މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާއެކު ބާއްވާ ރައްކާ ރޯޑް ޝޯވ ހދ. ކުޅުދުއްފުށީ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ފުލުހުން ބުނީ ރައްކާ ރޯޑް ޝޯވ ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 21 ން 28 އަށް ކަމަށެވެ.
"ރައްކާ ރޯޑް ޝޯވ ކުޅުދުއްފުށީ ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް މިހާރު ދަނީ ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން މި ޓީމުން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކާ ބައްދަލުކުރުމުގެ އިތުރުން ރައްކާ ރޯޑް ޝޯވގެ އެކި ހަރަކާތްތަކަށް ކުޅުދުއްފުށީގައި ތައްޔާރީތައް ދަނީ ކުރަމުންނެވެ."ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ރައްކާ ރޯޑް ޝޯވގެ ތެރެއިން ކުޅުދުއްފުށީގެ ޒުވާނުންނަށާއި ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އިސްރަށްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ، މުވައްޒަފުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެމްބަރުންނަށް މަޢުލޫމާތު ދިނުމަށް ސިމްޕޯޒިއަމްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ކުޅުދުއްފުށީގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މެސެޖްތައް ހިމެނޭ ބެނާތަކާއި ބޯޑުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މީގެއިތުރުންވެސް ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުޓްސަލް މުބާރާތަކާއި ޑިނަރ ނައިޓަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އަންހެނުންގެ ނެޓްބޯޅަ މެޗަކާއި ރޯޑް ރެލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ހިންގަމުންދާ ރައްކާ ރޯޑް ޝޯވއަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެލައިޑް އިންސްއަރެންސްގެ އެހީތެރިކަމާއެކު 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ރައްކާ ރޯޑް ޝޯވ ބާއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް