ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި އެވެ. ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ހިނގަމުންދާ ޗައިނާއިން ކުރިޔަށް ގެންދާ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، އަލަށް ސަފީރުކަމާއި ސަފީ ހަވާލުވެވަޑައިގަންނަވާ ބޭފުޅާގެ ފަރާތުން އެއްބާރުލެއްވުމާ އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ ވާހަކަފުޅުގައި އޭނާގެ ސަފީރުކަމުގެ ދައުރުގައި ރައީސް ޔާމީންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވަމުން ގެންދަވާ ކަންކަން ފާހަގަ ކުރެއްވި އެވެ. ކުރިއަށްއޮތް ތަނުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން، ހާރިޖީ ގޮތުންނާ ބައިނަލްއަގުވާމީ ދުނިޔޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް