އިސްލާމީ ޢަޤީދާއިން ޑޮކްޓަރީކަން ޙާޞިލްކުރައްވާފައިވާ ސައޫދީ ޢަރަބިއްޔާގެ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އަބޫ ޒަޢިދު ބިން މުޙައްމަދު ބިން މުޙައްމަދު ޤަބިއްޔު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި އައްޝައިޚް އަބޫ ޒައިދު ގެ ދީނީ ފޯރަމްތަކުގެ އިތުރުން ބައެއް ދަރުސްތައް މާލެ އާއި އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝައިޚް ގެ ކަންކަން އިންތިޒާމު ކުރުމުގައި ޙަރަކާތްތެރިވަނީ ޖަމްޢިއްޔަތުއްސަލަފާއި އައްޑޫސިޓީ ގެ ފަރާތުން ނޫރުލް އިސްލާމް ޖަމްޢިއްޔާ އެވެ. ޝައިޚް އަބޫ ޒަޢިދުގެ ޕްރޮގްރާމުތައް މިއަދު އައްޑޫސިޓީގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ޝައިޚް މާލެ ވަޑައިގަންނަވާނެ އެވެ.
"މިއަދު ރާއްޖެ ވަޑައިގެންނެވި އައްޝައިޚް އަބޫ ޒައިދު ގެ ޕްރޮގްރާމުތަކުގެތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑަށް އިސްކަމެއް ދޭނަން ރާއްޖޭގެ ޢިލްމުވެރިންނާއެކު އެބޭފުޅާގެ ޢިލްމީ ވާހަކަތައް ހިއްސާކުރުމަށް. އެގޮތުން އަޅުގަނޑުމެން މިހާރު ރާވާލާފައިވާނީ ބައެއް ފޯރަމްތަކާއި އަދި ޕްރޮގްރާމްތައް" ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.
ސައޫދީ ޢަރަބިއްޔާގެ އުއްމުލްޤުރާ ޔުނިވަރސިޓީގައި ކިޔަވައިދެއްވަމުން ގެންދަވާ އުސްތާޛެއް ކަމުގައިވާ، އައްޝައިޚް އަބޫ ޒަޢިދު ރާއްޖޭގައި ހޭދަކުރައްވާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން ފެށިގެން 24 އާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް