ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސް ހަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ''ހުމައިރާ......... އާދޭ މިކޮޅަށް.......'' ހުމޭޒާ ގޮވާލީ އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރަށް ހުމައިރާ ދާންފެށުމުންނެވެ. ''ހުމައިރާ.........؟......'' ހަމްޒާއަށް އެ ނަން ތަކުރ...

17 Jun 2025 | 05:12

ކުރީގެ އަދަދާއި ގުޅޭ...

''ހުމައިރާ......... އާދޭ މިކޮޅަށް.......'' ހުމޭޒާ ގޮވާލީ އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރަށް ހުމައިރާ ދާންފެށުމުންނެވެ.

''ހުމައިރާ.........؟......'' ހަމްޒާއަށް އެ ނަން ތަކުރާރުކޮއްލެވުނެވެ. އެއްފަހަރަކު ނޫނެވެ. އެނަން އޭނާއަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. ޔަޤީން ނުކުރެވޭފަދަ ގޮތަކަށް އޭނާ ބަލާލީ ހުމޭޒާގެ މޫނަށެވެ.

''އާނ....... ނޫރާގެ ދަރިފުޅަށް ކިޔަނީ ހުމައިރާ......... ވަރަށް ގުޅޭދޯ އަހަރެންމެންގެ ނަމާވެސް.........'' ހުމޭޒާ ހިތަށްއައި އެއްޗެއް އެއްވެސް ފިކުރެއްނެތި ހާމަކޮއްލިއެވެ. ހަމްޒާ އިނީ ހިމޭންވެފައެވެ. ހީވަނީ ފުން ވިސްނުމެއްގެ ތެރޭގައި އިންހެންނެވެ.

''ދަނީ އިނގޭ.....ނިދާލަން މިދަނީ........ތުއްތަ ގެއަށް ދާންވީމަ ޓެކްސީގަ އާދޭ އިނގޭ..........'' ހަމްޒާ ކޮޅަށް ތެދުވަމުން ބުނެލިއެވެ. ހުމޭޒާ ބޯޖަހާލިއެވެ. އަދި އިންތަނުން ތެދުވެގެން ހުމައިރާ ހުރި ދިމާއަށް ހިނގައިގަތެވެ.

*******

ލަޔާލް އޮތް އެނދުކައިރިއަށް ނޫރާއަށް ދެވުނު އިރު ލަޔާލް އޮތީ ދެލޯމަރާލައިގެންނެވެ. ނޫރާ ހީކުރީ ލަޔާލް އެއޮތީ ނިދާފައި ކަމަށެވެ. އެހެންވެ އޭނާ މަޑުމަޑުން ގޮސް އެނދުކައިރީ ހުރި ގޮނޑީގައި އިށީނެވެ.

''ނޫރާ އައީތަ......... ކޮބާ މަގޭ ދަރިފުޅު..........'' ނޫރާ އިށީންނުމުން ލަޔާލް ލޯ ހުޅުވާލިއެވެ. އޭނާގެ އަޑުގައިވަނީ ވަރުބަލި ކަމެވެ.

''ހުމައިރާ ގޮވައިގެން ހުމޭ ނިކުތީ މިތާ ބޭރަށް......... އިރުކޮޅަކުން އަންނާނެ..........'' ލަޔާލްގެ ގައިމަތީ އޮތް ފޮތިގަނޑު ރަނގަޅު ކޮއްލަމުން ނޫރާ ބުނެލިއެވެ.

ލަޔާލް އޮތީ ނޫރާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އެސްފިޔަވެސް ޖަހާހެނެއް ހިޔެއް ނުވެއެވެ. އެވަރަށް ބަލާތީ ނޫރާއަށް އުނދަގޫވެއްޖެއެވެ. ލަޔާލްގެ ބެލުމުގައި ވަނީ ތަފާތު އަސަރުތަކެކެވެ. އެ ދެލޮލުގައި ވަރެއް ނެތަސް އެބެލުމުގައި އަސަރު އެބަހުއްޓެވެ. އެ ދެލޮލުން އެތައް ވާހަކަ ތަކެއް ބުނެދޭން މަސައްކަތް ކުރާހެން ނޫރާއަށް ހީވެއެވެ. ލަޔާލް ބަލާވަރުން އެންމެފަހުން ނޫރާ އިން ގޮނޑިން ތެދުވެއްޖެއެވެ.

''ނޫރާ...........'' ގޮނޑިން ތެދުވަމުން ނޫރާ އެނދުގައި އަޅާލި އަތުގައި ލަޔާލް ހިފަހައްޓާލިއެވެ. އެއަތުގައި ކުރިން ހުރި ބާރެއް މިއަދަކު ނެތެވެ. ބާރުދެރަވެ މަޑު ތުރުތުރެއް އަތުގައި އެކުލެވިފައި ވިޔަސް، އެއަތުން ނޫރާއަތުގައި ހިފަހައްޓާލީ ނުހަނު ލޯބިންނެވެ.

ނޫރާ އެނބުރި ބަލާލިއެވެ. ލަޔާލްގެ މޫނަށެވެ. އެވަގުތު އެ ދެލޯ ފުރިފައިވާ ކަރުނަ ނޫރާއަށް ފެނުނެވެ.

''ލަޔާލް ކިހިނެތްވީ......... މާ ބޮޑަށް ރިއްސަނީތަ........... ނަރުހުންނަށް ގޮވާލަންތަ........؟ ނޫރާ ހާސްވިއެވެ. ރޭގައި އޭނާއަށް ފެނުނު ހުވަފެންމަތިން ހަނދާންވިއެވެ. ހިތް ބިރުގަތެވެ. ލަޔާލްގެ އަތުގައި ނޫރާއަށް ހިފާލެވުނެވެ. ބާރަށެވެ.

''ނޫރާ އިށީނދެބަލަ............'' ލަޔާލް އެދުނެވެ. ނޫރާ އިށީނެވެ. ލަޔާލްގެ އަތުގައި ހިފަހައްޓަލައިގެން ނޫރާ އިނީ ސިދާ ލަޔާގެ ދެލޮލަށް ބަލާށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނަސް މިއަދު އެ ދެލޮލުން އޭނާއާ ދިމާއަށް އެ ބަލަނީ މީގެ ކުރިން ނުބަލާ ގޮތަކަށްހެން ހީވިއެވެ.

''ދެން މިފުރުސަތު ނޭނގެ އަހަންނަށް ލިބޭނެ ކަމެއް...........'' ލަޔާލް ލޯމަރާލަމުން ކުރިއަށް ވުރެންވެސް ބާރަށް ނޫރާގެ އަތްތިލައިގާ ހިފަހައްޓާލިއެވެ.

''ކީކޭ ....... ލަޔާލް........'' ލަޔާލް ބުނި އެއްޗެއް ނޫރާއަކަށް ސާފެއް ނުވިއެވެ. ބުނިލެއް މަޑުކަމުންނެވެ. އަޑުގައި ހުރި ނުސާފުކަމުންވެސް މެއެވެ.

''މިބުނީ....... ދެން ނޭނގެޔޭ މިގޮތަށް........ ނޫރާ....... ގެ އަތުގައި ހިފާލަން ފުރުސަތެއް......އަހަންނަށް....... ލިބޭނެ ކަމެއް.........'' ލަޔާލްއަށް ބުނެވުނީ ހުއްޓަމުންނެވެ. އޭނާ ވަރުބަލި ވަނީއެވެ. ނޭވާ ލާންވެސް އުނދަގޫވާހެން ހީވަނީއެވެ. ލަޔާލް ބުނި ޖުމުލައާއެކު އެ ދެލޯ ފުރިގެން ބަންޑުން ވެއްޖެއެވެ. ނޫރާގެ ހިތަށް އަސަރު ކުރިއެވެ. ލަޔާލްގެ އެ ހާލަތު ދެކޭކަށް ނޫރާގެ ހިތަށް ކެތްވާވަރެއް ނޫނެވެ.

''ނޫނޭ ލަޔާލް......... ހުރިހާ ކަމެއްވެސް ރަނގަޅުވާނެ....... ކެތްތެރިވޭ.........'' ލަޔާލްއަށް ހިތްވަރު ދިނުމަކީ މިއަދު ނޫރާ ކުރަންޖެހޭނެ ކަމެއް ކަން އޭނާއަށް އެނގެއެވެ.

''ހަވީރު އޮޕަރޭޝަން ކުރާގޮތަށް އޮތީ........ އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.......'' ނޫރާ ލަޔާލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލާދިނެވެ. އޯގާތެރިކަމާއެކުގައެވެ. އެ ހަރަކާތުގެ ސަބަބުން ލަޔާލްއަށް ބޮޑަށް ރޮވޭގޮތްވިއެވެ. އޭނާ އިންތިހާއަށް ހިތުގައި ޖެހުނެވެ. ގިސްލެވެން ފެށިއެވެ.

''އަހަރެން އެންމެ ދެރަވަނީ....... އަހަރެން ނެތް ....... ދުނިޔެއެއްގައި....... ނޫރާއާ އަހަރެންގެ........ ދަރިފުޅު އެކަނިވެ ނިކަމެތި...... ވެދާނެއޭ ހިތަށްއަރާވަރުން........ '' ގިސްލުމުގެ ތެރެއިން ލަޔާލް ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ.

''ނޫރާ....... އަހަރެން........ މަރުވިޔަސް........ އެދަރިފުޅު ބަލައްޗޭ......... އަހަންނަށް ހީވަނީ ދެން..........'' ލަޔާލް ކެއްސައިގަތެވެ. ކެއްސަމުން ކެއްސަމުންގޮސް އޭނާގެ ނޭވާ ހުއްޓިއްޖެއެވެ. ނޫރާ ނިކަން ހަލުވި ކަމާއެކު ބޭރަށް ދުއްވައިގަތެވެ. ނޫރާގެ އެންމެ އިޝާރާތަކާއެކު ނަރުހުން އެދިމާއަށް އަވަސްވެގަތެވެ. ދެތިން ނަރުހުން އެވަގުތު އެތަނަށް ވަނެވެ. ނޭވާ ހުއްޓި ދެލޯ ބޮޑުވެފައިވާ ލަޔާލް ނޭވާ ލެއްވޭތޯ އެމީހުން މަސައްކަތް ފެށިއެވެ. ކުޑައިރުކޮޅެއް ފަހުން ލަޔާލްއަށް ނޭވާލާން ފެށިއެވެ.

ކެއްސައިގަތުމާއެކު އަނގައިންނާ ނޭފަތުން ލޭ ފައިބައިގަތެވެ. އޭރުވެސް ލަޔާލްގެ ދެލޯ އަމާޒުވެފައިވަނީ ނޫރާގެ މޫނަށެވެ. އެ ދެލޮލަށް ބަލާލުމާއެކު ނޫރާގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ދެލޮލުން ފެނުނީ ނުހަނު ތަފާތު އިހްސާސް ތަކެކެވެ. ލަޔާލްގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށްވުރެ ނޫރާއާ ވަކިވާން ޖެހިދާނެތީ އަޅާވޭން ބޮޑުހެން ހީވެއެވެ. ވަކިވާކަށް ނޭދެމޭ އެ ދެލޮލުން ބުނާހެން ހީވެއެވެ. މިއިން ކޮންމެ މަންޒަރެއް ނޫރާއަށް ހަނދާން ކޮށްދެނީ ރޭގައިފެނުނު ބިރުވެރި ހުވަފެނެވެ.

ލަޔާލްގެ ހާލު ހިނދެއް ހިނދަކަށް ދިޔައީ ގޯސްވަމުންނެވެ. އެހެންކަމުން ޑޮކްޓަރުންގެ މަޝްވަރާގެ މަތިން އިމަޖެންސީކޮށް އޮޕަރޭޝަން ކުރާގޮތަށް ނިންމާ ނޫރާއަށް އެ ޚަބަރު ދިނެވެ. އޮޕަރޭޝަން ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވާންފެށިއެވެ. އޭރު ހުމައިރާ ގޮވައިގެން ހުމޭޒާވެސް އެތަނަށް ވަދެ ހުއްޓެވެ. ވެގެން އުޅޭގޮތް ނޫރާގެ ކިބައިން އޮޅުން ފިލުމުން ހުމޭޒާ ބޭނުންވީ ހަމްޒާއަށް ގުޅާލާށެވެ.

އެކަމަކު ނޫރާ އެހާ ކައިރީގައި ހުއްޓާ ހަމްޒާއަށް ގުޅާކަށް ހުމޭޒާއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ކައުންޓަރުގައި އެދިގެން އެމީހުން ލައްވާ ހަމްޒާއަށް ގުޅުވިއެވެ. ލަޔާލްގެ އެހީތެރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ވުމުން އެއްވެސް ދެކޮޅުހެދުމެއް ނެތި އެމީހުން ހަމްޒާއަށް ގުޅައިދިނެވެ.

ނިދާށޭ ކިޔާފައި ގެއަށް ދިޔަނަމަވެސް ހަމްޒާ އަކަށް ނުނިދުނެވެ. ނޫރާއާ މެދު ވިސްނަމުން ދަނިކޮށް އޭނާގެ ފޯނު ރިންގުވިއެވެ. ގުޅަނީ ހޮސްޕިޓަލުން ކަން ހަމްޒާއަށް އެނގުނީ އެ ވޯޑުގެ ކައުންޓަރ ނަމްބަރު ފޯނުގައި ސޭވްކޮށްފައި ވާތީއެވެ.

އިމަޖެންސީކޮށް ލަޔާލްގެ އޮޕަރޭޝަން ކުރަން ތައްޔާރު ވަމުންދާވާހަކަ އަޑުއިވުމާއެކު އޭނާގެ ހިތް ނޭނގޭ އިހްސާސަކުން ތެޅިލިއެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. އޭރު އުޑުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. ހެނދުނުއްސުރެ ފުނިޖެހެމުން ދިޔަ ވިލާތަށް ބޯވެ  ވައިވެސް ބާރުވެއްޖެއެވެ. ދެންމެދެންމެ ވާރޭ ވެހިގެންފާނެހެން ހީވެއެވެ.  ދޭތެރެއަކުން ވިދުވަރުގެ އަލިއުދަރެއްމަތިން ފެނެއެވެ. ގުގުރާލާއަޑު އިވެއެވެ. ބައެއްފަހަރު ނިކަން ބާރަށްވެސް ގުގުރާލައެވެ.

ހަމްޒާއަށް ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު، ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. ލައިގެން ހުރި ހޫޑީގެ ބޮލުގައި އަޅާބައިން ބޯ ނިވާކޮއްލަމުން އޭނާ މާސްކް އަޅާލިއެވެ. މާސްކާއެކު އަވިއައިނެއްވެސް އެޅިއެވެ. ނޫރާއަށް އޭނާ ފެނިދާނެތީ ހިތް ތެޅިތެޅި އޮތްހާލު ލިފުޓުން ނުކުމެގެން ވޯޑާދިމާއަށް ހިނގައިގަތެވެ.

އެވަގުތު ހަމްޒާގެ ފޯނު ރިންގުވިއެވެ. އޭނާ ހީކުރިފަދައިން ގުޅަނީ އޭނާގެ ބައްޕައެވެ. މީގެ ކުރިންވެސް އެތައްފަހަރަކު އޭނާގެ ބައްޕަ ގުޅިއެވެ. އެކަމަކު ހަމްޒާ ހަމަ ގަސްދުގައި ފޯނު ނުނެގީއެވެ. ބައްޕައާ ވާހަކަ ދެއްކުން އެއީ މިވަގުތު ހަމްޒާއަށް އުނދަގޫކަމަކަށް ވާތީއެވެ. އޭނާގެ ބައްޕަގެ ސަބަބުން ހަމްޒާގެ ދިރިއުޅުމުން އޭނާގެ ލޯބި ވަކިވެގެން ދިޔަކަން އޭނާއަށް އެނގުނު ދުވަހުން ފެށިގެން ހަމްޒާ އޭނާގެ ބައްޕަގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. މެސެޖެއް ކޮށްފިނަމަ މެސެޖަށް ޖަވާބުދެނީވެސް މަދުފަހަރަކުއެވެ.

''ދަރިފުޅު ކޮންއިރަކުން އަންނަނީ......... ވިޔަފާރީގެ ކަންކަމުގަ ދަރިފުޅު ނެތީމަ ބައްޕައަށް ވަރަށް ދަތިވޭ މިހާރު........'' މުސްތަފާގެ މެސެޖް ހަމްޒާ ކިޔާލިއެވެ. އެ މެސެޖަށް ޖަވާބު ދިނުމަކީ ހަމްޒާއަށް މުހިއްމު ކަމަކަށް ނުވިއެވެ. މެސެޖް ކިޔާލުމަށްފަހު އަލުން ފޯނު ޖީބަށް ކޮއްޕާލަމުން ކުރިއަށް ހިނގައިގަތެވެ. އެވަތު ވޯޑުގެ ދޮރު ހުޅުވުނެވެ. ލަޔާލްގެ އެނދު ވޯޑުން ނެރެނީއެވެ. ހަމްޒާ އަވަސްއަވަހަށް އެތަނުން އެއްފަރާތަށްޖެހި ފުރަގަސްދީގެން ހުއްޓުނެވެ.

އެނދާއެއްވަރަށް ހިނގާފައިދިޔަ ނަރުހުންނާއެކު ލަޔާލް އޮތް އެނދު އެރުވީ ބަލިމީހުން އުފުލުމަށް ހާއްސަ ލިފުޓަކަށެވެ. ނޫރާމެން ދާން ޖެހުނީ އެހެން ލިފުޓަކުންނެވެ.

**********

އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި ޖަހާފައި ހުރި ގޮނޑިބަރީގައި ހައެއްކަމީހުން އޭރުވެސް ތިއްބެވެ. ހީވާގޮތުން އެމީހުން ވެސް އެތިބީ އެމީހުންގެ ކޮންމެވެސް މީހަކު އޮޕަރޭޝަން ކޮށްގެން ނެރުމުގެ އިންތިޒާރުގައެވެ.

މުޅިތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. އެ ހަމަހިމޭންކަން އިހްސާސް ވުމާއެކު ނޫރާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަނެއްކާވެސް އޭނާއަށް ހަނދާންވީ ރޭގައި ފެނުނު ހުވަފެނެވެ. އޭނާ ހާސްވާންފެށިއެވެ. ލަޔާލް އޮތް އެނދު ތިއޭޓަރުގެ ދޮރުން އެތެރެއަށް ވައްދާތަން ނޫރާއަށް ފެނުނެވެ. އޭރުވެސް ލަޔާލްގެ އެއްވެސް ހަރަކާތެއް ނެތެވެ. މޫނުގައި ވަނީ މާސްކު އަޅުވާފައެވެ. ހަށިގަނޑަށް ގުޅާފައިވާ ތަފާތު މެޝިންތައް އޭރުވެސް އެނދުގެ ވަށައިގެން ހަރުކޮށްފައި ހުއްޓެވެ. ލަޔާލް އެތެރެއަށް ވައްދައިފިއެވެ. ތިއޭޓަރުގެ ދޮރު ލެއްޕުމާއެކު ނޫރާއަށް ލޯމަރާލެވުނެވެ. އޭނާގެ ފިރިމީހާ އެ ކުރިމަތިލަނީ ކޮންފަދަ ބޮޑު އޮޕަރޭޝަނަކާ ހެއްޔެވެ. ދުނިޔެއަކީ އިމްތިހާނެކެވެ. މިދުވަސް ފެނިދާނެކަމަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ.

''ﷲ އާ ވަކީލެވެ......'' ނޫރާ ހިތާހިތުން ބުނެލިއެވެ. ދުޢާ ކުރަންފެށިއެވެ. ލަޔާލް ހެޔޮހާލުގައި ނޫރާއާ ބައްދަލުވުމަށް އެދިއެވެ. ލަޔާލްގެ އޮޕަރޭޝަން ކާމިޔާބު ވުމަށް އެދިއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށް އެ ދަރިފުޅުގެ ބައްޕަ އަލުން ބައްދަލުކޮށްދެއްވުމަށް އެދިއެވެ. އެ ދަރިފުޅު ބައްޕަގެ ލޯބިން މަހްރޫމު ނުކުރައްވާތޯއެވެ. ހިތާހިތުން ދުޢާ ކުރަމުން ދިޔައިރު، އޭނާ ބިރުންގޮސް ތުރުތުރު އަޅަނީއެވެ. އަތްފައި ވަނީ ފިނިވެފައެވެ.

އެވަގުތު ހުމައިރާ ބޮޑާހާކާ ރޯންފެށިއެވެ. ހީވާގޮތުން އެތަނުގެ ހަމަހިމޭންކަން ހުމައިރާއަށް ކަމުނުދަނީއެވެ. ނޫނީ ނޫރާ ރޯތަން ފެނުމުން ހުމައިރާވެސް ދެރަވީއެވެ.

''އަހަރެން ދަންތަ މިމަންޖެ ގޮވައިގެން ގެއަށް........ ނޫރާ ގެންދިޔަ ބުއްދަޅު ހުންނާނެދޯ ވޯޑުގަ....... އަހަންނަށްވެސް އެނގޭނެ ބުއްފުޅި ހަދަން........ ފަހަރެއްގެ ނިދާވެސްފާނެ ދޯ ގެއަށް ދިޔައިމަ..........'' ނޫރާގެ ހާލު ފެނިފައި ހުމޭޒާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

''ހުމޭ ހާދަ ރަނގަޅޭ......... '' ނޫރާ ދެލޯ ފޮހެލަމުން އިސްޖަހާލިއެވެ. އޭނާގެއަޑު ތުރުތުރު އަޅައެވެ. ޙަޤީގަތުގައިވެސް އޭނާހުރީ ވަރަށް ދެރަވެ ކަންބޮޑުވެފައެވެ. ބިރުގަނެ ހާސްވެފައެވެ. އެހެންމީހެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ.

'' ހުމޭ ނެތްނަމަ މިއަދު މިތަނުގައި...... އަހަންނަށް އެހީއެއްވާނެ ހަމަ އެކަކުވެސް ނުހުންނާނެ.......... '' ނޫރާއަށް ރޮވެން ފެށިއެވެ. ކައިރީގައި ތިބި މީހުންނަށްވެސް އިވޭވަރަށވެ.

ނޫރާ އެހެންބުނީ ކިތަންމެ މަޑުން ނަމަވެސް އެ ހަމަހިމޭން ކަމުގައި އެތަނާ މާ ދުރުނޫން ހިސާބެއްގައި ހުރި ހަމްޒާގެ ކަންފަތަށް އެ އަޑު ފޯރިއެވެ. އެ އަޑު ކިތަންމެ ރަނގަޅަކަށްވެސް ހަމްޒާއަށް އިވުނެވެ. ނޫރާގެ އަޑުގައި ހުރި ރިހުން ހަމްޒާގެ ހިތަށް ވާސިލްވިއެވެ. އެމީހުންނަށް ނުފެންނާނެހެން ހަމްޒާ ހުރީ އެތަނުގައި ބަހައްޓާފައިހުރި މައުލޫމާތު ބޯޑެއްގެ އަނެއްފަރާތުގައެވެ.

ހުމޭޒާ ނޫރާގެ ފޯނުގައި ހުމޭޒާގެ ނަމްބަރު ސޭވްކޮށްދިނެވެ.

''ވާނުވާ އަންގާތި އިނގޭ......އަހަރެން މިތާގައި ނެތަސް، މިތާނގައި ނޫރާ އެކަނި ކަމަށް ހީނުކުރާތި އިނގޭ.........'' ހުމޭޒާ ނޫރާގެ ބުރަކަށީގައި ފިރުމާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭރު ހުމައިރާ ބާރަށް ރޯންފަށައިފިއެވެ.

''ދެން ދަނީ...........'' ހުމައިރާ އުރާލައިގެން ހިނގައިގަންނަމުން ހުމޭޒާ ބުނެލިއެވެ. ނޫރާ ބޯޖަހާލިއެވެ. އަދި މަޑުމަޑުން އެތަނުގެ ގޮނޑިއަކަށް އޭނާ ތިރިވިއެވެ. ފައިގައި އެއްވެސް ބާރެއް ނެތެވެ. ކޮޅަށް ހުއްނާނެހާ ހިތްވަރެއް ނެތެވެ. އެ ހަށިގަނޑުގައިވެސް އެއްވެސް ހަކަތައެއް ނެތް ކަހަލައެވެ.

ހުމޭޒާ ހިނގައްޖެއެވެ. ނޫރާ އިންދިމާލަށް ހަމްޒާ ބަލާލިއެވެ. ސިއްރުންނެވެ. ނޫރާ އިސްޖަހައިގެން އިނދެ ރޮނީއެވެ. އެ ރީތި ދެއަތްތިލައިން މޫނު ނިވާކޮއްލައިގެން އިނދެ ގިސްލަނީއެވެ. ހިތްދަތިކަމުގެ އިންތިހާއެވެ. ހާދަހާވާ ހިތްދަތި މަންޒަރެކެވެ. ހަމްޒާގެ ހިތަކަށް ކެތެއް ނުވިއެވެ. އެހިތުގައި ޖަހަމުންދިޔަ ވިންދު އަވަސްކުރުވައިފިއެވެ. ހިތުގައި އުފެދުނު ހަމްދަރުދީގެ ސަބަބުން އެހިތް މަޑުވެއްޖެއެވެ. ކުލުނާ ލޯބީގެ ޖަޒުބާތުން އެ ހިތް ފުރިއްޖެއެވެ. ނޫރާއަށްޓަކައި ހަމްޒާގެ ހިތުގައި އޮތް ލޯބި، އޭނާގެ ހިތާ ސިކުނޑީގެ މައްޗަށް ގަދަވެގެންފިއެވެ.

''ނޫރާ........'' ހަމްޒާގެ ދެތުންތަފް ހަރަކާތްކުރީ ބޭއިޚްތިޔާރުގައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް