މި ހިނގާ ޖުލައި ހަތަކާއި ހަމައަށް އެކިއެކި މައްސަލަތަކާ ގުޅިގެން ކުރާ ތަހްގީގު ތަކަށް ބޭނުންވާ ކަސްޓަމަރުންގެ މައުލޫމާތު ބޭންކުން އަންނަނީ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުންކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިކަން ބޭންކްގެ ފަރާތުން ފާހަގަކުރެއްވީ އިއްޔެ ކުރިއަށްދިޔަ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފްއެވެ.
ޝަރީފް ވިދާޅުވިގޮތުގައި އެހެން ނަމަވެސް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/26 ގައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އަކީ މި މާއްދާގެ (ހ) އަށް އޮތް އިސްތިސްނާ ހާލަތެއްކަމުގައި ބެލިނަމަވެސް އެ އިސްތިސްނާއެއްގެ ބޭނުންކުރަންވާނީ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ކަނޑައަޅާފައިވާ އާންމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކާއެކު ކަމުގައިވަނީ ކަނޑައަޅުއްވާފައެވެ. މިކަމާ ގުޅިގެން ކުރިން ދެމުން އައި ގޮތަށް ބޭންކުން ތަހްގީގީ އިދާރާތަކަށް މައުލޫމާތު ދިނުމުގައި ބޭންކަށް މިވަނީ ގާނޫނީ ހުރަހެއް ދިމާވެފައި ކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.
ބޭންކުން ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގެ ހައިކޯޓުގެ މި ނިންމެވުމަކީ، އެއަށްވުރެ މަތީ ކޯޓަކުން ނުވަތަ ގާނޫނަށް ގެނެވޭ ބަދަލަކުން އެހެން ގޮތެއް ކަނޑަނޭޅޭ ހިނދަކު، މި ބޭންކުން ތަބާވާންޖެހޭ ނިންމުމެކެވެ.
" ތަހްގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ދިނުމަކީ ނުހަނު މުހިންމު ކަމެއްކަމަށް މި ބޭންކުވެސް ދެކޭތީވެ، ގާނޫނީ ގޮތުން ބޭންކަށް ދިމާވެފައިވާ ހުރަސްތައް ފިލުވުމަށްޓަކައި، މިކަމާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަދަ ހައްލެއް ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް މި ބޭންކުން މިދަނީ މަސައްކަތްކުރަމުން. " ޝަރީފް އިއްޔެވަނީ ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތްތާނގައިވެސް ބޭންކިންގ ގާނޫނާއި ގަވައިދުތަކާއި ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ތަހުގީގީ އިދާރާތަކަށް މި ބޭންކުގެ ފުރިހަމަ އެއްބާރުލުން ދެމުންދާނެ ވާހަކަވެސް ބޭންކުންވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް