަށްފަހު ޓަކި ޖަހާލިއެވެ. އެއީ މަންމަކަން ހުމޭދާއަށް އިނގެއެވެ.

"ނާޝިދު.. މަންމަ ކޮޓަރީގައި އެބަ ޓަކިޖަހާ... ދެން ދޭ.. މަންމަ އަށް ފެނިއްޖިޔާ ކަންތައް ވަރަށް ގޯސްވާނެ..." ކުޑަކޮށް ހިނިތުންވަމުން ހުމޭދާ ބުނެލިއެވެ.

"އޯކޭ.. ދަނީ އިނގޭ.. ވަރަށް ބޮޑަށް ލޯބިވޭ... ވަރަށް މިސްވޭ..." ހުމޭދާގެ ދަތްދޮޅީގައި ކޮއްޓާލަމުން ނާޝިދު ހިނިތުންވެލާފައި ބުނެލިއެވެ.

"ލަވްޔޫ އެންޑް މިސްޔޫ ޓޫ... " ހުމޭދާވެސް ބުނެލިއެވެ.

ނާޝިދު ދިޔުމުން ހުމޭދާ ކުޑަދޮރު ލެއްޕުމަށްފަހު ގޮސް ކޮޓަރީގެ ދޮރުހުޅުވިއެވެ.

ނާޝިދު ކާށިދޫއަށް ދިޔައީ ރާއިދުވެސް ގޮވައިގެންނެވެ. ރަށުގައި ދަންނަ މީހަކު ނެތުމާއެކު ރާއިދު ހުރުމުން ފޫހިވާނެ ވަގުތެއް ނުލިބޭނެކަން އިނގޭތީއެވެ. ޕާޓީގެ ކަންތައްތައް ދިޔައީ ވަރަށްވެސް ފުރިހަމައަށެވެ. ހަމައެހާމެ މަޖާކޮށެވެ. ޕާޓީގެ ކަންތައްތައް ނިމުނުއިރު ވަރަށް ލަސްވެފައިހުރުމާއެކު އެންމެންވެސް އަވަސްވެގަތީ ނިދަން ދިއުމަށެވެ. ނާޝިދަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނީގެ އަސަރު ކުރަންފެށުމުންނެވެ. ނިދީގެ އަސަރުހުރި ނަމަވެސް ގަދަކަމުން ދެލޯހުޅުވާލެވުނެވެ. އުއްޑުން އޮތުމާއެކު ދެލޯ ހުޅުވާލުމުން ނާޝިދަށް ފެނިގެންދިޔައީ ކަޅުވިލާތައް ގިނަވެފައިވާ އުޑެވެ. ކުއްލިއަކަށް ނިދީ އަސަރު ފިލައިގެން ހިނގައްޖެއެވެ. ނާޝިދު ދެފަރާތްހޯދާ ބަލާލިއެވެ. ދެފަރާތުން ފެންނަނީ އަނދިކަމެވެ. ރާޅުގެ އަޑު އިވެން ފެށުމާއެކު ކުއްލިއަކަށް ނާޝިދަށް ތެދުވެވުނެވެ. ނާޝިދަށް އޮވެވުނީ އަތިމަތީ ދޮންވެލިގަނޑު މަތީ ރާޅު ބީއްސާ ހިސާބުގައެވެ. މުޅި ހަށިގަނޑުވަނީ ތެމިފޯވެފައެވެ. ނާޝިދު ތެދުވެ ވަށައިގެން ހޯދާބަލާލިއެވެ. ކަނޑުން ނަގައިގެން އަންނަ ބިޔަ ރާޅުތަކުން އިވޭ ބިރުވެރިއަޑާއި، ޖެހޭ ބާރުވައިން ގަސްތަކުގެ ގޮފިތަކާއި ފަތްތައް ހެލެމުންދާ އަޑުނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. ވަށައިގެން އެއްވެސް ކަހަލަ އަލިކަމެއް ނެތެވެ. މުޅި ހިސާބު އޮތީ އަނދިރިކޮށެވެ. ނާޝިދު ހަނދާންވިއެވެ. ޕާޓީ ނިންމާފައިގޮސް ނިދަން އޮށޯންވަގުތު ގެއިން ކަރަންޓް ދިއުމާއެކު ފިނިކޮށްލަން ނާޝިދާއި، ރާއިދު ނިކުތީ އަތިރިމައްޗަށެވެ. އަތިމައްޗަށް އައިސް ދެމީހުން ވެލިގަނޑުމަތީ ވާހަކަ ދައްކަން ތިއްބާ ނިދުނީހެއްޔެވެ..؟ ރާއިދު ކޮބައި ހެއްޔެވެ.. ؟ ނާޝިދު ހިތުގައިވަނީ ސުވާލުތަކެކެވެ. ކުއްލިއަކަށް ރާޅުގެ އަޑުފައްގަނޑު ބާރުވެއްޖެއެވެ. ނާޝިދު މޫދާ ދިމާއަށް ބަލާލިއެވެ. އޭރު ކަނޑުން ބިޔަ ރާޅުތައް ނަގަމުންދިޔައެވެ. މިބިޔަ ރާޅުތަކުގެ ފަހަތުން ވަރަށް އުސްރާޅެއް ނެގިތަން ނާޝިދަށް ފެނުނެވެ. އެވަގުތު ރާއިދުގެ އަޑު ނާޝިދުގެ ކަންފަތުގައި ޖެހުނެވެ.

"ނާޝިދު... އަވަހަށް ހިނގާ... ކޮންމެސް ހިސާބަކަށް ބިންހެލުމެއް އައިސްގެންނޯ އުޅެނީ... އެކަމުގެ އަސަރު މިކުރަނީ.. ބަލާބަލަ އެނަގާ ބޮޑެތި ރާޅުތައް... " ރާއިދު ރަށުތެރެއިން ދުވެފަ އަންނަމުން ވަރަށް ބާރަށް ގޮވާލިއެވެ.

ނާޝިދާއި ރާއިދު ރަށުތެރެއަށް ދުއްވައިގަތެވެ. އެހެން ނަމަވެސް ނެގި އެބޮޑުރާޅު އައިސް ގޮނޑުދޮށުން ރަށު ތެރެއަށް އަރައިގެން ދިޔައެވެ. ނާޝިދާއި، ރާއިދު ރާޅުގެ އޮވައިރުގައި ގައިދުވެގެން ދިޔައެވެ. ރާޅުގެ އޮއިވަރުގައި އޮޔާދިޔަ ރާއިދު އެތަނުން ރުކެއްގައި ބާރަށް ހިފަހައްޓާލިވަގުތު ކައިރިން އޮޔާދިޔަ ނާޝިދު ފެނުނެވެ. އެވަގުތު ނާޝިދުގެ އަތުގާ ހިފުމަށްޓަކައި ރާއިދު އަތްދިއްކޮށްލިއެވެ. ނަމަވެސް ރާއިދުގެ އަތުގައި ނާޝިދަށް ހިފޭގޮތެއް ނުވިއެވެ. އޮޔާދިޔަ ނާޝިދު ކުޑައިރުކޮޅެއްގެ ތެރޭގައި ގަހެއްގެ ހިމާޔަތް ހޯދިއެވެ. ރަށުގެ ބޮޑުބަޔަކަށް ރާޅުއަރައިގެން ދިޔައެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭގެއެވެ. ރާޅުގެ ބާރު ކެނޑުމާއެކު ރުކަކާ ހިފަހައްޓައިގެންހުރި ރާއިދު ރުކުން ދޫކޮށްލުމަށްފަހު ނާޝިދަށް ގޮވަމުން ހިނގަންފެށިއެވެ. އޭރުވެސް ލޮނުގަނޑު ކަކުލާ ހަމައަށް ހުއްޓެވެ. ކުޑަތަންކޮޅަށް ހިގާލިތަނާއި، ރާއިދަށް ނާޝިދު ފެނުނެވެ. ދެމީހުން ރަށުތެރެއަށް ހިނގަމުން ދިޔައިރު މުޅިރަށަށް ރާޅުއަރާފައިވާކަން ފާހަގަކުރެވުނެވެ. ގޭގެއިން އޮޔާދިޔަ ތަކެތި ހޯދުމުގައި ރަށުގެ ގިނަ ބަޔަކު އަވަދިނެތި އުޅެމުންދިޔައެވެ. ނާޝިދުމެން ގެއަށް ދިޔައިރު ނާޝިދުގެ މަންމަ ސަމީރާ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ.

"މަންމަ މިހޯދަނީ ދަރިފުޅުމެން.. ފޯނުވެސް ނުލާދޯ ދިޔައީ... ފޯނަށް ގުޅީމަ ދެމީހުންގެ ފޯނުވެސް ކޮޓަރިން ރިންގވާ އަޑު އިވުނީ... މަންމަ މިހިރީ ޚަބަރެއް ނުވެގެން ބިރުން ހަލާކުވެފަ.... " ސަމީރާ ޝަކުވާގެ ރާގެއްގައި ވާހަކަ ދެއްކިއެވެ.

އާން... ކަރަންޓް ދިޔައިމަ ފިނިކޮށްލަން ނުކުތީ.. އަތިރިމަތީ ތިއްބަ ނިދުނީ ދޯ ރާއިދު.." ރާއިދަށް ބަލާލަމުން ނާޝިދު ބުންޏެވެ.

އާނ... ކިރިޔާ މިސަލާމަތްވީ... ރާޅު އެރިވަގުތު އަތިރިމަތީގަ ތިބެވުނީ.. އެންމެ ބޮޑު ރާޅުގެ އޮއިވަރުގައި އޮޔާދަނިކޮށް ގަސްގަޑެއް އަތުޖެހުނީމަ މިސަލާމަތްވީ... " ރާއިދު ބުނެލިއެވެ.

"އެހެންތަ... ؟ ނަސީބެއްނު... ދެކުނު އަވަށަށް ވަރަށް ގެއްލުންވިޔޯ އެބަކިޔާ... މިހިސާބަށް މާބޮޑު ކަމެއް ނުވެ... ދެން ކަރަންޓް ލިބުނީމަ އިނގޭނީ ވާނުވާއެއް.. " ސަމީރާ ވާހަކަ ދެއްކިއެވެ.

"ކިހާއިރަކު ފުރަނީ... ؟" ނާޝިދު ފުރާގަޑި ސާފުކުރުމުގެ ގޮތުން އަހާލިއެވެ.

"ހެނދުނު ސައިބޮގެން ފުރަންވީ... ދެން މިވީ ގޮތުން ނުނިދޭނެ އެއްނު.. ދޭ ދެކުދިން އެއްޗިހި ބަދަލުކޮށްގެން އަންނަން... ތެމިފޯވެފައެއްނު ތިތިބީ.. " ސަމީރާ ދެކުދިންނަށް އިޝާރާތްކޮށް ބުނެލިއެވެ.

ހެނދުނުގެ ވަގުތެވެ. ހަސީނާ އަވަދިނެތި ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އުޅެމުން ގެންދިޔައެވެ. ޚާލިދު ޖޮގިން ނިންމާލުމަށްފަހު ގެއަށް އައެވެ.

"ކޮބާ އެމަންޖެ ހޭލައިފިތަ...؟ " ބޫޓް ބާލަމުން ޚާލިދު އަހާލިއެވެ.

"އާނ.... ފަތިސް ނަމާދުކޮށްގެން އައިސް ކޮފީތައްޓެއް ބޯލައިގެން އެދިޔައީ... " ރޮށިފިހަންހުރި ހަސީނާ ބުނެލިއެވެ.

"އެމަންޖެއާ ދިމާވި ކަންތަކާ ގުޅިގެން ރޭގަ މީހަކާ ވާހަކަ ދައްކާލައިފިން... އޭނަ ބުނިގޮތުން ވިއްޔާ އެއީ.... " ޚާލިދު ވާހަކަ ހުއްޓާލިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 ސެޕްޓެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް