ފަރުވާއަށް ފަހު ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ. ގާސިމްގެ ސިއްހީ ހާލު ކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ދެ ވަނަ ފަހަރަށް އެޑްމިޓް ކުރީ މިމަހުގެ ހ...

17 Aug 2017 | 10:52

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ގާސިމްގެ ސިއްހީ ހާލު ކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ދެ ވަނަ ފަހަރަށް އެޑްމިޓް ކުރީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ގާސިމް ހޮސްޕިޓަލުން ދޫކޮށްލިތާ މިހާރު ދެ ދުވަސްވަރު ވެއްޖެ އެވެ.

ގާސިމްގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެފައިވަނީ އޭޑިކޭއިން ފަރުވާ ހޯއްދެވީ ހިތުގެ ބައްޔަށް ކަމަށެވެ. އަދި ފަހުންވެސް ޑޮކްޓަރުން ލަފާދެއްވާފައިވަނީ ރާއްްޖެއިން ހެދެން ނެތް ޓެސްޓުތައް ބޭރަށް ގޮސްގެން ހެދުމަށެވެ.

ހިތުގެ ބައްޔަށް ދިގު މުއްދަތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމްގެ ހާލު ސީރިއަސް ވެގެން އެންމެ ފުރަތަމަ އެޑްމިޓް ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެފަހަރު ދެ ހަފްތާއެއްހާ ދުވަހު އޭޑިކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައި ވެ އެވެ. އެންމެ ފުރަތަމަ އެ ދުވަހު އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގައި އެވެ. ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ އެރޭ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ދިޔަ ފަހުން ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުންނެވެ.

ގާސިމްގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި އެތައް ފަހަރަކު އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ ކްރިމިނަލް ކޯޓުގައި އެދެމުންނެވެ.  އަދި ގާސިމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ޕާސްޕޯޓު ލިބޭނެ ގޮތް ހަދައި ދިނުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް