މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ސަބަބު އޮޅިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވިގެން ހުއްޓާލާފައި އޮތީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން ބުނެފި އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީ...

17 Aug 2017 | 08:48

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވިގެން ހުއްޓާލާފައި އޮތީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވެނީ އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްއިން އިންތިޒާރު ކުރަމުންދަނީ މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިޔަށް ދާނެ ދުވަހަކަށް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ޖަލްސާތައް ކުރިޔަށް ނުދާތީ. ވީހާވެސް އަވަހަކަށް މަޖިލީސް ފެށިގެން ދިއުމަކީ އެދޭ ގޮތަކީ. އަޅުގަނޑުމެންނަށް އެނގިފަ އޮތް ގޮތުގައި އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން ހިންގާތީ ނުވަތަ ޖަލްސާ ކުރިޔަށް ގެންދިއުމަށް ހުރަސް އަޅާތީ ކުރިޔަށް ނުގެންދެވިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އަބްދުއް ރަހީމް މިހެން ވިދާޅުވި އިރު މިދިޔަ މަހުގެ 31 ވަނަ ދުވަހު އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި ޖަލްސާ އިދިކޮޅު ފަރާތްތަކުގެ ހަމަނުޖެހުންތަކާއި އެކުވެސް ބޭއްވި ކަމަށް މަޖިލީހުގެ އިދާރާއިންނާއި ޕީޕީއެމްއިން ވަނީ ބުނެފަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެދުވަހު ޖަލްސާ ނުބާއްވާ ކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް ކެންސަލް ކޮށްލީ ހަމަ އެރޭ މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް