ޝަރުތުތަކަކާއި އެކު ސަމީރުވެސް ދޫކޮށްލައިފި

ރޭ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި އެވެ. ކުރިން ރަައްޔިތުންގެ މަޖިލިހުގ...

17 Aug 2017 | 18:08

ރޭ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި އެވެ.

ކުރިން ރަައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ސަމީރު ހައްޔަރުކުރީ ރޭ ޖޭޕީގެ މައި ޖަގަހަ، ކުނޫޒް ކައިރީގައި އޮތް އެއްވުމެއްގައި ރާއްޖެޓީވީ އަށް އިންޓަވިއުއެއް ދެއްވަން ހުންނަވަނިކޮށެވެ. މިއަދު އޭނާ ދޫކޮށްލީ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކޯޓުން ސަމީރު ދޫކޮށްލަމުން ޝަރުތުކޮށްފައިވަނީ ފުލުހުންނަށް ފޯނު ނަމްބަރު ދިނުމަށާއި، ޖިނާއީ ކުށެއްގައި ބައިވެރި ނުވުމުގެ އިތުރުން ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ. ސަމީރު ދޫކޮށްލާފައިވާއިރު އޭނާގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ ސަމީރުގެ މައްޗަށް ހަތަރު ތުހުމަތެއް ރޭ ހައްޔަރު ކުރުމަށް ފަހު ފުލުހުން ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހެއްގެ ގައިގައި ޖެހުމާއި ދައުލަތް ހިންގުމުގެ ދާއިރާއަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގި ކަމަށެވެ. މީގެ އިތުރުން މީގެ ކުރިން ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައި ސަމީރު ވަނީ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފަ އެވެ.

މި ތުހުމަތުތައް އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ ފަސް މާއްދާއަކާއި ހަވާލާދީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް