N/A
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ފަސް އިޓަލީ ޑައިވަރުން ނިޔާވި ހާދިސާގައި، ޑައިވަރުން ބޭނުން ކުރީ ޢާދައިގެ ރިކްރިއޭޝަނަލް ޑައިވިން ގިއާ ކަމަށާއި، ފުން ކޭވް ޑައިވިން އަށް ބޭނުންވާ ޓެކްނިކަލް ސާމާނު ނޫން ކަމަށް، ދަތުރު ރޭވި ޓުއާ އޮޕަރޭޓަރ އަލްބަޓްރޮސް ޓޮޕް ބޯޓުން ބުނެފިއެވެ.
އަލްބަޓްރޮސް ޓޮޕް ބޯޓުގެ ލޯޔަރ އޮރިއެތާ ސްޓެއްލާ، އިޓަލީގެ ކޮރިއެރެ ޑެއްލާ ސެރާ ނޫހަށް ވިދާޅުވީ، 30 މީޓަރަށް ވުރެ ފުނަށް ފީނާން ގުރޫޕުން ރޭވި ކަމެއް ނޭނގޭ ކަމަށެވެ. ރާއްޖޭގައި 30 މީޓަރަށް ވުރެ ފުނަށް ފީނުމަށް ކަނޑުގެ ކަމާ ބެހޭ ފަރާތްތަކުގެ ޚާއްޞަ ހުއްދައެއް ބޭނުންވާ އިރު، "އެ ކަން އެނގުނު ނަމަ ހުއްދައެއް ނުދިނީސް" ކަމަށް ވެސް ވިދާޅުވިއެވެ.
ލޯޔަރ ވިދާޅުވީ ރޭވީ ސްޓެންޑާޑް ޑެޕްތުގައި ކޮރަލް ސާމްޕްލިން ހެދުމުގެ ސައިންޓިފިކް ކްރޫޒެއް ކަމަށެވެ. ހޮހޮޅައަށް ވެދެ 50 މީޓަރު ފުނަށް ފީނުމަކީ ރޭވިފައި އޮތް ކަމެއް ނޫން ކަމަށެވެ.
މި ވާހަކައިން ބޮޑު ސުވާލެއް ފެންމަތި ވެއެވެ. ޑައިވިން ނޫސް ޑައިވާނެޓުން ކުރިން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، "ޑިއުކް އޮފް ޔޯކް" ބޯޓުން ޓެކްނިކަލް އަދި ރީބްރީދާ ޑައިވަރުންނަށް ވެސް ޚިދުމަތް ދެއެވެ. ނަމަވެސް ޓުއާ އޮޕަރޭޓަރ ބުނަނީ ފީނީ ޢާދައިގެ ސާމާނު ބޭނުންކޮށްގެން ކަމަށެވެ.
ލޯޔަރ އިތުރަށް ސާފު ކޮށްދެއްވީ، އަލްބަޓްރޮސް ޓޮޕް ބޯޓުން ހަމައެކަނި ކުރީ ކްރޫޒް މާކެޓް ކުރުން ކަމަށެވެ. ބޯޓު އެ ކުންފުނީގެ މިލްކެއް ނޫން ކަމަށާއި، ކްރޫ ވެސް ލޯކަލީ ހަޔާ ކުރީ ކަމަށެވެ. ބޯޓު ހިންގަނީ ރާއްޖޭގެ ލަގްޒަރީ ޔޮޓް މޯލްޑިވްސް ކުންފުނިންނެވެ.
ޓޫރިޒަމް ވުޒާރާ އިން ވަނީ ތަޙުޤީޤު ނިމެންދެން ޑިއުކް އޮފް ޔޯކް ބޯޓުގެ ލައިސެންސް ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް