ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ކުނޫޒު ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތެއްގެ ތެރޭގައި ހުންނަވަނިކޮށެވެ. ވައްޑެ ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގެ އިދާރާއަށް އެ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު ވެންނެވި ކަމަށް ބުނެ އެވެ.
އޭނާ ދޫކޮށްލީ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު އެވެ. ވައްޑެއަށް ޝަރުތުކޮށްފައިވަނީ ގާނޫނާއި ހިލާފު ކަމެއް ނުކުރުމަށާއި ފުލުހުންނަށް ގުޅޭނެ މޯބައިލް ނަމްބަރެއް ދިނުމަށެވެ.
ވައްޑެ ހައްޔަރު ކުރި ފަހުން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.
ވައްޑެގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ހަމަ އެއް މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް