ރާއްޖެ އައި ޑައިވަރުންގެ ތެރޭގައި "ޑައިވިން ޓު ދި އަންނޯން" ގެ ދެ ޑައިވަރުން - އެއީ ނޯވޭގެ ޕްލޫރާ ކޭވްގެ 100 މީޓަރު ފުނުން ދެ މީހެއްގެ ހަށިގަނޑު ނެރުނު ހާދިސާ

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް މިއަދު ރާއްޖެ އައި ފިންލެންޑުގެ ތިން ޑައިވަރުންގެ ތެރެއިން ދެ ބޭފުޅުންނަކީ، 2014 ގައި ނޯވޭގެ ޕްލޫރާ ކޭ...

17 May 2026 | 11:49
ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޯންކްވިސްޓް -

ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޯންކްވިސްޓް -

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް މިއަދު ރާއްޖެ އައި ފިންލެންޑުގެ ތިން ޑައިވަރުންގެ ތެރެއިން ދެ ބޭފުޅުންނަކީ، 2014 ގައި ނޯވޭގެ ޕްލޫރާ ކޭވް އިން 100 މީޓަރަށް ވުރެ ފުނުން ދެ މީހެއްގެ ހަށިގަނޑު ނެރުނު ހައި-ރިސްކް ރިކަވަރީ މިޝަނުން ބައިނަލްއަޤުވާމީ ގޮތުން މަޝްހޫރުވީ ޑައިވަރުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޭރުގެ މީޑިއާތައް ބުނާ ގޮތުން ފިންލެންޑް ޓީމުގައި ހިމެނެނީ ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޯންކްވިސްޓް އަދި ޖެނީ ވެސްޓަލަންޑެވެ. ސާމީ އާއި ޕެޓްރިކް ބައިނަލްއަޤުވާމީ ގޮތުން މަޝްހޫރުވީ 2016 ގައި ނެރުނު "ޑައިވިން އިންޓު ދި އަންނޯން" ޑޮކިއުމެންޓަރީ އިންނެވެ. އެ ޑޮކިއުމެންޓަރީ ކިޔައިދެނީ 2014 ގައި ނޯވޭގެ ޕްލޫރާ ކޭވް ގައި ހިނގި ހާދިސާއެއްގައި ނިޔާވި ދެ ފިންލެންޑް ޑައިވަރުންގެ ހަށިގަނޑު، ނޯވޭ ސަރުކާރުން "މާ ނުރައްކާ" ކަމަށް ބުނެ ހޯދުން ހުއްޓައިލުމުން، ސާމީ އާއި ޕެޓްރިކް ހިމެނޭ ގުރޫޕުން އަމިއްލަ އަށް ހިންގި ހިތްވަރުގަދަ ރިކަވަރީ މިޝަންގެ ވާހަކައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ސީއެންއެން އަށް ވިދާޅުވީ "އެ ބޭފުޅުން ރެކޮމެންޑް ކުރީ އިޓަލީ އިން. ދުނިޔޭގެ އެކި ތަންތާ ޑީޕް އަދި ކޭވް ޑައިވް ކޮށްފައި ވާ ބައެއް" ކަމަށެވެ. ހަތަރު ވަނަ ތަޖުރިބާކާރެއް ވެސް މިއަދު ގުޅޭނެ ކަމަށާއި، އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން ޚާއްޞަ ސާމާނު ވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ފިންލެންޑް ޓީމް ފޮނުވީ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) އިންނެވެ. ޑޭން ޔޫރޮޕްގެ ސީއީއޯ ލައުރާ މައްރޯނީ ވިދާޅުވީ ކޭވް އެންޓްރެންސް ހުރީވެސް 55-60 މީޓަރު ފުނުގައި ކަމަށާއި ކޭވް ސިސްޓަމް ސަތޭކައެއްހާ މީޓަރަށް ގިނަ ޗެމްބަރާއި ހަނި ދޭތެރެ ތަކުން ދެމިގެންދާ ކަމަށެވެ.

"ތާށިވި ފަރާތްތައް ތިބެދާނީ ވާސިލް ވާން ދަތި ހިސާބުތަކުގައި - ކޮންމެ މަރުހަލާ އެއް ވަރަށް ފަރުވާތެރިކޮށް ޕްލޭން ކުރަން ޖެހޭ" އޭނާ ވިދާޅުވިއެވެެ.

ފިންލެންޑް ޓީމް މިއަދު ސާމާނު ތައްޔާރު ކޮށް، މާދަމާ (18 މެއި) ހެނދުނު ޑައިވް ފަށާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް