ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސް ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ''ދެން ދަނީ...... ގޮސް މެސެޖް ކޮއްލާނަން..........'' ހަމްޒާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޓިންރޫމު ތެރެއިން ބޭރަށް ނުކުމެއްޖެއެވެ. ހަމްޒާ ދިއުމުން ހުމޭޒާ ކޮޓަރިއަށް ވަދެ ދޮރ...

12 Jun 2025 | 07:18

ކުރީގެ އަދަދާއި ގުޅޭ...

''ދެން ދަނީ...... ގޮސް މެސެޖް ކޮއްލާނަން..........'' ހަމްޒާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޓިންރޫމު ތެރެއިން ބޭރަށް ނުކުމެއްޖެއެވެ.

ހަމްޒާ ދިއުމުން ހުމޭޒާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ހަމްޒާގާތުގައި ލަޔާލް ދެއްކި ވާހަކަތަކުގެ ޚުލާސާއެއް މީގެ އިރުކޮޅެއް ކުރިން ހަމްޒާ ވަނީ ހުމޭޒާއަށް ކިޔައިދީފައެވެ. އެހެންކަމުން ނޫރާއާ ލަޔާލްގެ ކައިވެނީގެ ހަޤީގަތްވެސް ހުމޭޒާއަށް މިހާރު އެނގެއެވެ. އެ ވާހަކަތައް އަޑު އިވުނުފަހުން ނޫރާގެ ނަސީބާމެދު ހުމޭޒާ ވިސްނިއެވެ. ނޫރާގެ ރަނގަޅުކަމާ، މާތް އަޚްލާޤް ހުމޭޒާގެ ހިތް އަތުލައިފިއެވެ. ނޫރާގެ މައުސޫމުކަމާ މަޑުމައިތިރިކަމަށް ހުމޭޒާއަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ.

*******

ޖެހިގެން އައި ދުވަހެވެ. ލަޔާލް އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާ ދުވަސްކަމުން ނިކަން ހެނދުނާ، ހުމޭޒާ ނޫރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ލިފުޓުން ނުކުމެގެން ވޯޑާ ދިމާއަށް ހިނގައިގަތުމާއެކު ހުމައިރާ ފައިބަންވެގެން އުޅެގަތެވެ.

''ހުމައިރާ ނިކަން ހިނގާހިތްވޭދޯ މިތަނަށްވަނީމަ......ބަލާބަލަ ފައިބަންވެގެން އުޅޭވަރު....... މިތަން އޮމާންކަމުންކަން ނޭނގެ.......'' ހުމޭޒާ ނިކަން ލޯބިން ހުމައިރާގެ ހަރަކާތްތަކަށް ބަލާލަމުން ބުނެލިއެވެ.

''އާނ..... އެހެންވެ މިތާގެންގުޅެން އެހާ އުނދަގުލީވެސް........ އެތެރޭގައި ހުންނައިރުވެސް އަބަދު އުޅޭނީ ފައިބަންވެގެން.......'' ހުމައިރާ ތިރިކޮށް ބަހައްޓަމުން ނޫރާ ހުމައިރާގެ އަތުގައި ހިފާލިއެވެ. އަދި ލަސް ފިޔަވަޅު އަޅަމުން ހުމައިރާއާ އެއްވަރަށް ނޫރާ ހިނގަން ފެށިއެވެ.

އެވަގުތު ނޫރާގެ އިނގިލީގައި އޮތް އަނގޮޓިއަށް ހުމޭޒާގެ ނަޒަރު ސީދާވިއެވެ. އެ އަނގޮޓީގައި ހަރުކޮށްފައިވާ އަލިމަހުން އަރާ ދިހުންކުލައިގެ ސަބަބުންނެވެ. އެއީ ރީތި ހިތްގައިމު އަނގޮޓިއެކެވެ.  އެ އަނގޮޓި އާ ބެހޭގޮތުން ސުވާލު ކޮއްލަން ހުމޭޒާ ބޭނުންވިއެވެ. އެ އަނގޮޓިއާ ބެހޭގޮތުން ނޫރާ ބުނާއެއްޗެއް ބަލާލަން އޭނާ ހިތްއެދެންފެށިއެވެ. ނޫރާގެ ހިތުގައި އެ އަނގޮޓިއަށް ދެވިފައިވާ ޚާއްސަކަން ތަސައްވަރު ކޮއްލަން އެދެވުނެވެ. ވަގުތުގެ ނާޒުކުކަން އެނގޭއިރުވެސް އޭނާ ބޭނުންވީ އެންމެ ސުވާލެއް ނަމަވެސް ކޮއްލާށެވެ.

''ނޫރާ......... ހާދަ ރީތި އަނގޮޓިއެކޭ........ވަރަށް ހިތްގަމު........ ނޫރާއާ ވަރަށް ގުޅޭ..........ކޮންތާކުން ހެއްދިއެއްޗެއް؟...........'' ނޫރާއާ ކައިރިއަށް ޖެހިލަމުން ހުމޭޒާ ބުނެލިއެވެ. ނޫރާގެ ހިނގުން ވަގުތުން މަޑުޖެހުނެވެ. ދެފައި ހީވީ އެއްޗަކުން ބަނދެވުނު ހެންނެވެ. އަވަސް އަވަހަށް ހުމައިރާގެ އަތުން ދޫކޮއްލުމަށްފަހު ހެދުމާލާ އަތްތިލަ ނިވާކޮއްލެވިއްޖެއެވެ.

''ކިހިނެއްވީ........އަނެއްކާ ގޯސް ސުވާލެއްތަ މިކޮއްލެވުނީ......... ސޮރީ އެހެންވިއްޔާ........'' ނޫރާގެ ހަރަކާތްތައް ހުރިގޮތުން ހުމައިރާ ރާގު ބަދަލުކޮއްލިއެވެ.

''ނޫނޭ......... އެހެންވެއެއް ނޫން......'' ނޫރާއަށްވެސް އޭނާއަށް ކަންތައްކުރެވުނު ގޮތުން ލަދުގަންނަ ގޮތްވިއެވެ. އެއީ ހަމްޒާ ދީފައިވާ އެއްޗަކަށްވިޔަސް، ހުމޭޒާއަށް އެކަމެއް ނޭނގޭނެތާއޭ ހިތަށްއަރާ ހިތްހަމަޖައްސާލިއެވެ. އަދި އަތްތިލަ ރީތިކޮށް ހުމޭޒާއަށް ދައްކާލިއެވެ.

'' އަހަރެންވެސް ބޭނުންވެއްޖެ މީގެ އަނގޮޓިއެއް ހައްދަން......... ނަގާބަލަ ބަލާލަން.........'' ހުމޭޒާ ބޭނުންވީ ނޫރާގެ ހިތުގެ އެންމެ ފުނަށް ފީނައިގަންނާށެވެ. ސިއްރުތައް ވަޅުލެވިފައިވާ ހިސާބަށް ވާސިލްވާށެވެ.

''ނޫން.........'' ނޫރާ އަވަސްއަވަހަށް އަތް ދަމައިގަތެވެ.

''މި އަނގޮޓި އެޅިފަހުން އަދި އަހަރެންގެ އިނގިއްޔާ ވަތްކެއް ނުކުރަން..........'' ނޫރާއަށް ބުނެވުނެވެ. އޭނާގެ އަޑުގައި ހުރީ ޔަޤިންކަމެވެ.

ހުމޭޒާ ބަލަންހުރީ އެ އަނގޮޓިއަކަށް ނޫނެވެ. ނޫރާގެ މޫނަށެވެ. އެމޫނުން ކިޔައިދޭ ވާހަކަތައް ތަފާތެވެ. އެ މޫނަށް ވެރިވެފައިވާ ކުލަތަކާ އިހްސާސް ތަކުން މިއަދުވެސް ނޫރާގެ ހިތުގައި ހަމްޒާގެ ހަނދާންތައް ދިރިހުރިކަން ހާމަވެ އެނގިއްޖެއެވެ. އަނގޮޓި ނަގަން ބުނުމުން އެ މޫނަށް ވެރިވި ނުތަނަވަސްކަން އޭގެ ހެއްކަކަށް ފުދެއެވެ.

" ތީ ވަރަށް ހިތްގައިމު އަނގޮޓިއެއް........ ވަރަށް ރީތި........ ނޫރާގެ އިނގިއްޔާ ވަރަށްގުޅޭ........'' ހުމޭޒާ ހިނިތުންވަމުން ބުނެލިއެވެ. އެބުނި ޖުމުލަ ނޫރާގެ ކަންފަތަށް ތަކުރާރުކޮށް އިވެމުންދިޔައެވެ. އެ ޖުމުލަ ނޫރާގެ ހިތަށް ހެރުނު ތީރެއްފަދައެވެ. އެ ހިތުގައި ލެވުނު ޒަޚަމުތައް ލަކުނަށް ވެފައިވަނިކޮށް އެ ލަކުނުތަކުން އަލުން ލޭ ހިލިއްޖެއެވެ. ފަސްލާ ފޮރުވިފައިވާ ހަނދާންތައް ނިއުޅިގެންފިއެވެ.

ހުމޭޒާގެ އަނގައިން ބޭރުވި ޖުމުލަ ނޫރާއަށް އިވުނީ ހުމޭޒާގެ އަޑަކުން ނޫނެވެ. ހަމްޒާގެ އަޑުންނެވެ. ހަމްޒާގެ މޫނު ނޫރާގެ ކުރިމަތިން ސިފަވާކަށް ގިނައިރެއް ނުނެގިއެވެ. މީގެ އެތައް ދުވަހެއްގެ ކުރީގެ މާޒީ އޭނާއަށް ހަނާއަޅާލިއެވެ. މަންޒަރުތައް ކުލަވަމުން އައިވަރަކަށް ނޫރާގެ މޫނުމައްޗަށް ހިތާމައިގެ އަސަރުތައް ވެރިވަމުން ދިޔައެވެ.

ހަމްޒާ އެ އަނގޮޓި އަޅުވާދިންވަގުތު ހަމަ އެޖުމުލަ އެގޮތަށް ބުނިކަން ނޫރާ ހަނދާން އެބަހުއްޓެވެ. އެރޭ ހަމްޒާ ހުރީ ހާދަހާ އުފަލުންނެވެ. އެ އަނގޮޓި ނޫރާގެ އިނގިލީގައި އަޅުވައިދިނީ ހިނިތުންވަމުންނެވެ. އެ ރީތި ދެލޮލުން ވިދަމުން ދިޔައީ އުފާވެރިކަމުގެ ވިދުވަރެވެ. ހަމްޒާ ބަލާލާ ގޮތާ، ހީލާގޮތް ނޫރާއަށް ވަރަށް ކަމުދެއެވެ. ވަކިން ހާއްސަކޮށް އެރޭ އަނގޮޓި އަޅުވައިދިނުމަށްފަހު، ނޫރާގެ އަތްތިލައިގައި ހަމްޒާ ފިރުމާލި ގޮތެވެ. އެރޭގެ ހަނދާންތައް ނޫރާގެ ހިތުގައިވަނީ ބިންވަޅުގެނިފައެވެ. އެރޭ ހަމްޒާއާއެކު ހޭދަކުރެވުނު ވަގުތުކޮޅަކީ ދުވަހަކުވެސް ނޫރާގެ ހިތުން ފިލައިގެންދާނެ ވަގުތުކޮޅެއް ނޫނެވެ.

އެއީ އެންމެފަހުން ނޫރާއަށް ހަމްޒާ ފެނުނު ފަހަރެވެ. އެދެމީހުން ބައްދަލުވި އެންމެފަހު ވަގުތުކޮޅެވެ. އޭގެފަހުން ނޫރާއަށް ހަމްޒާ ގެއްލުނީއެވެ. އަދި ހަމްޒާއަށް ނޫރާވެސް ގެއްލުނީއެވެ. ނޫނެކެވެ. ހަމްޒާއަށް ނޫރާ ފިލީއެވެ. އެ އުފާވެރި ބާބު ލައްޕާލީ ނޫރާގެ ދެއަތުންނެވެ. ހިތާދެކޮޅަށެވެ. މަޖުބޫރުވެގެންނެވެ. އެއީ އެދުވަހެވެ. މާޒީއެވެ. އެދުވަސްތައް މިހާރު އޭނާ ހަނދާންކުރާކަށް ބޭނުމެއް ނޫނެވެ.

''ނޫރާ........'' ހުއްޓުންއަރާފައިހުރި ނޫރާގެ އަތުގައި ހިފާ ތަޅުވާލަމުން ހުމޭޒާ ގޮވާލިއެވެ. އޭރު ނޫރާގެ ލޮލުން ނީރާލަން ތައްޔާރުވެފައިވާ ކަރުނަތިކި އޭގެ ޖާގަ ދޫކޮށް ކޯތާފަތް މައްޗަށް ވެއްޓިއްޖެއެވެ. ނޫރާގެ އިޒުނައަކާ ނުލައެވެ. އިޚްތިޔާރެއް އެކަމުގައި ނެތެވެ. އެމަންޒަރު ހުމޭޒާއަށް ފޮރުވަން ނޫރާ މަސައްކަތް ކުރިޔަސް، ހުމޭޒާއަށް އެމަންޒަރު ފެނުނެވެ.

''ރޮނީތަ......... އަހަންނާހެދި ނޫރާގެ މޫޑް ހަރާބުވީތީ ވަރަށް ދެރަވެއްޖެ.........'' ހުމައިރާ ނަގާ އުރާލަމުން ހުމޭޒާ ބުނެލިއެވެ. އޭނާ ކުރި ޓެސްޓުގެ ނަތީޖާ ފެނުނީ ހުމޭޒާ ހަމަ ހީކުރި ގޮތަށެވެ. ނޫރާއަށް އައިބަދަލާ ވީ ގޮތް ހުމޭޒާއަށް ރަނގަޅަށް އެނގުނެވެ. މިވަގުތަކީ އެފަދަ ވާހަކައެއް އަހަން އެންމެ ރަނގަޅު ވަގުތުކަމުގައި ނުވިޔަސް، ހުމޭޒާ ބޭނުންވީ ނޫރާގެ ހިތް ދެނެގަންނާށެވެ. އެކަން ފުރިހަމަވެއްޖެއެވެ. ނޫރާގެ ހިތުގައި އަދިވެސް ހަމްޒާއަށްޓަކައި އިހްސާސްތަކެއް ވާކަން ކަށަވަރު ވެއްޖެއެވެ.

''ނޫރާ ދެން ވަދޭ އެތެރެއަށް....... މިމަންޖެ ގޮވައިގެން އަހަރެން އެބައަންނަން ތިރިއަށް ގޮސްލާފަ......... ވަރަށް އުފާވާނެ ބޭރުގަ އޮތް އުނދޯއްޔަށް އަރުވާލީމަ..........'' އެއްއަތުން ހުމައިރާ ގައިގައި ބައްދާލަމުން ހުމޭޒާ ނޫރާގެ ބުރަކަށީގައި އަތުން ޖަހާލިއެވެ. ނޫރާ ބޯޖަހާލިއެވެ. އެސްފިޔަތައް ތަޅުވާލަމުން ބުރުގާއިން ދެލޯ ފޮހެލިއެވެ. ދަބަހުން މާސްކެއް ނަގާ އަޅާލުމަށްފަހު ވޯޑަށް ވަންނަންހުރި ދޮރާ ދިމާއަށް އޭނާ ހިނގައިގަތެވެ.

މިހުރިހާ މަންޒަރެއް ބަލަން ހަމްޒާ ހުއްޓެވެ. އޭނާ ހުރީ އެމީހުންނާ މާ ދުރުނޫން ހިސާބެއްގައި ހުރި ތަނބަކާ ނިވާވެގެންނެވެ. ނޫރާއާ ދިމާއަށް ބަލަން ބޭނުން ނުވިޔަސް، އެކަން ކުރަން ހަމްޒާއަށް މަޖުބޫރު ކުރިވީ އޭނާގެ ނުކިޔަމަންތެރި ހިތެވެ. ހަމްޒާ ހުރި ހިސާބަށް އެމީހުން ދެއްކި ވާހަކަތައް އަޑުނީވުނަސް، ނޫރާގެ އަތުގައި އޮތް އަނގޮޓި ހުމޭޒާއަށް ދައްކާލިތަން ހަމްޒާއަށް ފެނުނެވެ. އަދި އޭގެ ފަހުން ނޫރާއަށް އައި ހަމަހިމޭންކަންވެސް އޭނާއަށް ފާހަގަ ކުރެވުނެވެ. ބުރުގާއިން ދެލޯ ފޮހެލިތަންވެސް ހަމްޒާއަށް ފެނުނެވެ. އެވަގުތު ހިތަށް ކުރި އަސަރުން އޭނާއަށް  ލޯމަރާލެވުނުމެއެވެ. ނޫރާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭތަން ބެލުމަކީވެސް ހަމްޒާއަށް ކުޅަދާނަކަމެއް ނޫނެވެ. މިއަދު އެމަންޒަރު ފެނުމުންވެސް އޭނާގެ ހިތަށް އަސަރުކޮށްފިއެވެ. ނޫރާއަކީ އެހެން މީހެއްގެ ހައްޤަކަށް ވިޔަސް، ނޫރާއަށް އެއްވެސް ދެރައެއް، ހިތާމައެއް ލިބޭކަށް ހަމްޒާގެ ހިތެއް ނޭދެއެވެ. ނުވެސް އެދެވޭނެއެވެ. އެހިތުގައި ޖަހާ ވިންދުން އަދިވެސް ކިޔަނީ ނޫރާގެ ނަމެވެ. ސަބަބަކީ އެއީ އެވެ. ހަޤީގަތަކީވެސް އެއެވެ.

ހަމްޒާ ބޭނުންވީ އޭނާގެ ތުއްތައާ ވާހަކަދައްކާލާށެވެ. ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން އޭނާ ހުރީ ވަރުބަލިވެ އޮށޯވެލަން ބޭނުންވެފައެވެ. އެހެންނަމަވެސް ވެފައިވާ ވަރުބަލި ފިލުވާލުމަށްވުރެ، އޭނާގެ ތުއްތަގާތު ނޫރާ  ދެއްކި ވާހަކައެއް އޮޅުން ފިލުވާލުން ހަމްޒާއަށް މުހިއްމު ވިއެވެ. ނޫރާ ރުއީ ކީއްވެތޯ ބަލަން ހިތްއެދެނީއެވެ. ނޫރާ ދެއްކީ ކޮން ވާހަކައެއްތޯ ބަލާލަން ބޭނުންވިއެވެ.

ހަމްޒާ ވަށައިގެން ހޯދާލިއެވެ. ނޫރާއާ ދިމާލަށް ބަލަން ހުރެވުނުކަމުން ހުމޭޒާ ދިޔަ ދިމާލެއް ހަމްޒާއަކަށް ނޭގުނެވެ. ހުމޭޒާ ފެންނަން ނެތުމުން ހަމްޒާ ގުޅާލިއެވެ.

''ކީކޭ ހަމްޒާ.......... ގެއަށް ދާންވީތަ........ އެއްޗެއް ކައިފިންތަ މިހާރު؟.........'' ހުމޭޒާ ފޯނަށް ޖަވާބު ދެމުން އަހާލިއެވެ.

''ނޫނޭ ފަތިހު ކޮފީއެއް ބޯލިން.......ބަނޑުހައެއް ނުވޭ...... ތުއްތަ ކޮންތާކު؟.........'' ހަމްޒާ އޮޅުންފިލުވަން ބޭނުންވީ ހުމޭޒާ ހުރިތަނެކެވެ.

''ތިރިއަށް މިދަނީ ........... ލިފްޓްތައް ބާރުބޮޑުކަމުން އަދި މަޑުކޮއްލައިގެން މިހުރީ ލިފްޓްތައް ކައިރީ..........'' ހުމޭޒާ ބުނެލިއެވެ. ހުމައިރާ ނިކަން ހަމަޖެހިލާފައި ހުމޭޒާގެ އިނގިލީގައި ހިފާލައިގެން ހުއްޓެވެ.

މާ ގިނައިރުތަކެއް ނުވެ ހަމްޒާ އެތަނަށް އައެވެ.

''މީ.........؟؟.....'' ހުމޭޒާގެ އަތުގައި ހިފާލައިގެން ހުރި ހުމައިރާއަށް އިޝާރާތް ކޮއްލަމުން ހަމްޒާ އަހާލިއެވެ. އެއީ ނޫރާގެ ދަރިފުޅުކަން އެނގުނަސް އެސުވާލު އޭނާ ކޮށްލިއެވެ.

''ނޫރާގެ ދަރިފުޅު........ އަހަރެން ބުނެގެން ބެހެއްޓީ........ އިރުކޮޅަކުން ގެންދާނަން ނޫރާކައިރިއަށް........'' ހުމޭޒާ ހުމައިރާ ނަގާ އުރާލިއެވެ. އަދި ލިފުޓުން ޖާގަ ލިބުމާއެކު އަވަސް އަވަހަށް ލިފްޓް ތެރެއަށް ދެމިގަތެވެ. ހަމްޒާވެސް މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ލިފްޓަށް އެރިއެވެ. ހުމޭޒާ އާ ތަންކޮޅެއް ދުރުގައި ހުންނަން ޖެހުނަސް ހަމްޒާގެ ނަޒަރު ހުމޭޒާގެ އުރުގައި އިން ނޫރާގެ ދަރިފުޅުގެ މޫނުން ވަކިކޮށެއް ނުލެވުނެވެ. މީހުންގަނޑުގެ ތެރެއިން އަރިއަރި ވެގެންވެސް އޭނާއަށް ބެލެނީ ހުމައިރާއަށެވެ.

ހޮސްޕިޓަލުގެ އެންމެ ތިރީގައި ހަދާފައިވާ ޕާކުތެރެއަށް ވަދެވުމާއެކު ހުމައިރާ ފައިބަންވެގެން އުޅެގަތެވެ. އެހެންކަމުން  ބިންމައްޗަށް ހުމައިރާ ދޫކޮށްލުމަށްފަހު ގާތުގައި ހުރި ބެންޗުގައި ހުމޭޒާ އިށީނެވެ. ބިންމައްޗަށް ބޭލުމުން އުފަލުންގޮސް ހުމައިރާ ހުރީ ފަރިވެ ފޮޅިފައެވެ. ފަޅާފައިވާ މަދު ދަތްތައް ދައްކާލައިގެން ހުރެ އެކި ކޮޅުކޮޅަށް ހިނގަން ފެށިއެވެ. މާފަރިތަ ނޫނަސް ނުވެއްޓި ހިނގަން މިހާރު ހުމައިރާއަށް އެނގެއެވެ.

''ތުއްތާ....... ނޫރާ ރުއީ ކީއްވެ؟.......'' ހުމޭޒާ އިށީނދެ އިން ބެންޗުގައި އިށީންނަމުން ހަމްޒާ ސުވާލުކޮއްލިއެވެ.

''ހަމްޒާ މަތިން ހަނދާންވެގެން........'' އެއްވެސް ޖެހިލުމެއްނެތި ހުމޭޒާ ޖަވާބުދިނެވެ. އެ ޖަވާބުގެ ސަބަބުން ހަމްޒާގެ ނިތްކުރިން އެތަކެއް ރުލެއް ފާޅުވިއެވެ.

''ދެން ސަމާސަ ނުކޮށް ބުނެބަލަ.......... ތުއްތަ ހަމަ ސީރިއަސް ނުވާނެ މިކަހަލަ އެއްވެސް ވަގުތެއްގަ.........'' ހަމްޒާ ހީކުރީ ހުމޭޒާ ސަމާސަ ކުރަނީ ކަމަށެވެ.

''ސަމާސައެއް ނޫނޭ......... ހަމްޒާ މަތިން ހަނދާންވެގެން އޭނާ ލޮލުން ކަރުނަ އައީ........ ރުއީކީ ނޫނޭ........ '' ހުމޭޒާ ފަރުވާތެރިކަމާއެކު ހަމްޒާގެ މޫނަށް ބަލާލިއެވެ.

''ތީ ދޮގު......... މިހާރު ނޫރާ އަހަރެން މަތިން ހަނދާނެއް ނުވާނެ........ ހަނދާން ކުރާކަށް ބޭނުމެއްވެސް ނުވާނެ.......'' ދުރަށް މޫނު އަނބުރާލަމުން ހަމްޒާ ބުނެލިއެވެ. އެއީ އޭނާއަށް ޤަބޫލުކުރެވޭ ގޮތެވެ. ލަޔާލް ދެއްކި ވާހަކަތައް އަޑުއެހުމަށްފަހުވެސް އޭނާއަށް އަދިވެސް ޤަބޫލު ކުރެވެނީ އެގޮތަށެވެ.

''އެހެންވިއްޔާ ހަމްޒާ އަޅުވައިދިން އަނގޮޓި ކީއްވެޔޯ ނޫރާ އިނގީލީގައި އަދިވެސް އެއޮތީ ......... އަހަރެން ބުނިން އަނގޮޓި ނަގާފަ ދީބަލާށޭ ބަލާލަން.......  އެއަނގޮޓި އެޅިގޮތަށް އަދި އެންމެ ފަހަރަކުވެސް އިނގިއްޔާ ވަކި ނުކުރަމޭ ނޫރާ ބުނީ........ގައިމު ކަމެއްވީމަތާ.........'' ހުމޭޒާ އޮޅުން ފިލުވައިދިނެވެ.

''ހަމްޒާ މަތިން ހަނދާން ނުވާނަމަ ކީއްވެ އެ އިނގިލިން ނަގަންވެސް އޭނާ ބޭނުން ނުވީ........ '' ހުމޭޒާ ބުނީ އޭނާއަށް ޤަބޫލު ކުރެވުނު ގޮތެވެ.

ހަމްޒާއަށް ވިސްނާލަން މަޖުބޫރުވިއެވެ. ނޫރާގާތު އެ އަނގޮޓި އިނގިއްޔާ ވަކި ނުކުރަން ހަމްޒާ ބުނިކަމާ ނޫރާ އެކަމަށް ވަޢުދުވީކަން ހަމްޒާ ހަނދާން އެބަހުއްޓެވެ. އެރޭގެ މަންޒަރުތައް ހަމްޒާގެ ސިނކުޑީގައި ނިއުޅިގެންފިއެވެ. ނޫރާގެ މައުސޫމު މޫނު ލޯ ކުރިމަތިން ސިފަވުމާއެކު ހަމްޒާގެ މޫނުމައްޗަށް އުދާސްކަން ވެރިވެއްޖެއެވެ. ނުތަނަވަސް ވަމުންދިޔަ ހިތަށް ތަފާތު އަސަރުތަކެއް ކުރުވައިފިއެވެ. ލަޔާލް ދެއްކި ވާހަކަތަކާ އެމަންޒަރު ގުޅުވާލެވުނެވެ.  ހަމްޒާ ހާސްވާން ފެށިއެވެ. އޭނާ ބޭނުމީ އެކަނިވެލާށެވެ. ގެއަށް ގޮސް އޮށޯވެލަން ބޭނުންވިއެވެ. ނޫރާ މަތިން ހަނދާންކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ޚިޔާލުތަކާ ދުރަށްދިއުމަށްޓަކައި ގެއަށްގޮސް ނިދާލަން އޭނާ ބޭނުންވިއެވެ.

''ހުމައިރާ......... އާދޭ މިކޮޅަށް.......'' ހުމޭޒާ ގޮވާލީ އެމީހުން ތިބި ހިސާބާ ތަންކޮޅެއް ދުރަށް ހުމައިރާ ދާންފެށުމުންނެވެ.

''ހުމައިރާ.........؟......'' ހަމްޒާއަށް އެ ނަން ތަކުރާރުކޮއްލެވުނެވެ. އެއްފަހަރަކު ނޫނެވެ. އެނަން އޭނާއަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. ޔަޤީން ނުކުރެވޭފަދަ ގޮތަކަށް އޭނާ ބަލާލީ ހުމޭޒާގެ މޫނަށެވެ.

''އާނ....... ނޫރާގެ ދަރިފުޅަށް ކިޔަނީ ހުމައިރާ......... ވަރަށް ގުޅޭދޯ އަހަރެންމެންގެ ނަމާވެސް.........'' ހުމޭޒާ ހިތަށްއައި އެއްޗެއް އެއްވެސް ފިކުރެއްނެތި ހާމަކޮއްލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް