ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ހިޔާނާތުގެ ފައިސާގަ އިންތިހާބުވެފައިވާ އެއްވެސް މެންބަރަކު ޕީޕީއެމްގައި ނުހުންނަވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެމްޕެއިން ޖަގަހަ “ރުމާލު ދޭއް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެހެން ހޮވަންޖެހޭ ޕީޕީއެމްގެ މަޖިލީސް މެންބަރުންތަކެއް ހޮވަން ހަރަދު ކުރެވިފައިވަނީ އަހުމަދު އަދީބުގެ ހަލާލު ނޫން ފައިސާ ކަމަށެވެ. އަދި އެމަނިކުފާނުގެ ގެކޮޅަށް ވަނީ ހަލާލުނޫން ފައިސާ ކަމަށް ގަބޫލު ކުރެއްވޭ ނަމަ އެ މެންބަރުން އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ.
އެކަން ދޮގު ކުރައްވާ މިއަދު އަބްދުއް ރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ކެމްޕޭނަށް ހަރަދުކޮށްގެން ހޮވިވަޑައިގަތް އެއްވެސް މެމްބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށް ވިދާޅުވި އެވެ. މެމްބަރުންގެ ކެމްޕޭނަށް އަދީބު ހޭދަކުރެއްވި ނަމަ، އެކަން ކުރެއްވީ އެކިއެކި ފަރާތްތަކުން ރައީސަށް ދެއްވައި އަދީބު ބަލަހައްޓަވަމުން ގެންދެވި ފައިސާ އިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަދީބުގެ ފައިސާ އިން ހޮވިވަޑައިގަތް މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަަޑައިގަންނަވާނެ އެ ބޭފުޅުން ހޮވުނީ ކިހިނެއްކަން. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިސްތިއުފާ ދޭންވީ ސަބަބު. އަދީބުގެ ފައިސާއަކީ ކޮރަޕްޓު ފައިސާއޭ ވިދާޅުވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއީ ކޯއްޗެއް ކަން. އެ ފައިސާ ބޭނުންކުރީ ކޮން ކަމަކަށް ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި މީޑިއާއިން ދަނީ ރައީސް އެރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުންނެވެ.
އެރޭ ރައީސް ދެއްކެވި އެ ވާހަކަތައް މާނަކޮށްދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ވިދާޅުވީ ސިޔާސީ ކަންކަމަށް މީހުން ދީފައި ހުރި ފައިސާ އަދީބު އަތުގައި ހުންނާނެ ކަމަށް ކަމަށެވެ. އަދި އެ ފައިސާއިން ކެމްޕެއިނަށް ހަރަދު ކުރުމުން އެއީ އަދީބު ހިޔާނާތުގެ ގޮތުގައި ހޯދި ފައިސާ ކަމަށް ނުބެލެވޭނެ ކަމަށެވެ.
އަބްދުއް ރަހީމް ވިދާޅުވީ ީޕީޕިއެމްގެ އެއްވެސް މެންބަރަކު އިސްތިއުފާދެއްވަން ނުޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް